އަލްފާޟިލް މުޙައްމަދު ޢަލީ
ހ. އެފޯނިޔަމްގެ

މުޙައްމަދު ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 މާރިޗު 1986ގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސެކިއުރިޓީ އޮފިސަރުގެ ވަޒީފާގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ފަޔަރމަން (ޓްރޭނީ) ކަމާއި، ފަޔަރމަން ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަޔަރމަން ކަމާއި، ލީޑިންގ ފަޔަރމަން ޑްރައިވަރު ކަމާއި، ސަބް އޮފިސަރު ކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. މުޙައްމަދު ޢަލީ، ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ފަޔަރ އޮފިސަރުގެ މަގާމުގައެވެ. ރިޓަޔަރ ކުރެއްވީ ބައްޕަގެ ޞިއްޙީ ހާލު ހުރި ގޮތުން ޢާއިލާގެ އެހެން މެންބަރުންނާ އެކީގައި ބައްޕައަށް ޚިދުމަތް ކުރެއްވުމަށް ހުންނެވުމަށެވެ.

މުޙައްމަދު ޢަލީ، އެއަރޕޯޓް އިމަރޖެންސީ ސަރވިސަސްގައި އެންމެ ޖޫނިއަރ ރޭންކުން ފެށިގެން ފަޔަރމަންއާ ހަމައަށް ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އެއަރޕޯޓުގައި ދިމާވި އެއަރ ކްރާފްޓް އިމަރޖެންސީ ތަކާއި، ފަޔަރ އިމަރޖެންސީ ތަކާއި، މެޑިކަލް އިމަރޖެންސީ ތަކާއި، ޤުދުރަތީ ކާރިސާތަކުގައި މުޙައްމަދު ޢަލީ ކޮމާންޑަރެއްގެ ގޮތުގައި ހުންނަވައިގެންނާއި، ކޮމާންޑަރުގެ އެހީތެރިޔާގެ ގޮތުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތައްވެސް ހިމެނެއެވެ. މީގެއިތުރަށް، މާލޭގައި ހިނގައިދިޔަ އަލިފާނުގެ ބޮޑެތި ބައެއް ކާރިސާތަކުގައި، އަމިއްލައަށް އިސްނަންގަވައިގެންނާއި، ކުންފުނީގެ ފަރާތުން ކޮމާންޑަރެއްގެ ހައިސިއްޔަތުން ޖެހިލުންވެވަޑައިގަތުމެއް ނެތި، ހިތްވަރާއި، ކެރުމާއި، ފަރުވާތެރިކަމާއެކުގައި ވަރަށް ފުރިހަމައަށް މަސައްކަތް ކުރައްވައިފައި ވެއެވެ. މިގޮތުން، 20 ސެޕްޓެންބަރު 2019 ގައި، ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، މުޙައްމަދު ޢަލީ ދެއްކެވި އާދަޔާ ޚިލާފު ހިތްވަރާއި، ބޮޑެތި ހާދިސާތަކުން ރައްޔިތުން ސަލާމަތް ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން މުޙައްމަދު ޢަލީއަށް ވަނީ، ގޯލްޑް މެޑެލެއް އަރުވައިފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ބައިވެރިވާ ފުޓްބޯޅަ މުބާރާތްތަކުގައި، ޓީމުގެ ކޯޗުގެ ގޮތުގައި މުޙައްމަދު ޢަލީ މަސައްކަތް ކުރައްވައި، ޓީމަށް ރަން ވަނަތަކެއް ހޯއްދަވައި ދެއްވައިފައި ވެއެވެ. އަދި، މަސައްކަތް ކުރެއްވި ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތްތައް އިންތިޒާމު ކުރައްވައި، މުވައްޒަފުންގެ ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކަސްރަތު ޕުރޮގުރާމުތައް ހިންގަވައި، ލީޑް ކުރައްވައިފައި ވެއެވެ.

މުޙައްމަދު ޢަލީ ވަނީ، ފަޔަރ ސަރވިސަސްއާއި، އޭވިއޭޝަން ދާއިރާއާ ގުޅުންހުރި މުހިންމު ޓްރޭނިންގތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފުރިހަމަކުރައްވައިފައެވެ. މިގޮތުން، ސްރީލަންކާގެ އެއަރޕޯޓް އެންޑް އޭވިއޭޝަން ސަރވިސަސް ލިމޓެޑުގައި 11 ފެބުރުވަރީ 1988 އިން 19 މާރިޗް 1998 އަށް ހިންގުނު އެޑްވާންސްޑް ފަޔަރ ފައިޓަރ ކޯހުގައި ބައިވެރިވެވަޑައިގެން ބެސްޓް ފަޔަރ ފައިޓަރ ޓްރޮފީ ހޯއްދަވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި، ހިތްވަރު ދިނުމުގެ ހަނދާނީ ލިޔުން، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީން 18 އޮގަސްޓު 1998 ގައި މުޙައްމަދު ޢަލީއަށް ދެއްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މުޙައްމަދު ޢަލީއަކީ، ރާއްޖޭގައި އުފެދުނު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ދަނޑުމަތީގެ މަޝްހޫރު ނަމުން ދަންނަވާނަމަ، އެފޯނިޔަމް ޙަލީމަކީ، 1987ވަނަ އަހަރު ފުޓްބޯޅައިން ރާއްޖެއަށް ފުރަތަމަ ސިލްވަރ މެޑެލް ހޯދައިދިން ޤައުމީ ޓީމުގެ ކުޅުންތެރިއެއްވެސް މެއެވެ. މުޙައްމަދު ޢަލީ ވަނީ، 2004 ން 2008 އަށް ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗުކަންވެސް ކުރައްވައިފައެވެ.