އަލްފާޟިލް ޢަލީމަނިކު
އަމާނާތް ތ. ގުރައިދޫ

ޢަލީމަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ތ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއިން 1989 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރު ދުވަހުގެ ތެރޭގައި، ތ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރު ކަމާއި، ލީޑިންގ ޓީޗަރު ކަމާއި، ސީނިއަރ ލީޑިންގ ޓީޗަރު ކަމާއި، ސުޕަވައިޒަރުކަން ކުރައްވައިފައި ވެއެވެ. ޓީޗަރުގެ މަގާމުގައި ހުންނަވައިގެން ސީނިއަރ ލީޑިންގ ޓީޗަރުގެ މަސްއޫލިއްޔަތުވެސް ޢަލީމަނިކު މިހާރު އަދާކުރައްވަމުން ގެންދަވައެވެ.

ތ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ އުނގެނުމާއި، އުނގަންނައިދިނުމުގެ މަސައްކަތުގެ އިތުރުން، މުޖުތަމަޢަށް ނުކުންނައިރު، ދަރިވަރުންނަކީ މުޖުތަމަޢު ބަލައިގަންނަ ކުދިބަޔަކަށް ހެއްދެވުމަށް ރަނގަޅު ތަރުބިއްޔަތެއް އެ ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި، ދަރިވަރުންގެ ކިބައިގައި ޤައުމީ އަދި ވަޠަނީ ރޫޙު އާލާކުރުމަށް ޢަލީމަނިކުގެ ސީދާ ބެއްލެވުމުގެ ދަށުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަވައިފައި ވެއެވެ. މިގޮތުން، ސްކައުޓް ހަރަކާތް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ޢަލީމަނިކުގެ އިސްނެންގެވުމާއެކު، ސްކޫލުގެ އެންމެހައި ކުލާސްތައް ސުޕަވައިޒް ކުރެއްވުމާއި، ކިޔަވައިދިނުމުގެ އިތުރަށް، ސްކޫލާއި ބެލެނިވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމުގެ ގޮތުން، ސްކޫލުގެ ޕީ.ޓީ.އޭ. އާއި، ދަރިވަރުންގެ ޖަމުޢިއްޔާ ވަރަށް ފުރިހަމައަށް ހިންގެވިއެވެ. މީގެއިތުރުން، މަދަރުސާގެ އިސް ވެރިޔަކު ނެތް ކޮންމެ ހިނދެއްގައިވެސް މަދަރުސާ ހިންގެވުމުގައި އިސް ވެރިއެއްގެ ގޮތުގައި ހީވާގިކަމާއި މުރާލިކަމާއެކުގައި މަސައްކަތް ކޮށްދެއްވައިފައި ވެއެވެ.

ޢަލީމަނިކަކީ، 2019ވަނަ އަހަރު، ވިލާ ކޮލެޖުން ބެޗްލަރ އޮފް ޓީޗިންގ ދިވެހި ލޭންގުއޭޖް ކޯސް ފުރިހަމަކުރައްވައި އަދި 2021ވަނަ އަހަރު ވިލާ ކޮލެޖުން، މާސްޓަރ އޮފް ޓީޗިންގ ދިވެހި ލޭންގުއޭޖް ކޯސްވެސް ފުރިހަމަކުރައްވައިފައިވާ ބޭފުޅެކެވެ. ލިބިވަޑައިގެންނެވި މައުލޫމާތާއި ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ޢަލީމަނިކު ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދަވައެވެ.

ތ. އަތޮޅު މަދަރުސާގެ ދިގު ތާރީޚުގައި އެ ސްކޫލަށް އެންމެ ޚިދުމަތްތެރި މަދަދުގާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަލީމަނިކަކީ، މަޑުމައިތިރި، ހިތްހެޔޮ، އެކުވެރި ބޭފުޅެކެވެ. އަދި މަސައްކަތުގައި ދުވަހުގެ ގިނަ ވަގުތު ހޭދަކުރައްވާ، އިޚުލާޞްތެރި ބޭފުޅެއްވެސް މެއެވެ.