އަލްފާޟިލާ ޝާހީން މުޙައްމަދު
ދަޑިމަގު. ނިރު، ޏ. ފުވައްމުލައް

ޝާހީން މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ފެބުރުވަރީ 1989 ގައި، ޕްރައިމަރީ ޓީޗަރެއްގެ މަގާމުގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަދި 9 ޖަނަވަރީ 1993 ގައި މަދްރަސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލަށް ބަދަލުވެވަޑައިގެން ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. އެ ސްކޫލްގައިވެސް ފުރަތަމަ އަދާކުރެއްވީ، ޕްރައިމަރީ ޓީޗަރު ކަމެވެ. އޭގެފަހުން، ސުޕަވައިޒަރު ކަމާއި، ގުރެޖުއޭޓް ލީޑިންގ ޓީޗަރު ކަމާއި، ގުރެޖުއޭޓް ޓީޗަރުކަމާއި، ގުރެޖުއޭޓް ޓީޗަރ (ދިވެހި) ކަމާއި، ޓީޗަރ (ދިވެހި) ކަމާއި، ސީނިއަރ ޓީޗަރ (ދިވެހި)ގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މަދްރަސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލުގައި، 2020ވަނަ އަހަރު، ސެކަންޑަރީ އުފެދުމާ ގުޅިގެން، ޝާހީން މުޙައްމަދު ކިޔަވައިދެއްވަމުން ގެންދަވަނީ، ސެކަންޑަރީ ކްލާސްތަކަށެވެ. އަދި، މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ދިވެހި ޑިޕާޓްމަންޓުގެ ހެޑްކަންވެސް ކުރައްވަމުން ގެންދަވައެވެ. ދިވެހި ޓީޗަރެއްގެ މަގާމުގައި ހުންނަވައިގެން، މި ދާއިރާއިން އިތުރަށް ކިޔަވާ ވިދާޅުވާން ފަށްޓަވައި، 2022ވަނަ އަހަރު، ޝާހީން މުޙައްމަދު ވަނީ، ދިވެހި މާއްދާއިން މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވައިފައެވެ.

ޝާހީން މުޙައްމަދު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއިރު، އެ ސްކޫލްގެ 4 ހައުސްގެ ތެރެއިން، ޝަނިވިރާޒާ ހައުސްގެ ޓީޗަރ އިންޗާރޖްކަން ކުރައްވައިފައި ވެއެވެ. ފުރަތަމަ ފަހަރަށް، ފުވައްމުލަކުގައި ގާރލްގައިޑް ހަރަކާތް ފަށްޓައި، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އެ ހަރަކާތް ކުރިއަށް ގެންދަވަން ފެށްޓެވީވެސް ޝާހީން މުޙައްމަދު އިސްވެ ހުންނަވައިގެންނެވެ. އަދި، މަދްރަސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލުގައިވެސް ގާރލްގައިޑުގެ ހަރަކާތްތައް ފެށްޓެވީ، ޝާހީން މުޙައްމަދު އިސްވެ ހުންނަވައިގެންކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެއިތުރުން، ޝާހީން މުޙައްމަދު ވަނީ، އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވަވަމުން ގެންދަވާ ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތަށް، ފުވައްމުލަކުގެ ސްކޫލަކުން އެންމެ ފުރަތަމަ ފަހަރަށް ބައިވެރިވި ދަރިވަރުންނާ އެކުގައި މާލެއަށް ވަޑައިގެންފައެވެ. އަދި، ތިން ފަހަރެއްގެ މަތީން މި މުބާރާތުގައި ބައިވެރިވެ ވާދަކޮށްފައި ވެއެވެ. ޝާހީން މުޙައްމަދު ވަނީ، މަދްރަސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ގާރލްގައިޑް އިންޗާރޖް ކަމާއި، ދިވެހި ކުލަބުގެ ޓީޗަރ އިންޗާރޖް ކަމާއި، ހައުސް އިންޗާރޖްކަންވެސް ކުރައްވައިފައެވެ.

ޝާހީން މުޙައްމަދަކީ، ދިވެހިބަހުން ލިޔެކިޔުމަށް ލޯބިކުރައްވާ ބޭފުޅަކަށް ވުމާއެކު، ލިޔުންތެރިކަމުގެ މަސައްކަތާއި، ޅެމާއި ލަވައާއި އަދި މަދަޙަ ހެއްދެވުމުގެ މަސައްކަތްވެސް ކުރައްވައެވެ. އެންމެ ކުރާހިތްވާހިތްޕުޅުން ކުރައްވާ މަސައްކަތަކީ، ވާހަކަ ލިޔުއްވުމެވެ. ޝާހީން މުޙައްމަދުގެ ވާހަކަތައް، 2017ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އޮންލައިން ފަސް ނޫހެއްގައި ޝާއިޢުކޮށްފައި ވެއެވެ. އަދި ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި ދެ އަހަރަކު ބައިވެރިވެވަޑައިގެން، ވަނަ ހާސިލު ކުރައްވައިފައިވެސް ވެއެވެ.