އަލްފާޟިލާ އާމިނަތު ޙަލީމް
މ.ފްލޭގް

 

އާމިނަތު ޙަލީމް ނުވަތަ އޭނާ އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވާ ނަމުން ދަންނަވާނަމަ [ދިލް] އަކީ، ނެޓްބޯޅައިގަޔާއި ބާސްކެޓްބޯޅައިގައި ނަންހިނގާ އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވަރަށް މަޝްހޫރު ކުޅުންތެރިއެކެވެ. ނެޓްބޯޅައާއި ބާސްކެޓް ކުޅުމަށް، މަދްރަސީ ދައުރުއްސުރެ އާމިނަތު ޙަލީމުގެ ހިތްޕުޅުގައި ވަރަށްބޮޑު ޝައުޤުވެރިކަމެއް އުފެދިފައިވެއެވެ. ނެޓްބޯޅައިގައި އޭނާ މަޝްހޫރުވެގެން އައީވެސް މަދްރަސީ ދައުރުގައެވެ.
 
މަދްރަސީ ދައުރަށްފަހު، އާމިނަތު ހަލީމް ދެން ފެނިގެންދިޔައީ، ނެޓްބޯލް އެސޯސިއޭޝަންގެ ޗެމްޕިއަންޝިޕް މުބާރާތުންނެވެ. 1996 ވަނަ އަހަރުން ފެށިގެން ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވިދިވިދިގެން 3 އަހަރު ކްއީން އޮފް ދަ ސީރީޒްގެ މަގާމު އާމިނަތު ޙަލީމް ހާސިލު ކުރެއްވިއެވެ. އަދި ބެސްޓް ޝޫޓަރގެ މަގާމު، 7 ފަހަރު ހޯއްދެވިއެވެ. ޤައުމީ ނެޓްބޯޅަ މުބާރާތަށް ބަލާއިރު، ބެސްޓް ޝޫޓަރުގެ މަގާމު ދެފަހަރު، އަދި ބެސްޓް އެޓޭކަރުގެ މަގާމު، އެއްފަހަރު ހޯއްދަވާފައިވެއެވެ.
 
އާމިނަތު ޙަލީމަކީ، ބައިނަލްއަޤްވާމީ ނެޓްބޯޅަ މުބާރާތްތަކުގައިވެސް ރާއްޖެ ތަމްސީލުކޮށްދެއްވާފައިވާ ކުޅުންތެރިއެކެވެ. މިގޮތުން، ރާއްޖެއިން ބޭރަށްދިޔަ ޤައުމީ ނެޓްބޯޅަ ޓީމުގެ ކެޕްޓަންކަން 4 ފަހަރު ކުރައްވާފައިވެއެވެ. 1997 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ނެޓްބޯލް ޗެމްޕިއަންޝިޕް މުބާރާތުގައި، ރިހިމެޑެލް ހޯދި ޓީމުގެ ކެޕްޓަނަކީވެސް، އާމިނަތު ޙަލީމެވެ.
 
ނެޓްބޯޅަ ކުޅުއްވުމުގެ ތެރެއިން މާލޭގެ ބައެއް ސްކޫލްތަކުގެ ޓީމުތަކަށް އޭނާ ކޯޗް ކޮށްދެއްވަމުންވެސް ގެންދަވާފައިވެއެވެ. އަދި ބައެއް ރަށްރަށަށް ވަޑައިގެން، ކޯޗިންގ ކޭމްޕްތައްވެސް ހިންގަވައިދެއްވާފައިވެއެވެ.
 
ނެޓްބޯޅަ ކުޅުއްވުން މިހާރު އޭނާ ހުއްޓަވާލައްވާފައިވީނަމަވެސް، ނެޓްބޯޅަ ކޯޗެއްގެ ގޮތުގަޔާއި، އަދި އަމްޕަޔަރެއްގެ ގޮތުގައި، އާމިނަތު ޙަލީމްގެ ޚިދްމަތް މެދުނުކެނޑި ދަނީ ލިބެމުންދެއެވެ. އަދި އަމްޕަޔަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވައެވެ. ޤައުމީ ފެންވަރުގައި ނެޓްބޯޅަ ކުޅުއްވުން ހުއްޓަވާލެއްވީ، ޒުވާން ކުޅުންތެރިންނަށް މި ކުޅިވަރުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށްޓަކައެވެ. އެހެންނަމަވެސް، ވަޒީފާ އަދާކުރައްވާ އޮފީހުގެ ޓީމަށް މިހާރުވެސް އޭނާ ކުޅުއްވައެވެ.
 
ނެޓްބޯޅަ ކުޅުއްވުމުގެ އިތުރުން، 1994 ވަނަ އަހަރުން ފެށިގެން ބާސްކެޓްވެސް އޭނާ ގެންދެވީ ކުޅުއްވަމުންނެވެ. 1994 ވަނައަހަރު ބޭއްވުނު އިންޓަރސްކޫލް ބާސްކެޓް ބޯޅަ މުބާރާތުން ފެށިގެން ކްލަބް ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި އޭނާ ގެންދަވަނީ ކުޅުއްވަމުންނެވެ. ބާސްކެޓްބޯލް އެސޯސިއޭޝަނުން ބޭއްވި މުބާރާތްތަކުންނާއި، ޤައުމީ މުބާރާތްތަކުންނާއި، އޮފީސްތަކުގެ މެދުގައި ބާއްވާ މުބާރާތްތަކުން އޭނާ ހޯއްދަވާފައިވާ ގިނަގުނަ ކާމިޔާބީތައް، މިކަމުގެ ހެތްކަކަށް ފުދެއެވެ. ޤައުމީ ބާސްކެޓްބޯޅަ މުބާރާތްތަކުން މިހާތަނަށް 4 އަހަރު އެންމެމޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނިވަޑައިގެންފައިވެއެވެ. އަދި މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން ބޭއްވި ޗެމްޕިއަންޝިޕް މުބާރާތްތަކުން އެންމެމޮޅު 5 ކުޅުންތެރިންގެ ތެރޭގައި 6 އަހަރު، އާމިނަތު ޙަލީމް ހިމެނިވަޑައިގެންފައިވެއެވެ. އަދި އޮފީސްތަކުގެ މެދުގައި ބޭއްވި ބާސްކެޓްބޯޅަ މުބާރާތްތަކުގައިވެސް އެންމެމޮޅު 5 ކުޅުންތެރިންގެ ތެރޭގައި 5 ފަހަރު އޭނާ ހޮވިވަޑައިގެންފައިވެއެވެ. ނެޓްބޯޅަ ކުޅުއްވުން ހުއްޓަވާލެއްވި ކަމަށްވިޔަސް، ބާސްކެޓް ކުޅުއްވުން ހުއްޓަވާލެއްވުމުގެ ޚިޔާލެއް އޭނާ އަދި ނުގެންގުޅުއްވައެވެ.
 
 އާމިނަތު ޙަލީމް ކުޅިވަރަށް ކުރައްވާފައިވާ ޚިދްމަތާއި، ހޯއްދަވާފައިވާ ކާމިޔާބީގެ އަގު ވަޒަން ކުރުމުގެ ގޮތުން، 2006 ވަނަ އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމުވެސް އޭނާއަށްވަނީ، ލިބިވަޑައިގެންފައެވެ.