ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޞިއްދީޤު ޢަބްދުލްޙަމީދު
ހުޅުމާލެ. ފްލެޓް 03-2-83

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޞިއްދީޤު ޢަބްދުލްޙަމީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ޕްރައިވެޓެއްގެ ރޭންކުގައި، 31 ޖަނަވަރީ 1989 ގައެވެ. އެން.އެސް.އެސް. ގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޞިއްދީޤު ޢަބްދުލްޙަމީދު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 1ގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޞިއްދީޤު ޢަބްދުލްޙަމީދު، ދިވެހި ޢަސްކަރިއްޔާއާ ގުޅިވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން، އެމް.އެން.ޑީ.އެފް. ކިޔު.އާރު.އެފް. ޔުނިޓުގައްޔާއި، ގާމާދޫ ސެކިއުރިޓީ ޔުނިޓުގައްޔާއި، ހެންވޭރު ޕޮލިސްގައްޔާއި، ފައިނޭންސް ޑިޕާޓްމަންޓުގައްޔާއި، އައްޑޫ ސިޓީ ސްޓޮކް އިންވެންޓްރީގައްޔާއި، ޕޮލިސްގައްޔާއި، އައްޑޫ ޓްރެފިކް ޕޮލިސްގައްޔާއި، ޓްރެފިކް އޮޕަރޭޝަން ޔުނިޓުގައްޔާއި، ވަޔަލޭޝަން އެންޑް ޓޯ ފެސިލިޓީޒް މެނޭޖްމަންޓް ޔުނިޓުގައްޔާއި، އަދި އެންޓި-ވަޔަލޭޝަން ޔުނިޓުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޞިއްދީޤު ޢަބްދުލްޙަމީދު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއި ކެރުމާއި ޢަޒުމާ އެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މީގެއިތުރުން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން، ކުއިކް ރިއެކްޝަން ފޯސް ޔުނިޓް 2ގެ ފަރާތުން 1998 ވަނަ އަހަރު ހިންގި ކޯހުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި އެ ޔުނިޓުގެ 4ވަނަ އަހަރީ ދުވަހާ ގުޅިގެން ޔުނިޓް ފެހިކުރުމުގެ ގޮތުން، ގަސް ހޯދުމަށް ހުޅުވައިލި ފުރުޞަތުގައި، އެންމެގިނަ ގަސް ހަދިޔާކޮށްދެއްވައި، އެކަމާ ގުޅޭ އެންމެހައި ހަރަކާތްތަކުގައި ޞިއްދީޤު ޢަބްދުލްޙަމީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. 2011ވަނަ އަހަރު ބޭއްވުނު ނައިޓް މާކެޓް ސެކިއުރިޓީ ބެލެހެއްޓުމުގައްޔާއި، 2014ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން އިރުވަރު" ގައްޔާއި، 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބްލޫ ވޭވް"ގައި ޞިއްދީޤު ޢަބްދުލްޙަމީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

2020ވަނަ އަހަރު، ކޯވިޑް-19އާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގައްޔާއި، 2021ވަނަ އަހަރު ރާއްޖޭގައި ބޭއްވި 13ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޞިއްދީޤު ޢަބްދުލްޙަމީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އިޚުލާޞްތެރިކަމާ އެކުގައި މަސައްކަތް ކޮށްދެއްވައިފައި ވެއެވެ. މީގެއިތުރުން، ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކުރަންޖެހުނު މަސައްކަތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޞިއްދީޤު ޢަބްދުލްޙަމީދު ސިފައިންގޭގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާ އެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 6 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚުލާޤީ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެލް، އަޚުލާޤީ މެޑެލް، ފުލުހުންގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، މިނިވަން 50ގެ މެޑެލް، ޖުމްހޫރީ 50ގެ މެޑެލް އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް ހިމެނެއެވެ.