ސާރޖަންޓް މޭޖަރ އޮފް އެމް.އެން.ޑީ.އެފް. ޢަދުނާން ޢަލީ
ހުޅުމާލެ. ފްލެޓްނަންބަރު 03-3-123

ސާރޖަންޓް މޭޖަރ އޮފް އެމް.އެން.ޑީ.އެފް. ޢަދުނާން ޢަލީއަކީ، ދިވެހި ދައުލަތަށް އަދި ދިވެހި ޢަސްކަރިއްޔާއަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. 1989ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ޢަދުނާން ޢަލީ މިހާރު ހުންނެވީ، އެމް.އެން.ޑީ.އެފް.ގެ އެންލިސްޓެޑް ކޯރގެ އެންމެމަތީ ރޭންކް ކަމަށްވާ ސާރޖަންޓް މޭޖަރ އޮފް އެމް.އެން.ޑީ.އެފް.ގެ ރޭންކުގައެވެ. މީގެއިތުރުން، މިހާރު އެންލިސްޓެޑް ކޯރ ތަމްސީލު ކުރައްވާ ސާރޖަންޓް މޭޖަރ އޮފް އެމް.އެން.ޑީ.އެފް.ގެ މަގާމުގައި ހުންނެވީވެސް ޢަދުނާނު ޢަލީއެވެ. އެހެންކަމުން، މުޅި އެންލިސްޓެޑް ކޯރގެ ހައިބަތާއި ޤަދަރު ހިފެހެއްޓެވުމުގެ ބުރަ މަސްއޫލިއްޔަތު މިހާރު އަދާކުރައްވަމުން ގެންދަވާ ބޭފުޅަކީ، ޢަދުނާން ޢަލީކަން ފާހަގަކޮށްލަންޖެހެއެވެ.

ސާރޖަންޓް މޭޖަރ އޮފް އެމް.އެން.ޑީ.އެފް. ޢަދުނާން ޢަލީގެ ޢަސްކަރީ ޚިދުމަތުގެ އެންމެބޮޑު ބައެއް ހޭދަކުރައްވައިފައި ވަނީ، ޢިއްޒަތްތެރިންގެ ސެކިއުރިޓީ ބެލެހެއްޓެވުމުގެ ދާއިރާގައެވެ. އެގޮތުން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޕަރސަނަލް ސެކިއުރިޓީ އޮފިސަރު ކަމާއި، ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ ސެކިއުރިޓީ އޮފިސަރުކަން ކުރެއްވުމުގެ އިތުރުން، ޢިއްޒަތްތެރިންގެ ސެކިއުރިޓީ އިންތިޒާމު ކުރެއްވުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި ރާއްޖޭގައި ބޭއްވުނު ސާރކް ސަމިޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓެވުމުގައި، އިޚުލާޞްތެރިކަމާ އެކުގައި ކުރައްވައިފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، ޢަދުނާން ޢަލީއަކީ، ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ތަފާތު ހަތަރު ދާއިރާއަކުން މަސައްކަތް ކޮށްދެއްވައިފައިވާ މަދު ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން، ސްވިމިންގ އިންސްޓްރަކްޓަރ ކަމާއި، ޑްރިލް އިންސްޓްރަކްޓަރ ކަމާއި، ވެޕަން އިންސްޓްރަކްޓަރ ކަމުގެ އިތުރުން، ބޮޑީގާޑް ޓްރޭނިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައިވެސް ޢަދުނާން ޢަލީ ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ސާރޖަންޓް މޭޖަރ އޮފް އެމް.އެން.ޑީ.އެފް. ޢަދުނާން ޢަލީއަކީ، ސިފައިންގެ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، ފެތުމުގެ މުބާރާތްތަކުގައި ފެތުންތެރިއެއްގެ ގޮތުންނާއި، ކޯޗެއްގެ ގޮތުން ހޯއްދަވައިފައިވާ ކާމިޔާބީތައް ހަނދާންކޮށްލަން ޖެހެއެވެ. ސިފައިންގެ ލެވެލްގައި ބޭއްވުނު ބަޑި މުބާރާތްތަކާއި، ޑްރިލް އަދި ސްވިމިންގ މުބާރާތްތައް ރާއްވަވައި ހިންގެވުމުގައިވެސް ޢަދުނާން ޢަލީ އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

ސިފައިންގޭގައި އިޚުލާޞްތެރިކަމާ އެކުގައި ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ސާރޖަންޓް މޭޖަރ އޮފް އެމް.އެން.ޑީ.އެފް. ޢަދުނާން ޢަލީއަށް ޝަރަފުގެ 9 ކުލައާއި، ޝަރަފުގެ 9 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚުލާޤީ ކުލަ، ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، ސައްތައިގެ މެޑެލް، 17ވަނަ ސާރކް ސަމިޓް މެޑެލް، ޖުމްހޫރީ 50ގެ މެޑެލް އަދި މިނިވަން 50ގެ މެޑެލް ހިމެނެއެވެ.