އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙުސައިން
ފިތުރޯނުގެ، ތ. ވިލުފުށި

އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި، ޕްރައިވެޓެއްގެ ރޭންކުގައި 17 ޖަނަވަރީ 1989 ގައެވެ. އެން.އެސް.އެސް. ގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި އަޙްމަދު ޙުސައިން މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙުސައިން، ދިވެހި ޢަސްކަރިއްޔާގެ ޚިދުމަތާ ގުޅިވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން އެމް.އެން.ޑީ.އެފް. ކުއިކް ރިއެކްޝަން ފޯސް ޔުނިޓު 2 ގައްޔާއި، ގާމާދޫ ސެކިއުރިޓީ ޔުނިޓުގައްޔާއި، ޕޮލިސް ހެޑްކުއަރޓަރޒްގައްޔާއި، ޕޮލިސް ޕެޓްރޯލް 4 ގައްޔާއި، ޕޮލިސް އެޑްމިނިސްޓްރޭޝަން ޑިވިޜަންގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މާލެ ވިލިނގިލީ އަވަށުގައްޔާއި، ބ. އޭދަފުށްޓާއި، ސ. ގަމުގައި އެކި ޑިއުޓީތައް އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ގަލޮޅު ޕޮލިސް ސްޓޭޝަންގައްޔާއި، އަޕަރ ސަދަން ރީޖަނަލްގައްޔާއި، އައްޑޫސިޓީގައްޔާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގައްޔާއި، މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙުސައިން ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ތަޙުޤީޤު ކުރުމުގެ ދާއިރާއިން ހިތްވަރާއި ޢަޒުމާ އެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މީގެއިތުރުން، މަސްތުވާ ތަކެތި ހޯދުމަށް 2000ވަނަ އަހަރު ހިންގި އޮޕަރޭޝަންގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވުމާއި، ޕޮލިސް އެކެޑަމީއާއި، ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓާ ގުޅިގެން 2011ވަނަ އަހަރު ހިންގި ޕްރެޒެންޓޭޝަން ސްކިލްސް ކޯހުގެ ފުރަތަމަ ބުރުގައި މުދައްބިރެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްދެއްވައި، 2018ވަނަ އަހަރާއި، 2023ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބްލޫވޭވް" ކާމިޔާބުކަމާ އެކުގައި ނިންމައިލުމުގައި ކޮށްދެއްވި މަސައްކަތްތަކުގައްޔާއި، މީގެއިތުރުން، ކޯވިޑް-19އާ ގުޅިގެން ޤައުމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި 2023ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ. ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ހިނގައިދިޔަ ކަންކަމުގައިވެސް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙުސައިން ވަނީ، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙުސައިން، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 5 ކުލައާއި، 7 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚުލާޤީ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ފުލުހުންގެ މެޑެލް، މިނިވަން 50ގެ މެޑެލް، އަޚުލާޤީ މެޑެލް، ޖުމްހޫރީ 50ގެ މެޑެލް އަދި ފުލުހުންގެ ޚިދުމަތުގެ މެޑެލް ހިމެނެއެވެ.