ސްޓާފް ސާރޖަންޓް މޫސާ ވަޙީދު އާދަމް
ދަފްތަރު. ނަންބަރު ރސ 6355، މާލެ

 ސްޓާފް ސާރޖަންޓް މޫސާ ވަޙީދު އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕްރައިވެޓެއްގެ މަގާމުގައި 17 ޖަނަވަރީ 1989 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޑިއުޓީ ސެކްޝަންގައްޔާއި، ކިޔު.އާރު.އެފް. ޔުނިޓު 3 މެރިންކޯރގައްޔާއި، އާމަރީގައްޔާއި، ސަދަން އޭރިއާގައްޔާއި، ޓްރާންސްޕޯޓް ސަރވިސްގެ އެޑްމިން އަދި ވެހިކަލް އޮޕަރޭޝަންސްގައްޔާއި، މިނިސްޓަރ ބިއުރޯގައްޔާއި، ސަޕްލައި އެންޑް ޓްރާންސްޕޯޓް ސަރިވިސްގައިވެސް މޫސާ ވަޙީދު އާދަމް ޚިދުމަތް ކުރައްވައިފައި ވެއެވެ.

ސްޓާފް ސާރޖަންޓް މޫސާ ވަޙީދު އާދަމް ފާހަގަކުރެވިފައި ވަނީ، އެމް.އެން.ޑީ.އެފް.ގެ ޚިދުމަތުގައި ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއި، ޝައުޤުވެރިކަމާ އެކުގައި، ކަމަށް ކަމޭހިއްތަވައިގެން، ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ހިތްވަރާ އެކުގައި ޚިދުމަތް ކުރައްވައި ނަމޫނާ ދައްކަވައިފައިވާ، މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.

ސްޓާފް ސާރޖަންޓް މޫސާ ވަޙީދު އާދަމް ވަނީ، މުއައްސަސާއިން ހިންގި ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ޚިދުމަތް ކޮށްދެއްވައިފައެވެ. މިގޮތުން، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައްޔާއި، ރާއްޖެއާ ކުރިމަތިވި ކޯވިޑް-19ގެ ޢާލަމީ ވަބާއާ ގުޅިގެން ސިފައިންގެ ފަރާތުން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައްޔާއި، އައްޑުއާއި ފުވައްމުލަކުގައި ބޭއްވި ސާރކް ސަމިޓާ ގުޅިގެން ކުރި މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. މީގެއިތުރުން، އޮޕަރޭޝަން ދަންމާނު 26 އާއި، 37 އާއި، 48ގައި ބައިވެރިވެވަޑައިގެން ޚިދުމަތް ކޮށްދެއްވައި، ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ފަރާތުން 2021ވަނަ އަހަރު ކުރުނބާ މޯލްޑިވްސްގައި ބޭއްވި، އިންޑޯ ޕެސިފިކް އިންޓެލިޖެންސް ޗީފްސް ކޮންފަރެންސްގެ ޓްރާންސްޕޯޓް ޓީމުގައްޔާއި، 2002ވަނަ އަހަރު ފާހަގަކުރި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސިފައިންގެ ޢާއިލީ ހަވީރުގައި، އާރމްޑް ވެހިކަލްތައް ކުޑަކުދިންނަށް ދައްކައިލުމަށްޓަކައި ކުރެއްވި މަސައްކަތްތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި، އެމް.އެން.ޑީ.އެފް. ސަދަން އޭރިއާއާއި، ސަދަން އޭރިއާ މާލެ ލިއޭޒަންގައްޔާއި، ކިއު.އާރު.އެފް. ޔުނިޓް 3 ގައިވެސް އިޚުލާޞްތެރިކަމާ އެކުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައި ވެއެވެ. މޫސާ ވަޙީދު އާދަމް ވަނީ ސިފައިންގެ ފަރާތުން ބޭއްވި ކުޅިވަރު މުބާރާތްތަކުގައި ކުޅުންތެރިއެއްގެ ގޮތުންނާއި، އޮފިޝަލެއްގެ ގޮތުންވެސް ބައިވެރިވެވަޑައިގެންފައެވެ.

ސްޓާފް ސާރޖަންޓް މޫސާ ވަޙީދު އާދަމް، ސިފައިންގޭގައި ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 6 ކުލައާއި ޝަރަފުގެ 6 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ، ތިންފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، ސައްތައިގެ މެޑެލް، 17ވަނަ ސާރކް ސަމިޓް މެޑެލް، ޖުމްހޫރީ 50ގެ މެޑެލް އަދި މިނިވަން 50ގެ މެޑެލް ހިމެނެއެވެ.