ކޮމާންޑް ސާރޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲ
ދަފްތަރު. ނަންބަރު ރސ 7423، މާލެ

ކޮމާންޑް ސާރޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲ އަކީ، މެދުނުކެނޑި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާ އެކުގައި، ދިވެހި ޢަސްކަރިއްޔާއަށް ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި، ހަރުދަނާ ލީޑަރޝިޕެއްގެ ވެރި ބޭކަލެކެވެ.

1988ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 27ވަނަ ދުވަހު ސިފައިންގެ ޕްރައިވެޓެއްގެ ގޮތުގައި ވަޒީފާއާ ގުޅިވަޑައިގެންނެވި އިބްރާހީމް ޢަބްދުﷲ މިހާރު ހުންނެވީ، އެމް.އެން.ޑީ.އެފް.ގެ އެންލިސްޓެޑް ކޯރގެ ދެވަނައަށް އެންމެ ސީނިއަރ ރޭންކް ކަމަށްވާ، ކޮމާންޑް ސާރޖަންޓް މޭޖަރގެ ރޭންކުގައެވެ.

ގިރިފުށީގައި ފުރިހަމަކުރެއްވި ސިފައިންގެ އަސާސީ ތަމްރީނަށްފަހު، އިބްރާހީމް ޢަބްދުﷲ ފުރަތަމަ މަސައްކަތް ކުރައްވައިފައި ވަނީ، ޑިއުޓީ ސެކްޝަންގައެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲ ސިފައިންގޭގައި އަދާކުރައްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2 ކަމާއި، ސާރޖަންޓް ފަސްޓް ކްލާސް ކަމާއި، ފަސްޓް ސާރޖަންޓް ކަމާއި، ސާރޖަންޓް މޭޖަރގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި، ނޯދަން އޭރިއާގެ ސާރޖަންޓް މޭޖަރު ކަމާއި، މެރިން ކޯޕްސްގެ ސާރޖަންޓް މޭޖަރުކަން ކުރައްވައިފައި ވެއެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲއަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ވަގުތަށް ކަމޭހިއްތަވައިގެން، ހަވާލުކުރެވުނު ކޮންމެ ކަމެއްވެސް ޤާބިލުކަމާއި، ފަރުވާތެރި ކަމާއި، ތެދުވެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ، ސިފައިންގެއަށާއި، ދިވެހި ޤައުމަށް އިޚުލާޞްތެރި ބޭކަލެކެވެ. މިގޮތުން، 31ވަނަ ސެކިއުރިޓީ ބެޗުގެ ޕްލެޓޫން ކޮމާންޑަރު ކަމާއި، 38ވަނަ ބެޗުގެ ޑްރިލް އިންސްޓްރަކްޓަރ ކަމާއި، އަދި 39ވަނަ ބެޗުން ފެށިގެން 45ވަނަ ބެޗާ ހަމަޔަށް، އަދި 47ވަނަ ބެޗާއި 50ވަނަ ބެޗުގެ ކޮމްޕެނީ ސާރޖަންޓް މޭޖަރުކަން ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، 58ވަނަ އަސާސީ ތަމްރީނު ކޯހުގެ ފަސްޓް ސާރޖަންޓުގެ ގޮތުގައްޔާއި، 1ވަނަ ޝޯޓް ކޮމިޝަނިންގ ކޯހުގެ އެކްޓިންގ ސީނިއަރ އެންލިސްޓެޑް ލީޑަރގެ ގޮތުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲ، މުއައްސަސާ ކުރިއެރުވުމަށް ކުރައްވައިފައިވާ ފާހަގަކޮށްލެވޭ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، މާލޭ އޭރިއާ ކޮމާންޑް ސާރޖަންޓް މޭޖަރގެ ގޮތުގައި ހުންނަވައިގެން، އެ ދާއިރާގެ ސިފައިންގެ ވެލްފެއަރ ކަންތައްތަކާއި، މުވައްޒަފުންނާ ގުޅުންހުރި ކަންތައްތައް ރަނގަޅު ކުރުމަށް ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.

ވަޒީފާގައި ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ތަޙުޤީޤު ކުރުމުގެ ދާއިރާއިން 2000ވަނަ އަހަރު ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި ލިޔުމާއި، އެމް.އެން.ޑީ.އެފް. އަށް މެދުކެނޑުމެއްނެތި 20 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާ އެކުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި ލިޔުން އިބްރާހީމް ޢަބްދުﷲ އަށް ލިބިވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲ ސިފައިންގޭގައި އިޚުލާޞްތެރި ކަމާއި ވަފާތެރިކަމާ އެކުގައި ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 ކުލައާއި، 4 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ އަދި އަޚުލާޤީ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ، ތިންފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެލް، 17ވަނަ ސާރކް ސަމިޓް މެޑެލް، ޖުމްހޫރީ 50ގެ މެޑެލް އަދި މިނިވަން 50ގެ މެޑެލް ހިމެނެއެވެ.