ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު މުމްތާޒް މޫސާއަކީ، 1989ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17ވަނަ ދުވަހުން ފެށިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަޙްމަދު މުމްތާޒް މޫސާ ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ތަފާތު އެތައް ރޭންކެއްގައި ވަނީ ޚިދުމަތް ކުރައްވައިފައެވެ. މިގޮތުން، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2 ކަމާއި، ފަސްޓް ސާރޖަންޓް ކަމާއި، ސާރޖަންޓް މޭޖަރ ކަމުގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވި ކޮމާންޑް ސާރޖަންޓް މޭޖަރ ކަމުގެ ރޭންކުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ، 16 ޖުލައި 2023 ން ފެށިގެންނެވެ.
ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު މުމްތާޒް މޫސާ މިހާރު ހުންނެވީ، އެމް.އެން.ޑީ.އެފް. އެންލިސްޓެޑް ކޯރގެ ދެވަނައަށް އެންމެ ސީނިއަރ ރޭންކުގައެވެ. ސިފައިންގެ އަސާސީ ތަމްރީނު ކޯސް ގިރިފުށީގައި ފުރިހަމަކުރެއްވުމަށްފަހު، އަޙްމަދު މުމްތާޒް އެންމެ ފުރަތަމަ މަސައްކަތް ކުރައްވައިފައި ވަނީ، ޑިއުޓީ ސެކްޝަންގައެވެ. އެއަށްފަހު، 1989ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 25 އަހަރަށްވުރެ ގިނަ ދުވަހު ކިޔު.އާރު.އެފް. ޔުނިޓުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި އެ ޔުނިޓުގައި ތަފާތު މަގާމުތައް ވަނީ އަދާކުރައްވައިފައެވެ. އެގޮތުން، ރައިފަލްމަން، ޕްލެޓޫން ސާރޖަންޓް، ޕްލެޓޫން ލީޑަރ، ކޮމްޕެނީ ފަސްޓް ސާރޖަންޓްގެ މަގާމުގައި ހުންނަވައިގެން އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. 2014ވަނަ އަހަރުން ފެށިގެން ތިން އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވީ، ސެންޓްރަލް އޭރިއާގެ އެކްޓިންގ ކޮމާންޑް ސާރޖަންޓް މޭޖަރެއްގެ ގޮތުގައެވެ. އެއަށްފަހު، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީ.އެމް.އީ.) ގައްޔާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސް.ޕީ.ޖީ.)،ގައި ސީނިއަރ އެންލިސްޓެޑް ލީޑަރެއްގެ ގޮތުގައްޔާއި، އަދި މެރިން ކޯރ ހެޑްކުއަރޓަރޒްގައި އެކްޓިންގ ކޮމާންޑް ސާރޖަންޓެއްގެ ގޮތުގައި އަދި އޭގެފަހުން މާލޭ އޭރިއާ، ހުޅުލޭ ޕޯސްޓުގައި ސީނިއަރ އެންލިސްޓެޑް ލީޑަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަޙްމަދު މުމްތާޒް މޫސާ މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މާލޭ އޭރިއާ ކޮމާންޑް ސާރޖަންޓް މޭޖަރެއްގެ ގޮތުގައެވެ.
ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު މުމްތާޒް މޫސާއަކީ، ޤައުމަށް ދިމާވި ބޮޑެތި ކާރިސާތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. މިހާރުވެސް ސިފައިންގެ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު މުމްތާޒް މޫސާ، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 10 ކުލައާއި، 10 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ކާމިޔާބުގެ ކުލަ، ހުނަރުވެރި ކަމުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚުލާޤީ ކުލަ ހިމެނެއެވެ. ކާމިޔާބުގެ ކުލަ ދެފަހަރު، އަޚުލާޤީ ކުލަ ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، ސައްތައިގެ މެޑެލް، 17ވަނަ ސާރކް ސަމިޓް މެޑެލް، ޖުމްހޫރީ 50ގެ މެޑެލް، މިނިވަން 50ގެ މެޑެލް އަދި އިންސާނީ ޚިދުމަތުގެ މެޑެލް ހިމެނެއެވެ.