އަލްފާޟިލް އަޙްމަދު މަޢުރޫފް
މއ. ރޮކްބީޗްވިލާ

އަޙްމަދު މަޢުރޫފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 26 ނޮވެންބަރު 1988 ގައި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ބަޖެޓް ކާތިބެއްގެ ގޮތުގައެވެ. އޭގެފަހުން، އެ ޑިޕާޓްމަންޓުގެ ޑްރައިވަރ ކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އެސިސްޓެންޓް ސުޕަވައިޒަރު ކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ސުޕަވައިޒަރު ކަމާއި، ސީނިއަރ ޓެކްނީޝަން ކަމާއި، ސީނިއަރ ސުޕަވައިޒަރުކަން ކުރައްވައިފައި ވެއެވެ. އަދި އެ ކުންފުނީގެ އެސިސްޓެންޓް އިންޖިނިއަރު ކަމުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. އަޙްމަދު މަޢުރޫފް މިހާރު ހުންނެވި އެސިސްޓެންޓް ސަރވިސް އިންޖިނިއަރު ކަމުގެ މަގާމުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ، 16 ސެޕްޓެންބަރު 2018 އިން ފެށިގެންނެވެ.

އަޙްމަދު މަޢުރޫފް، ޚިދުމަތް ކުރައްވަން ފެށްޓެވީ، މި ދާއިރާގައި ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަން ހިތްޕުޅުގައި އޮތްލެއް ބޮޑުކަމުންނެވެ. އޭރު މާބޮޑު ތަމްރީނެއް ލިބިވަޑައިގެންފައި ނެތް ކަމުގައިވިޔަސް، ކަންކަން ދަސްކުރެއްވީ، ސްޓެލްކޯގައި އޭރު ޚިދުމަތް ކުރެއްވި އިސް ބޭފުޅުންގެ އަރިހުން، އެ ބޭފުޅުން މަސައްކަތް ކުރައްވާ ގޮތް ބައްލަވައިގެންނެވެ. ޝައުޤުވެރިކަމާއެކުގައި ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު ކުންފުނީގެ އިސް މަގާމެއްގައި ހުންނަވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާކަމީ، އަޙްމަދު މަޢުރޫފަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.

35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުންފުންޏަށް ޚިދުމަތް ކުރައްވައިފައިވާއިރު، އަޙްމަދު މަޢުރޫފް ފާހަގަކުރެވިފައި ވަނީ، މަސައްކަތަށް އިސްކަން ދެއްވައިގެން ފަރުވާތެރިކަމާއެކުގައި ކުންފުނީގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

ކުންފުންޏަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އެކިފަހަރު މަތިން އަޙްމަދު މަޢުރޫފަށް ވަނީ ހަނދާނީ ފިލައާއި، ހަނދާނީ ލިޔުން ލިބިވަޑައިގެންފައެވެ. މިގޮތުން، ކުންފުނީގެ އިންޖިން ރޫމް ސެކްޝަން 2ގެ މުވައްޒަފުންގެ ތެރެއިން އެންމެ ރަނގަޅަށް، ތަނަށް ފައިދާހުރި ގޮތެއްގައި މަސައްކަތް ކުރި މުވައްޒަފަކަށް އަޙްމަދު މަޢުރޫފް ހޮވިވަޑައިގަތުމާ ގުޅިގެން، 19 ޖޫން 1998 ގައި ހަނދާނީ ލިޔުން ލިބިވަޑައިގެންފައި ވެއެވެ. ސްޓެލްކޯއަށް މެދުނުކެނޑި 20 އަހަރު ދުވަހު ވަރަށް އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވައިފައިވާތީ، ދެއްވި ހަނދާނީ ފިލާ 19 ޖޫން 2009 ގައި ލިބިވަޑައިގެންފައި ވެއެވެ. ސްޓެލްކޯ ޕަވަރ ޖަނަރޭޝަން ޑިޕާޓްމަންޓުން 2009ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިވަޑައިގެން، އެކަމުގެ ހަނދާނީ ފިލާ 19 ޖޫން 2010 ގައި އަޙްމަދު މަޢުރޫފަށް ލިބިވަޑައިގެންފައި ވެއެވެ. އަދި ސްޓެލްކޯ އިންޖިނިއަރިންގ އެންޑް މެކޭނިކަލް ޑިޕާޓްމަންޓުން 2018ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިވަޑައިގެންފައިވާތީ، 19 ޖޫން 2019 ގައި އެކަމުގެ ހަނދާނީ ފިލާވެސް އަޙްމަދު މަޢުރޫފަށް ލިބިވަޑައިގެންފައި ވެއެވެ.