ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޙަސަން
ލަދުމާގެ، ހދ. ކުޅުދުއްފުށި

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި، ޕްރައިވެޓެއްގެ ރޭންކުގައި 27 ޑިސެންބަރު 1988 ގައެވެ. ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރު ކަމުގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޙަސަން، ދިވެހި ޢަސްކަރިއްޔާއާއި، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން، ރާއްޖޭގެ އެކި އަތޮޅުތަކުގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައިވެސް ތަފާތު އެތައް ޚިދުމަތްތަކެއް ކުރައްވައިފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޙަސަން ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގި ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި، ހިތްވަރާއި ޢަޒުމާ އެކުގައި ކުރައްވައިފައިވާ މަސައްކަތްތަކާއި، ތަޙުޤީޤު ކުރުމުގެ ދާއިރާއިން ކުރައްވައިފައިވާ މަސައްކަތްތަކެވެ. 1991ވަނަ އަހަރު ސިފައިންގެ ރެކްރޫޓް ޓްރޭނިންގ ބެޗުގައި ހިންގި "ބޭސިކް ޕޮލިސިންގ ސްކިލްސް ކޯސް" ކުރިއަށް ގެންދިޔުމުގައްޔާއި، ޕޮލިސް ސަރވިސް އިން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައިވެސް މުޙައްމަދު ޙަސަން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، އެކިއެކި ނުރައްކާތެރި ހާދިސާތަކުގައްޔާއި، އެހެނިހެން ގޮތްގޮތުން އާންމުން ހިމާޔަތް ކުރުމުގައްޔާއި، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ފަސްޖެހުމެއްނެތި ކެރިގެން ކުރިމަތިލައްވައި، ޒިންމާދާރުކަމާއެކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހިންގުނު އެކިއެކި އޮޕަރޭޝަންތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކުރެވުނު މަސައްކަތްތަކުގައިވެސް މުޙައްމަދު ޙަސަން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޙަސަން، ސިފައިންގޭގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާ އެކުގައި އަދާކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 5 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ފުލުހުންގެ ޚިދުމަތުގެ ކުލަ، އަޚުލާޤީ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ، ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެލް، ފުލުހުންގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، މިނިވަން 50ގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، ޖުމްހޫރީ 50ގެ މެޑެލް، އަޚުލާޤީ މެޑެލް، އަދި އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް ހިމެނެއެވެ.