ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ޙަސަން
ދަފްތަރު. ނަންބަރު ރސ 1370، މާލެ

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ޙަސަން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި، ޚިދުމަތް ކުރައްވަން ފެށްޓެވީ، ޕްރައިވެޓެއްގެ ރޭންކުގައި 17 ޖަނަވަރީ 1989 ގައެވެ. އެން.އެސް.އެސް.ގައާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި މުޙައްމަދު ޞާދިޤު ޙަސަން މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވެދިޔަ ދިގު މުއްދަތުގައި، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 1ގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މުޙައްމަދު ޞާދިޤު ޙަސަން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ޚިދުމަތް ކުރައްވަން ފެށްޓެވުމުގެ ކުރިން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރުގައިވެސް ޚިދުމަތް ކުރެއްވިއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ޙަސަން، ދިވެހި ޢަސްކަރިއްޔާއާ ގުޅިވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން، އެމް.އެން.ޑީ.އެފް.، އެން.އެސް.އެސް.ގެ ކިޔު.އާރު.އެފް. ޔުނިޓް 1 ގައްޔާއި، ފުލުސް އޮފީސް ޑިއުޓީގައްޔާއި، ދޫނިދޫ ޑިޓެންޝަން ޔުނިޓުގައްޔާއި، ޕޮލިސް ސެކިއުރިޓީ ޑިވިޜަންގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައިވެސް މުޙައްމަދު ޞާދިޤު ޚިދުމަތް ކުރައްވައިފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ޙަސަން ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ޕޮލިސް ސަރވިސް އިން ހިންގި ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއި ޢަޒުމާ އެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މީގެތެރޭގައި 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ދިން ޢުދުވާނީ ހަމަލައިގައި ރާއްޖެއަށް އައި ބޭރުގެ ޓެރަރިސްޓުންގެ ޝަރީޢަތް ހިނގަމުންދިޔަ ދުވަސްވަރު، އެ މީހުން ހައްޔަރުކޮށްފައި ތިބި ތަނުން ނެރެގެން ޝަރީޢަތަށް ގެންދިޔުމާއި، ޖަލުގައި އެ މީހުން ތިބި ތަނުގެ ޑިއުޓީ ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، މާލޭގެ އުތުރު ފަރާތުގައި ހުރި، ނީލަން މުދާ ވިއްކާ ފިހާރައިގައި 9 ޖޫން 2008 ގައި އަލިފާން ރޯވުމާ ގުޅިގެން، އެމް.އެން.ޑީ.އެފް. ފަޔަރ އެންޑް ރެސްކިޔުގެ ބޭފުޅުންނާ އެކުގައި އަލިފާން ނިއްވުމާއި، މުދާ ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެންނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެންނާއި، ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު އޮޕަރޭޝަންތަކުގައި އިޚުލާޞްތެރިކަމާ އެކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކުރަންޖެހުނު އެކި ކަންކަމުގައިވެސް މުޙައްމަދު ޞާދިޤު ޙަސަން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ޙަސަން، ސިފައިންގޭގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާ އެކުގައި އަދާކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 6 ކުލައާއި 9 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ފުލުހުންގެ ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަޚުލާޤީ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެލް، ފުލުހުންގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، މިނިވަން 50ގެ މެޑެލް، އަޚުލާޤީ މެޑެލް އަދި ޖުމްހޫރީ 50ގެ މެޑެލް ހިމެނެއެވެ.