އަލްފާޟިލް މުޙައްމަދު ނަޞީރު
ހ. ނިބޫގެ

މުޙައްމަދު ނަޞީރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެސިސްޓެންޓް މެކޭނިކްގެ ވަޒީފާގައި 8 ސެޕްޓެންބަރު 1985 ގައެވެ. މިހާތަނަށް ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ލުބްރިކޭޝަން އެސިސްޓެންޓް ކަމާއި، ޕްލާންޓް އޮޕަރޭޓަރު ކަމާއި، އެސިސްޓެންޓް މެކޭނިކް ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އެސިސްޓެންޓް މެކޭނިކް ކަމާއި، މެކޭނިކް ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެކޭނިކް ކަމާއި، ސީނިއަރ މެކޭނިކް ކަމާއި، ޓެކްނީޝަން ކަމާއި، އިލެކްޓްރޯ މެކޭނިކަލް ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމުގެ މަގާމު ހިމެނެއެވެ. މުޙައްމަދު ނަޞީރު މިހާރު ހުންނެވީ، ސީނިއަރ އިންޖިނިއަރު ކަމުގެ މަގާމުގައެވެ.

މުޙައްމަދު ނަޞީރަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޔޫޓިލިޓީޒް ޑިޕާޓްމަންޓުގެ ދަށުން ހިންގާ ޕަވަރ ޖެނެރޭޝަން މެއިންޓެނަންސްގެ މެކެނިކަލް މެއިންޓެނަންސް ޔުނިޓުގެ ފަރާތުން އިންޖީނުތައް ޑި-ކަރބަނައިޒް ކުރުމާއި، މޭޖަރ އޯވަރހޯލް ކުރުމާއި އަދި ޕަވަރހައުސް އިންޖީނުތައް ހިންގައި ބެލެހެއްޓުމަށް ކުރެވޭ މެކޭނިކަލް ހުރިހާ މަސައްކަތްތަކެއްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަލަށް ގެންނަ އިންޖީނުތައް ބެހެއްޓުމަށްޓަކައި ފައުންޑޭޝަން އަޅައި، އިންޖީނު އިންސްޓޯލްކޮށް، ސައިލެންސަރާއި ފިއުލް ޓޭންކް ބަހައްޓައި، ފިއުލް ހޮޅިތައް ގުޅައި އަދި އިންޖީނު ސްޓާޓްކޮށް، ޗެކް ކުރުމަށްފަހު، ލޯޑް ދިނުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މުޙައްމަދު ނަޞީރު ފާހަގަކުރެވެނީ، ކުންފުނިން ހިންގާ ހުރިހާ މަސައްކަތްތަކެއްގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އެއްބާރުލުން ދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން، ޕަވަރހައުސް އަޕްގްރޭޑް ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އިންޖީނުތަކުގައި ކުރަންޖެހޭ ވެލްޑިންގ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ބާއްވާ ޙަފުލާތަކަށް ސްޓޭންޑްބައި ޖެނެރޭޓަރ ގެންދިޔުމާއި، ލޯޑްދީ ބެލެހެއްޓުމުގެ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވައި، ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް މުޙައްމަދު ނަޞީރު ވެދެއްވަމުން ގެންދަވާކަން ފާހަގަކޮށްލަންޖެހެއެވެ.