އަލްފާޟިލް ޙަސަންމަނިކު
އަސުރުމާގެ ރ. ފައިނު

ޙަސަންމަނިކު، ޞިއްޙީ ދާއިރާއަށް އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ، ޢާއިލާގެ ޞިއްޙީ އެހީތެރިޔާގެ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ޢާއިލާގެ އެހީތެރިޔާގެ މަގާމުން 4 ޖޫން 1984 ގައެވެ. އޭރު ޞިއްޙީ މަރުކަޒު ނުހުންނާތީ، މަސައްކަތް ކުރައްވައިފައި ވަނީ، ރަށުއޮފީހުގައެވެ.

ޙަސަންމަނިކު ވަޒީފާއާ ގުޅިވަޑައިގެންނެވިއިރު، ރަށުގެ ރައްޔިތުންނަކީ، ޞިއްޙީގޮތުން ހޭލުންތެރިކަން ކުޑަ، އެކަމުގެ މަޢުލޫމާތު ފޯރުކޮށްދެވިފައި ނުވާ ރައްޔިތުންތަކެކެވެ. ގައިންގަޔަށް އަރާ ބަލިތައް ކަމަށްވާ، ޓީ.ބީ.، ލެޕްރަސީ، މެލޭރިއާ އަދި ފައިލޭރިއާ ފަދަ ބަލިތައް އޭރު އާންމުވެފައި ވެއެވެ. ސަރުކާރުގެ އެދިވަޑައިގަތުމާއެކު، ވަޒީފާގައި ފުރަތަމަވެސް ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތަކީ، އެ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތެވެ. ގޭގެޔަށް ޒިޔާރަތް ކުރައްވައިގެންނާއި، އެކިއެކި ބައްދަލުވުންތައް ބާއްވަވައިގެން، ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރެއްވިއިރު، އޭގެތެރެއިން ހުން އަންނަ މީހުން، މެލޭރިއާއަށް ޓެސްޓް ކުރުމަށްޓަކައި ލޭ ނެގުމާއި، ފައިލޭރިއާއަށް ޝައްކުކުރެވޭ މީހުން، ރޭގަނޑުގެ ވަގުތުގައި ލޭ ނެގުމާއި، ޓީ.ބީ.އަށް ޝައްކުކުރެވޭ މީހުންގެ ކުޅު ނެގުމާއި އަދި ލެޕްރަސީއަށް ޝައްކުކުރެވޭ މީހުންގެ ސީރަމް ނެގުންފަދަ މަސައްކަތްތައް ކުރިއަށް ގެންދަވަން ޖެހިވަޑައިގެންނެވިއެވެ.

ޙަސަންމަނިކުގެ ޚިދުމަތުން އެންމެ ފާހަގަކޮށްލެވޭ އަނެއް މަސައްކަތަކީ، ރަށުގައި ޝިގެއްލާ ރޯގާ ފެތުރުނު ދުވަސްވަރު، ބަލިޖެހިފައިވާ މީހުން ވަކި ތަނެއްގައި ބައިތިއްބައިގެން، އެ މީހުންނަށް ފަރުވާދިނުމުގެ މަސައްކަތް، އެހެން ބައެއްގެ އެހީތެރިކަމެއް ނެތި އަމިއްލަފުޅަށް ކުރައްވަން ޖެހިވަޑައިގަތުމާ ގުޅިގެން ހީވާގިކަމާއެކު ކުރެއްވި މަސައްކަތެވެ.

އޭގެފަހުން، ފެމިލީ ހެލްތު ސެކްޝަންގެ މަސައްކަތްތައް ރަށްރަށުގައި އުފައްދައި، އާންމު ބަލިތަކުގެ ބޭސްތައް ލިބޭގޮތް ހަމަޖެހިގެންދިޔައިރު، އެ ދުވަސްވަރަކީ، ޙަސަންމަނިކުގެ ޚިދުމަތް ފާހަގަކޮށްލެވޭ ފަދަ ފުޅާ ދާއިރާއެއްގައި ރަށުގެ ރައްޔިތުންނަށް ލިބެމުންދިޔަ ދުވަސްވަރެކެވެ. އެ ދުވަސްވަރު ސަރުކާރުން ރ. އަތޮޅުގައި ކުރިއަށް ގެންދިޔަ އައިހެޕް ޕުރޮޖެކްޓުގެ ދަށުން ޞިއްޙީ ޚިދުމަތްތެރިންގެ މައުލޫމާތާއި ހުނަރު، އެތައް ގުނަޔަކަށް އިތުރުކޮށްދެއްވިއިރު، އެ ޕުރޮގުރާމުގެ ދަށުން ތަމްރީނުވެ، ދަރިމައިވުމުގެ ޞިއްޙަތުގެ ކަންކަމާއި، ޢާއިލާ ރޭވުމުގެ ކަންކަން ޙަސަންމަނިކު އިސްވެ ހުންނަވައިގެން، ރަށު ފެންވަރުގައި ކުރައްވައިފައި ވެއެވެ.

ބަލިވެއިނުމުގައި، ދޭތެރެ ކައިރިވުމުގެ ސަބަބުން މާބަނޑު ދުވަސްވަރު ޞިއްޙީ އެކިއެކި މައްސަލަތައް ދިމާވެ، މާބަނޑު މީހުން މަރުވުމާއި، އުފަންވާ ކުދިންގެ ބަރުދަނުގައި 2.5 ކިލޯވެސް ނުހުރުމުގެ މައްސަލަތައް ދިމާވާކަން ފާހަގަކުރެވިގެން، އެކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ޙަސަންމަނިކު ވަނީ ކުރައްވައިފައެވެ. އެގޮތުން، މާބަނޑު މީހުންގެ ކުލިނިކުގައި، ރަށު ފެންވަރުގައި ޚިދުމަތް ދެއްވަން ފަށްޓަވައި، ޢަމަލީގޮތުން އެ މަސައްކަތުގައި އުޅުއްވިއެވެ.

މީގެއިތުރުން، ސްކޫލް ހެލްތު ޕްރޮގުރާމުގެ ދަށުން ފަނީބޭހާއި، ވިޓަމިން އޭ، ކަނޑައެޅިފައިވާ އުމުރުފުރައިގެ ހުރިހާ ކުދިންނަށް ގަވާއިދުން ދިނުމުގެ މަސައްކަތްވެސް ޙަސަންމަނިކު އޭރު ކުރެއްވިއެވެ. އަދި އަތޮޅު ފެންވަރުގައި ކުރިއަށް ގެންދިޔަ ވެކްސިން ޕްރޮގުރާމުތަކުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، ވެކްސިން ދޭ އުމުރުގެ ކުދިންނަށް ވެކްސިން ދެއްވުމުގައި، ރިޓަޔަރ ކުރެއްވުމާ ހަމައަށް ޢަމަލީގޮތުން ޙަސަންމަނިކު ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. ފައިނަކީ، ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށަކަށް ހެދުމަށް ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް ޙަސަންމަނިކު ކުރެއްވި މަސައްކަތްވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން، ފައިނުގެ ރައްޔިތުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލައިފައިވާތީ، އެކަން ފާހަގަކޮށް، 31 މޭ 2004 ގައި، މިނިސްޓްރީ އޮފް ހެލްތުން ވަނީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން، ފައިނަށް ހަނދާނީ ފިލައެއް ދެއްވައިފައެވެ.

ޙަސަންމަނިކު ފާހަގަކުރެވިފައި ވަނީ، އާންމު ސާފުތާހިރުކަމަށް އިސްކަން ދެއްވައިގެން، ބަލިވުމުގެ ކުރިން، ބަލިން ރައްކާތެރިވުމަށް ރައްޔިތުންނަށް ނަސޭހަތް ދެއްވައި، އެކަމަށް ރައްޔިތުން ހޭލުންތެރި ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ފައިނު ޞިއްޙީ މަރުކަޒު އުފެދި އަދި މަރުކަޒު ހިންގެވުމުގެ ޒިންމާވެސް ޙަސަންމަނިކު ވަނީ ފުރިހަމައަށް އަދާކުރައްވައިފައެވެ.