އަލްފާޟިލް ޢަލީ ނާޡިމް
ގ. ރަންދެލިގެ

ޢަލީ ނާޡިމް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ އެޕްރެންޓިސްގެ މަގާމުގައި 5 ސެޕްޓެންބަރު 1988 ގައެވެ. ޢަލީ ނާޡިމް މިހާރު ހުންނެވީ، ސްޓެލްކޯގެ ޓްރާންސްޕޯޓް ލޮޖިސްޓިކް އެންޑް ކޮންސްޓްރަކްޝަން ޑިޕާޓްމަންޓުގެ ސީނިއަރ ސަރވިސް ސުޕަވައިޒަރުގެ މަގާމުގައެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢަލީ ނާޡިމް އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ފިޓަރ ކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ މެކޭނިކް ޓްރޭނީ ކަމާއި، މެކޭނިކް ކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޓެކްނީޝަން ކަމާއި، ސީނިއަރ ޓެކްނީޝަން ކަމާއި، ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރުކަން ހިމެނެއެވެ.

މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގައި، ޢަލީ ނާޡިމް ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ކުންފުނީގެ ބެލުމުގެ ދަށުގައި މެދު އުތުރު ޕްރޮވިންސްގައި ހުރި އިންޖީނުގެތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، އިންޖީނުގެތަކުން ސްޓެލްކޯއަށް ފޮނުވާ ތަކެތި ވާރކްޝޮޕްތަކަށް ގެންގޮސް، މަރާމާތުކޮށް، އިންޖީނުގެތަކަށް އަނބުރާ ފޮނުއްވުމުގެ މަސައްކަތް ހިމެނެއެވެ. އަދި އިންޖީނުގެތަކުން އެއަރ ފްރައިޓްކޮށް މާލެ ފޮނުވާ މުދާ، އެއަރޕޯޓުން މާލެއަށް ގެނައުމާއި، އެއަރ ފްރައިޓްކޮށް ފޮނުވާ މުދާ، އެއަރޕޯޓަށް ގެންގޮސް، ރަށްރަށަށް ފޮނުއްވުމުގެ އިތުރުން، އިންޖީނުގެތަކަށް ފޮނުވާ ޖެނެރޭޓަރުތައް ފޮނުވުމާއި، ކޭބަލްތައް ނަގައި، އެ ތަކެތި ފޮނުވުމާއި، މިކަންކަމާގުޅޭގޮތުން ކުރަންޖެހުނު އެހެން މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.

ޢަލީ ނާޡިމް ފާހަގަކުރެވިފައި ވަނީ، ކުންފުނީގެ ގިނަ މަސައްކަތްތަކަކާ ހަވާލުވެވަޑައިގެން މަސައްކަތްތަކަށް އިސްކަން ދެއްވައިގެން، ފަރުވާތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވަމުން ގެންދަވާ، ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.