އަލްފާޟިލާ މަރްޔަމް ރަޝީދާ
ބުލޫކޯނަރ ސ. ހިތަދޫ

މަރްޔަމް ރަޝީދާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 17 ޖުލައި 1988ގައި، އައްޑުއަތޮޅު ރީޖަނަލް ހޮސްޕިޓަލްގައެވެ. މަރްޔަމް ރަޝީދާ، ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 35 އަހަރު ދުވަހުގެ ތެރޭގައި، ޖޫނިއަރ އެސިސްޓެންޓް ނަރުހެއްގެ މަގާމާއި، އެސިސްޓެންޓް ނަރުހެއްގެ މަގާމާއި، ސީނިއަރ އެސިސްޓެންޓް ނަރުހެއްގެ މަގާމާއި، ޕްރެކްޓިކަލް ނަރުހެއްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި، 10 އަހަރެއްހާ ދުވަހު، ވާރޑުގެ ޚިދުމަތުގައި މަސައްކަތް ކުރެއްވުމަށްފަހު، އޮޕަރޭޝަން ތިއޭޓަރުގައި 25 އަހަރު ޚިދުމަތް ކުރެއްވިއެވެ. މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޖެނެރަލް ސަރޖިކަލް-އޯތޯ އޯ.ޕީ.ޑީ. ގައެވެ.

މަރްޔަމް ރަޝީދާ ނަރުހެއްގެ ގޮތުގައި ޑިއުޓީ އަދާކުރެއްވިއިރު، 24 ގަޑިއިރު، އޮންކޯލް ޑިއުޓީގައި 25 އަހަރު ދުވަހު މަސައްކަތް ކުރެއްވިއެވެ. މީގެއިތުރުން، ބޭސް އަޅުއްވައި ދެއްވުމަށާއި، އިންޖެކްޝަން ޖައްސަވައި ދެއްވުމަށް ބަލިމީހުން ތިބޭ ގޭގެއަށް ޒިޔާރަތް ކުރައްވައި، އެ މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވައިފައި ވެއެވެ. އަދި، ހޮސްޕިޓަލްގައި ފާހަގަކުރާ ނަރުހުންގެ ދުވަހާއި، ހަކުރުބަލީގެ ދުވަހުގެ އެކިއެކި ހަރަކާތްތަކުގައިވެސް ޢަމަލީގޮތުން މަރްޔަމް ރަޝީދާ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. މީގެއިތުރުން، އަތޮޅުގެ އެހެން ރަށްރަށަށް ކުރާ ޒިޔާރަތުގައި، އެ ރަށްރަށުގައި ތިބޭ ބަލިމީހުންގެ ހާލުއަހުވާލު ބައްލަވައި، ދެއްވަންޖެހޭ ފަރުވާ ދެއްވައި، އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް އާންމުންނަށް ދެއްވަންޖެހޭ އިރުޝާދުތައް ދެއްވަމުންވެސް ގެންދަވައެވެ.

މަރްޔަމް ރަޝީދާއަކީ، ހޮސްޕިޓަލްގެ ވަޒީފާ އަދާކުރެއްވުމުގެ އިތުރުން، ސްކޫލުތަކުގައި ހިންގާ ހެލްތު ސްކްރީނިންގ ޕުރޮގުރާމުތަކުގައި ބައިވެރިވެވަޑައިގެން، ރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް މައުލޫމާތު ދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. މީގެއިތުރުން، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ރާވައި ހިންގާ ޕްރޮގުރާމުތަކުގައިވެސް މަރްޔަމް ރަޝީދާ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.

ހޮސްޕިޓަލުގެ ވަޒީފާއާ އަލަށް ގުޅޭ ނަރުހުންނަށް، މަރްޔަމް ރަޝީދާއަށް ލިބިވަޑައިގެންފައިވާ ތަމްރީނާއި ތަޖުރިބާގެ އަލީގައި، ތިއޭޓަރުގައި ކަންތައްތައް ކުރަންވާ ގޮތްތަކާއި އުސޫލުތައް ވަރަށް ރަނގަޅަށް އޮޅުންފިލުއްވައި ދެއްވަމުން ގެންދަވައެވެ. މިގޮތުން، އޮޕަރޭޝަނަކަށް މީހަކު ތައްޔާރުކުރާނެ ގޮތާއި، އޮޕަރޭޝަން ކުރަމުން ގެންދާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ޒިންމާ ނަގާނެ ގޮތް ވަރަށް ރަނގަޅަށް އޮޅުންފިލުއްވައި ދެއްވައެވެ.

މަރްޔަމް ރަޝީދާ، ދައުލަތުގެ ޚިދުމަތުގައި މިހާތަނަށް ހޭދަކުރެއްވި 35 އަހަރުގެ ދިގު މުއްދަތުގައި، ޒިންމާދާރުކަމާއި އިޚުލާޞްތެރިކަމާ އެކުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް، އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުން ވަޒަންކުރާކަން އެއީ، ޚިދުމަތުގައި ދެމިހުންނެވުމަށް މަރްޔަމް ރަޝީދާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްވަރެކެވެ.