ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ޢަސްކަރިއްޔާއަށް އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި، ހަރުދަނާ ލީޑަރޝިޕެއްގެ ވެރި ބޭފުޅެކެވެ. 1988ވަނަ އަހަރުގެ އެޕްރީލް މަހުގެ 25ވަނަ ދުވަހު، ޕްރައިވެޓެއްގެ ގޮތުގައި، ދިވެހި ޢަސްކަރީ ޚިދުމަތާ ގުޅިވަޑައިގެންނެވި މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިހާރު ހުންނެވީ، ދިވެހި ޢަސްކަރިއްޔާގެ އެންމެމަތީ ރޭންކުގައެވެ.
މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ޢަސްކަރީ ޚިދުމަތަށް ބަލާއިރު، ސިފައިންގެ އެކި ދާއިރާތަކުގައި، ކޮމާންޑް އަދި ސްޓާފް އެޕޮއިންޓްމަންޓުތައް އަދާކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާގެ އިތުރުން، ސިފައިންގެ އެކިއެކި ބޯޑުތަކާއި ކޮމިޓީތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެން، ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމަގޮތުގައި އަދާކުރެއްވުމަށް ފަރުވާތެރިކަމާ އެކުގައި ކުރައްވައިފައިވާ މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، އެމް.އެން.ޑީ.އެފް. ކޯސްޓްގާޑުގެ ދާއިރާގައި މަސައްކަތް ކުރައްވާ ސިފައިންނަށް ޚާއްޞަކޮށްގެން ފަރުމާކުރެއްވި ކޯސްޓްގާޑް ބޭސިކް ކޯސް ކުރިއަށް ގެންދިޔުމުގައި، އިސް ދައުރެއް އަދާކުރައްވައި، އެންމެ ފުރަތަމަ ހިންގި ކޯސްޓްގާޑް ބޭސިކް ކޯހުގެ ހަތަރު ބުރުގެ ކޯސް އޮފިސަރުގެ ގޮތުގައި ވަރަށް ޒިންމާދާރުކަމާ އެކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ސިފައިންގެ އެކި ދާއިރާތައް ކުރިއެރުވުމަށާއި، ސިފައިންގެ ވެލްފެއަރއާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށާއި، އެކި ދުވަސްވަރު ސިފައިންގެ ތަފާތު ޔުނިޓުތައް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވައި، އެ ދާއިރާތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ޚިދުމަތް ކުރައްވައިފައިވާ ބޯޑުތަކާއި، ކޮމިޓީތަކުގެ ތެރެއިން، ސިފައިންގެ ޕްރޮމޯޝަން ބޯޑުގެ ވައިސް ޗެއަރމަން ކަމާއި، އެ ބޯޑުގެ މެންބަރު ކަމާއި، މިލިޓަރީ ޖަސްޓިސް ކޮމިޝަންގެ ވައިސް ޗެއަރމަން ކަމާއި، އެ ކޮމިޝަންގެ މެންބަރު ކަމާއި، ސިފައިންގެ ލަފާދޭ މަޖިލީހުގެ ވައިސް ޗެއަރމަން ކަމާއި، ސިފައިންގެ ލަފާދޭ މަޖިލީހުގެ މެންބަރު ކަމާއި، ސިފައިންގެ ވެލްފެއަރ ފަންޑުގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ކުރައްވައިފައި ވެއެވެ. އަދި އެމް.އެން.ޑީ.އެފް.ގެ ގްރީވަންސް ބޯޑުގެ ޗެއަރމަން ކަމާއި، ވައިސް ޗެއަރމަން ކަމާއި، އެ ބޯޑުގެ މެންބަރު ކަމާއި، "ސިފްކޯ" މެނޭޖްމަންޓް ކޮމިޓީގެ ވައިސް ޗެއަރމަން ކަމާއި، އެމް.އެން.ޑީ.އެފް.ގެ ސްކޮލަރޝިޕް ބޯޑުގެ މެންބަރު ކަމާއި، ސޭފްޓީ ބޯޑުގެ ވައިސް ޗެއަރމަން ކަމާއި، ސިފައިންގެ ރިކްރިއޭޝަން ކުލަބުގެ ހިންގާ ކޮމިޓީގެ މެންބަރު ކަމާއި، ކުޅިވަރު ސެކްރެޓެރީގެ ނައިބުކަންވެސް ކުރައްވައިފައި ވެއެވެ.
މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއަކީ، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލާގައި މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ހިތްވަރާއި ޢަޒުމާ އެކުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އަދި 26 ޑިސެންބަރު 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން އިސްނަގައިގެން ކުރި އެންމެހައި މަސައްކަތްތަކުގައިވެސް، އިބްރާހީމް ޙިލްމީ ވަނީ ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގެންފައެވެ. އަދި، އައްޑުއާއި ފުވައްމުލަކުގައި 17ވަނަ ސާރކް ސަމިޓް ބޭއްވުމަށްޓަކައި ސަރުކާރުން ކުރެއްވި މަސައްކަތްތަކުގައި، ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އެކުލަވައިލެވުނު ޖޮއިންޓް އިންޓަރ އެޖެންސީ ޓާސްކްފޯސްގެ ޗީފް އޮޕަރޭޝަންސް އޮފިސަރުގެ ގޮތުން، އިސް ދައުރެއް ވަނީ އަދާކުރައްވައިފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ، ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލްގެ އެހީތެރިޔާގެ މަގާމާއި، ކޯސްޓްގާޑުގެ އެންމެ އިސް މަގާމު ކަމަށްވާ ކޮމަޑާންޓްގެ މަގާމުވެސް އަދާކުރައްވައިފައެވެ. އަދި، އެމް.އެން.ޑީ.އެފް. ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރު ކަމާއި، ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައިވާ ޑިފެންސް އެޑްވައިޒަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ. މީގެއިތުރުން، ފާއިތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި، ސިފައިން ޢަމަލީގޮތުން ބައިވެރިވި ބޮޑެތި ހުރިހާ އޮޕަރޭޝަންތަކެއްގައި އިބްރާހީމް ޙިލްމީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ސިފައިންގެ ޚިދުމަތުގައި ހޭދަކުރައްވައިފައިވާ މުއްދަތުގައި، ޢަސްކަރީ އެކި ދާއިރާތަކުން ގިނަ ޤައުމުތަކެއްގައި ތަމްރީނުތައް ފުރިހަމަކުރައްވައިފައެވެ. މިގޮތުން، ސްރީލަންކާ، އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، މެލޭޝިޔާ، ސިންގަޕޫރު އަދި އެމެރިކާގައި ޢަސްކަރީ ތަމްރީނުތައް ފުރިހަމަކުރައްވައިފައިވާއިރު، ނޭވަލް ކޮމިއުނިކޭޝަން އަދި އިލެކްޓްރޯނިކް ވޯރފެއަރގެ ދާއިރާއިން ވަނީ ޚާއްޞަވެވަޑައިގެންފައެވެ. މީގެއިތުރުން، ޑިފެންސް އެންޑް ސްޓެރެޓީޖިކް ސްޓަޑީޒްއިން މާސްޓަރޒް ޑިގްރީ ހާސިލު ކުރައްވައިފައި ވެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ސިފައިންގޭގައި އިޚުލާޞްތެރިކަމާ އެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 ކުލައާއި، 12 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚުލާޤީ ކުލަ ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17ވަނަ ސާރކް ސަމިޓް މެޑެލް، ޖުމްހޫރީ 50ގެ މެޑެލް، މިނިވަން 50ގެ މެޑެލް އަދި ކޯވިޑް-19އާ ގުޅިގެން ދެވުނު އިންސާނީ ޚިދުމަތުގެ މެޑެލް ހިމެނެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ސިފައިންގެ ޕްރައިވެޓެއްގެ ރޭންކުން ކޯސްޓްގާޑުގެ ކުޑަ ލޯންޗެއްގެ ފަޅުވެރިއެއްގެ ގޮތުގައި ޚިދުމަތް ފަށްޓަވައި، މިހާރު ސިފައިންގެ އެންމެމަތީ ރޭންކުގައި ހުންނެވިކަން އެއީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޙިލްމީގެ ހިތްޕުޅުގައި ދިވެހި ޢަސްކަރިއްޔާއަށް އޮތް ލޯތްބާއި އަދި ޢަސްކަރިއްޔާއަށް ދިމާވާ ކޮންމެ ކަމެއްގައި ތެދުވެރިކަމާއި ވަފާތެރިކަމާ އެކުގައި ޚިދުމަތް ކުރެއްވުމުގައި ދެއްކެވި ރީތި ނަމޫނާގެ ފުރިހަމަ ހެއްކެކެވެ.