އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އިބްރާހީމް
ހުޅުމާލެ. ފްލެޓްނަންބަރު 04-3-108

އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 28 ޖޫން 1987 ގައި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޕިޔޯނެއްގެ މަގާމުންނެވެ. އޭގެ ފަހުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި، ޕްރައިވެޓެއްގެ ރޭންކުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 16 މާރިޗު 1989 ގައެވެ. މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގައްޔާއި، އެން.އެސް.އެސް. ގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢަލީ އިބްރާހީމް މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 2ގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އިބްރާހީމް، ދިވެހި ޢަސްކަރިއްޔާގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން، ޓްރެފިކް ޕޮލިސްގައްޔާއި، ގަލޮޅު ޕޮލިސް ސްޓޭޝަންގައްޔާއި، ފ.އަތޮޅުގައްޔާއި، މ.މުލީ ޕޮލިސް ސްޓޭޝަންގައްޔާއި، ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައްޔާއި، ޕޮލިސް ސަރވިސްގެ ޕްރޮކިއުމަންޓް އެންޑް ސަޕްލައި ޔުނިޓުގައްޔާއި، ޔުނިފޯމް އެންޑް އިކުއިޕްމަންޓުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އިބްރާހީމް ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއި، ކެރުމާއި، ޢަޒުމާ އެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މީގެއިތުރުން، މާލޭގައި ތަފާތު ބާވަތްބާވަތުގެ ކުށްކުރުން ގިނަވެ އާންމުވަމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ކްރައިމް ޕްރިވެންޝަން ޓާސްކްފޯސްގެ ފަރާތުން 1994ވަނަ އަހަރުގެ ތެރޭގައި ހިންގެވި އޮޕަރޭޝަންގައި ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި، 1998ވަނަ އަހަރުގެ ޖަނަވަރީ މަހު، މާލެއާއި އަތޮޅުތަކުގައި ބޭއްވުނު ލަންޑަން ޖީ.ސީ.އީ. އޯލެވެލް އިމްތިހާނުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓެވުމުގައްޔާއި، ދިވެހިރާއްޖޭގެ 38ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކިއެކި ހަރަކާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓެވުމުގައްޔާއި، 2017ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ދިހި" އަދި، 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބްލޫ ވޭވް"ގައިވެސް ވަނީ، އިޚުލާޞްތެރިކަމާއެކުގައި މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. 2021ވަނަ އަހަރު ރާއްޖޭގައި ބޭއްވި 13ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެކިއުރިޓީ ބެލެހެއްޓެވުމުގައްޔާއި، ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކުރެއްވި މަސައްކަތްތަކުގައިވެސް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އިބްރާހީމް، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އިބްރާހީމް، ސިފައިންގޭގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާ އެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 5 ކުލައާއި، 9 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚުލާޤީ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެލް، ފުލުހުންގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، މިނިވަން 50ގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، ޖުމްހޫރީ 50ގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް އަދި އަޚުލާޤީ މެޑެލް ހިމެނެއެވެ.