އަލްފާޟިލް މުޙައްމަދު އިމްތިޔާޒް
މ. ސަންރީފް

މުޙައްމަދު އިމްތިޔާޒް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1988 އެޕްރީލް 14ވަނަ ދުވަހު، ސިވިލްއޭވިއޭޝަން އޮތޯރިޓީގެ އޭވިއޭޝަން އޮފިސަރެއްގެ ވަޒީފާއިންނެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އޭވިއޭޝަން ދާއިރާގައި އާދައިގެ އޮފިސަރެއްގެ ރޭންކުން ފެށިގެން ސީނިއަރ ރޭންކުގައި އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ. އެގޮތުން، ޢަމަލީގޮތުން ސެކިއުރިޓީ މަސައްކަތް ކުރައްވައި، މުވައްޒަފުންނާ އެކުގައި ސެކިއުރިޓީ ޓީމް ލީޑަރެއްގެ ގޮތުގައްޔާއި، ސުޕަވައިޒަރެއްގެ ގޮތުގައްޔާއި، މެނޭޖަރެއްގެ ގޮތުގައްޔާއި، ޔުނިޓް ހެޑް، ޑިވިޜަން ހެޑް، އަދި ސެކްޝަން ހެޑުގެ ގޮތުގައިވެސް މަސައްކަތް ކޮށްދެއްވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު އިމްތިޔާޒް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން، އޭވިއޭޝަން ދާއިރާއިން ތަޢުލީމާއި ތަމްރީނު ހޯއްދަވައިފައެވެ. އެގޮތުން، ރާއްޖޭގެ އިތުރުން، ސްރީލަންކާ، މެލޭޝިޔާ، ފިލިޕީންސް އަދި ސިންގަޕޫރުން ތަމްރީނު ފުރިހަމަކުރައްވައިފައި ވެއެވެ.

2013ވަނަ އަހަރު، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އުފެދިގެން މިވީ މުއްދަތުގެ ތެރޭގައި، އެއަރޕޯޓް އައި.ޑީ. ކާޑު ޔުނިޓާއި، އެޗް.އާރާއި، ފައިނޭންސް ޑިޕާޓްމަންޓް އަދި ރީޖަނަލް އެއަރޕޯޓުގެ ޔުނިޓުގެ ހެޑްގެ ގޮތުގައި މަސައްކަތް ކޮށްދެއްވައިފައި ވެއެވެ. މުޙައްމަދު އިމްތިޔާޒް މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސް ޑިވިޜަންގެ ޑިވިޜަން ހެޑްގެ ގޮތުގައެވެ.

މުޙައްމަދު އިމްތިޔާޒަކީ، މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އަދި، އެއަރޕޯޓުގައި ސެކިއުރިޓީއަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ހާދިސާއެއް ދިމާނުވާނެ ފަދަ ފެންވަރަށް ސެކިއުރިޓީގެ ޒިންމާ އުފުއްލަވައި، އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް ސާބިތުކަމާ އެކުގައި ވަގުތުން އަޅުއްވައިފައި ވެއެވެ. މުޙައްމަދު އިމްތިޔާޒަކީ، މުއައްސަސާއިން ރާއްވަވައި ހިންގަވައިފައިވާ ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވައިފައިވާ ބޭފުޅެކެވެ.

ޚިދުމަތުގައި މިވީ މުއްދަތުގެ ތެރޭގައި ލިބިވަޑައިގެންފައިވާ މަގާމުގެ ކުރިއެރުންތަކަކީ، މުޙައްމަދު އިމްތިޔާޒް ކުރެއްވި މަސައްކަތުން ހާސިލު ކުރައްވައިފައިވާ ކުރިއެރުންތަކެކެވެ. މުއައްސަސާގެ އިންސާނީ ވަސީލަތް ބިނާކުރައްވައި، ތަރައްޤީ ކުރެއްވުމުގައިވެސް އެކި ދުވަސްވަރު، އެކި ހައިސިއްޔަތުން މުޙައްމަދު އިމްތިޔާޒް ބައިވެރިވެވަޑައިގެން ޚިދުމަތް ކުރައްވައިފައި ވެއެވެ.

މުޙައްމަދު އިމްތިޔާޒަކީ، 35 އަހަރަށްވުރެ ދިގު މުއްދަތުގައި ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި ސާބިތުވެ ހުންނަވައިގެން، ޝައުޤުވެރިކަމާއެކުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ޚިދުމަތް ކުރެއްވުންމަތީ ދެމިހުންނެވި ބޭފުޅެކެވެ.