އަލްފާޟިލް މޫސާ ޙުސައިން
ފަތިސް ރ. ފައިނު

މޫސާ ޙުސައިން، ރ. ފައިނު އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1 އެޕްރީލް 1979 ގައެވެ. 9 ޖޫން 1982 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، މަސައްކަތު މީހެއްގެ މަގާމުގައި އަލުން ޚިދުމަތް ފެށްޓެވީ 9 އެޕްރީލް 1983 ގައެވެ. 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި މޫސާ ޙުސައިން، ދައުލަތަށް ޚިދުމަތް ކުރެއްވީ، ތެދުވެރިކަމާއި ވަފާތެރިކަމާއެކުގައި، ކަމަށް ކަމޭހިއްތަވައިގެންނެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތުވެސް ވަނީ ފުރިހަމައަށް އަދާކުރައްވައިފައެވެ. މޫސާ ޙުސައިން، ވަޒީފާއިން ރިޓަޔަރ ކުރެއްވީ 3 ފެބުރުވަރީ 2016 ގައެވެ.

މޫސާ ޙުސައިން، ފައިނު އޮފީހުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރެއްވި ދުވަސްވަރަކީ، ކުދި އާބާދީތަކުގައި ދިރިއުޅޭ ރައްޔިތުން، އެ މީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދައިދިނުމަށް، ވެރިން ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ދުވަސްވަރެކެވެ. އަސާސީ ތަޢުލީމުގެ ކުލާސްތަކަށް މީހުން ހާޒިރުވޭތޯ ބެއްލެވުމާއި، ރަށުގެ ގަބުރުސްތާނާއި، ކަނބަލުންގެ މިސްކިތާއި، ބޯފެން ރައްކާކުރާ ފެންތާނގީތަކާއި، މަގުތަކާއި، ގޯޅިތައް ހެދުމާއި، ރައްޔިތުންގެ ކަރަންޓާއި، ފާލަން އެޅުމާއި، ފައިނަކީ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށަކަށް ހަދަން ކުރެވުނު މަސައްކަތުގައި މޫސާ ޙުސައިން، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ފައިނު ސްކޫލުގައި ސެކިއުރިޓީ ރޫމް ހެދުމުގެ މަސައްކަތުގައްޔާއި، ގްރޭޑް 8 އުފައްދަން ކުރެވުނު މަސައްކަތުގައްޔާއި، ރަށުގައި ބަނދަރު ހެދުމާ ގުޅިގެން ބަނދަރުމަތި ރީތިކުރުމަށް ކުރެވުނު މަސައްކަތްތަކުގައްޔާއި، މި މަސައްކަތްތަކާ ގުޅިގެން ކުރަންޖެހުނު ޚަރަދުތަކަށް ފައިސާ ހޯދުމަށް ކުރަންޖެހުނު ގިނަގުނަ މަސައްކަތްތަކުގައި، ވެރިން އެދިވަޑައިގަންނަވާ ގޮތަށް ފަރުވާތެރިކަމާއެކުގައި މޫސާ ޙުސައިން ވަނީ މަސައްކަތް ކޮށްދެއްވައިފައެވެ.

ހަމަ އެއާއެކު، ރަށަށް ރީތި ނަން ހޯދައިދިނުމަށް، ވެރިންނާއި ރައްޔިތުން ގުޅިގެން ކުރަމުން ގެންދިޔަ މަސައްކަތްތަކުގައި، ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއްގައި މޫސާ ޙުސައިން ވަނީ ފުރިހަމައަށް ބައިވެރިވެވަޑައިގެންފައެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ލިބިވަޑައިގަންނަވަންޖެހޭ މުސާރައިގެ ކުރިއެރުން މޫސާ ޙުސައިނަށް ލިބިވަޑައިގެންފައިވާކަން އުފަލާ އެކުގައި ފާހަގަކުރައްވައެވެ. އަދި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މި އަހަރު ލިބިވަޑައިގަތުމަކީ، މޫސާ ޙުސައިނަށް ވަރަށްބޮޑު ޝަރަފެއް ލިބިވަޑައިގަންނަވާ ކަމެކެވެ.