ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލް
ހުޅުމާލެ. ފްލެޓް ނަންބަރު 05-2-72

ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލަކީ، 1988ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 28ވަނަ ދުވަހު، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. މި ވޭތުވެދިޔަ 36 އަހަރަށްވުރެ ދިގު މުއްދަތުގައި، ސިފައިންގެ ތަފާތު ރޭންކްތަކުގައި ޢަބްދުﷲ ޖަމީލް ވަނީ ޚިދުމަތް ކުރައްވައިފައެވެ. މިގޮތުން، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2 ކަމާއި، ސާރޖަންޓް ފަސްޓް ކްލާސް ކަމާއި، ފަސްޓް ސާރޖަންޓް ކަމާއި، ސާރޖަންޓް މޭޖަރ ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ ކަމުގެ ރޭންކް ފުރުއްވަމުން ގެންދަވަނީ، 1 ފެބުރުވަރީ 2023 ން ފެށިގެންނެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ވަގުތަށް ކަމޭހިއްތަވައިގެން، ހަވާލުކުރެއްވި ކޮންމެ ކަމެއްވެސް ޤާބިލުކަމާއި، ތެދުވެރިކަމާއެކުގައި ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކޯސްޓްގާޑުގެ 20 މީޓަރުން ދަށުގެ އުޅަނދުފަހަރުގެ ފަޅުވެރިކަމާއި، 20 މީޓަރުން ދަށުގެ އުޅަނދުތަކުގެ ސެކަންޑް އިންޗާރޖް ކަމާއި، 20 މީޓަރުން ދަށުގެ އުޅަނދުފަހަރުގެ ކެޕްޓަންކަން، ދިގު މުއްދަތެއްގައި ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، ޕޯޓް އެންޑް ހާބަރ ސެކިއުރިޓީގެ އެން.ސީ.އޯ. އިންޗާރޖް ކަމާއި، ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ފަސްޓް ސާރޖަންޓްކަން ކުރައްވައިފައި ވެއެވެ. ކަނޑުމަތީގެ ޚިދުމަތްތަކުގައި 1998ވަނަ އަހަރުން ފެށިގެން 2005ވަނަ އަހަރުގެ ނިޔަލަށް ވަރަށް ޒިންމާދާރުކަމާ އެކުގައި ޢަބްދުﷲ ޖަމީލް ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލް ކޯސްޓްގާޑުގައި ޚިދުމަތް ކުރެއްވިއިރު، ކަނޑުމަތީގައި ހިނގައިފައިވާ ނުރައްކާތެރި ހާދިސާތަކުގައި، މީހުންނާއި މުދާ ސަލާމަތް ކުރުމުގައި، އަމިއްލަ ނަފުސަށްވުރެ ޤައުމަށް އިސްކަން ދެއްވައިގެން، ޤައުމީ ވާޖިބު އަދާކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، ޢަބްދުﷲ ޖަމީލުގެ ދަށުން މަސައްކަތް ކުރާ އެންމެހައި ސިފައިންގެ އިދާރީ ކަންކަމާއި، ވެލްފެއަރ ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލަކީ، ކޯސްޓްގާޑާއި ސިފައިންގެ ލެވެލްގައި ބޭއްވި އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން، ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ފުޓްބޯޅަ، ބާސްކެޓް ބޯޅަ، އަދި ސްވިމިންގ މުބާރާތްތައް ހިމެނެއެވެ. މީގެއިތުރުން، ސިފައިންގޭގެ ޢުމްރާނީ ތަރައްޤީއަށް ކޮށްފައިވާ ގިނަ މަސައްކަތްތަކެއްގައި ބައިވެރިވެވަޑައިގެން ކުރެއްވި ޚިދުމަތްތަކާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ ދާއިރާއިން ރާއްޖޭގެ ގިނަ ރަށްރަށުގައި ނިޔަމިކަމުގެ ކޯސް ހިންގެވުމުގެ އިތުރުން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމަށް ކުރައްވައިފައިވާ މަސައްކަތްތަކާއި، ކޯސްޓްގާޑުގެ މުވައްޒަފުންގެ ހަށިހެޔޮކަން ރަނގަޅު ކުރުމަށް ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލް، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާ އެކުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 6 ކުލައާއި، 7 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚުލާޤީ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ، ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17ވަނަ ސާރކް ސަމިޓް މެޑެލް، ޖުމްހޫރީ 50ގެ މެޑެލް، އަދި މިނިވަން 50ގެ މެޑެލް ހިމެނެއެވެ.