އަލްފާޟިލް މުޙައްމަދު ޢަޤީލު ޤާސިމް
ހައިހޯޕް ގދ. ތިނަދޫ

މުޙައްމަދު ޢަޤީލު ޤާސިމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ އިލެކްޓްރިޝަން ޓްރޭނީއެއްގެ ވަޒީފާގައި 7 މާރިޗު 1988 ގައެވެ. މި ވޭތުވެދިޔަ 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ޚިދުމަތް ކުރައްވައިފައި ވަނީ، ސްޓެލްކޯގައެވެ. މުޙައްމަދު ޢަޤީލު ޤާސިމް އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އިލެކްޓްރިޝަން ކަމާއި، އެސިސްޓެންޓް ސުޕަވައިޒަރު ކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ސުޕަވައިޒަރު ކަމާއި، ސީނިއަރ ޓެކްނީޝަން ކަމާއި، ސީނިއަރ ސުޕަވައިޒަރުކަން ހިމެނެއެވެ. މުޙައްމަދު ޢަޤީލު ޤާސިމް މިހާރު ހުންނެވީ، އެސިސްޓެންޓް އިންޖިނިއަރު ކަމުގެ މަގާމުގައެވެ.

މުޙައްމަދު ޢަޤީލު ޤާސިމް އިލެކްޓްރިޝަނެއްގެ ގޮތުގައި ހުންނަވައިގެން ފުރަތަމަ ކުރެއްވީ، އޭރު މާލޭގެ މަގުމަތީގައި ދަމާފައި ހުންނަ ކަރަންޓް ކޭބަލްތައް ކާނަށް ބަދަލުކުރުމުގެ މަސައްކަތެވެ. އޭގެފަހުން، ޕެނަލް ބޯޑުގެ މަސައްކަތާއި، ވަޔަރިންގގެ މަސައްކަތް ދަސްކުރައްވައި، މަސައްކަތާ ގުޅޭ ބައެއްކަހަލަ ތަމްރީނުތައް މާލޭގައި ފުރިހަމަކުރެއްވިއެވެ. މާލޭގައި ކަރަންޓް ދިނުމުގެ މަސައްކަތްތައް ރާއްވަވައި ހިންގަވަމުން ގެންދަވަނީ، މުޙައްމަދު ޢަޤީލު ޤާސިމްގެ ބެއްލެވުމުގެ ދަށުންކަން ފާހަގަކޮށްލަން ޖެހެއެވެ.

މުޙައްމަދު ޢަޤީލު ޤާސިމް ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 11 ކިލޯ ވޮޓުގެ ޖެނެރޭޓަރުގެ މަސައްކަތާއި، މާލޭގައި ބޭއްވުނު 5 ވަނަ ސާރކް ސަމިޓަށް މާލެ ޒީނަތްތެރި ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، މިނިވަން 25 އަށް މާލެ ދިއްލުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، އަތޮޅުތެރޭގައި އަލަށް ކަރަންޓު ދޭ ރަށްރަށަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމާއެކު، އޭގެތެރެއިން ބައެއް ރަށްރަށަށް ވަޑައިގެން، އެ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. އަދި، ސުނާމީ ކާރިސާއާ ގުޅިގެން މާލެއާއި އަތޮޅުތެރޭގެ ޑިސްޓްރިބިއުޝަން ނެޓްވަރކްތަކަށް ގެނެވުނު ބަދަލުތައް ގެންނެވުމުގެ މަސައްކަތްތަކުގައިވެސް މުޙައްމަދު ޢަޤީލު ޤާސިމް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މުޙައްމަދު ޢަޤީލު ޤާސިމް ފާހަގަކުރެވިފައި ވަނީ، ހަވާލުކުރައްވާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކުގައި ކުރައްވައި، ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ޤާބިލުކަމާއި ޒިންމާދާރުކަމާއި، އިޚުލާޞްތެރިކަމާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.