އަލްފާޟިލް އިބްރާހީމް ޢުޘްމާނު
ދޫގަސް ގދ. ފިޔޯރީ

އިބްރާހީމް ޢުޘްމާން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 23 ފެބުރުވަރީ 1988 ގައެވެ. ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ލައިންސްމަން އެސިސްޓެންޓެއްގެ ވަޒީފާއިން ޚިދުމަތް ފަށްޓަވައި، މި ވޭތުވެދިޔަ 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޚިދުމަތް ކުރައްވައިފައި ވަނީ، އިންޖީނުގޭގައެވެ. އިބްރާހީމް ޢުޘްމާން އަދާކުރެއްވި އެހެން ވަޒީފާތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ލައިންސްމަން ކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އިލެކްޓްރިޝަން ކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޓެކްނީޝަން ކަމާއި، ސީނިއަރ ޓެކްނީޝަން ކަމާއި، ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، ސީނިއަރ ސަރވިސް ސުޕަވައިޒަރުކަން ހިމެނެއެވެ. އިބްރާހީމް ޢުޘްމާން މިހާރު ހުންނެވި، ސްޓެލްކޯގެ އެސިސްޓެންޓް ސަރވިސް މެނޭޖަރުގެ މަގާމުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ، 16 އޮގަސްޓު 2023ން ފެށިގެންނެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، އިބްރާހީމް ޢުޘްމާން ވަނީ އެ ކުންފުންޏަށް ވަރަށް އިޚުލާޞްތެރިކަމާއެކުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އެގޮތުން ކުރެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، 2004ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓު ވިއުގައަށް ދިމާވި ބޮޑެތި ގެއްލުންތަކާ ގުޅިގެން ކަރަންޓް ވިއުގަ ރަނގަޅު ކުރުމަށް ކުންފުނިން އަތޮޅުތެރެއަށް ފޮނުވި ޓީމުތަކާ އެކީގައި، ރަށްރަށަށް ވަޑައިގެން، ލިބުނު ގެއްލުންތައް ރަނގަޅު ކުރެއްވުމަށް ކުރެއްވި މަސައްކަތްތައް ހިމެނެއެވެ. އަދި، ކ. ތިލަފުށްޓަށް ކަރަންޓް ދިނުމުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ އިމާރާތްތައް ކުރެއްވުމާއި، ވަޅުލަންޖެހޭ ކޭބަލް ވަޅުލައި، ހަރުކުރަންޖެހޭ ޑިސްޓްރިބިއުޝަން ފޮށިތައް ހަރުކޮށް ނިންމުމާއި، އެ ރަށަށް ކަރަންޓް ދިނުމުގެ ގޮތުން ކުރަންޖެހުނު ގިނަ މަސައްކަތްތަކުގައި، އިބްރާހީމް ޢުޘްމާން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ކ. ގުޅީފަޅަށް ކަރަންޓް ދިނުމުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ އިމާރާތްތައް ކުރެއްވުމާއި، ވަޅުލަންޖެހޭ ކޭބަލްތައް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށިތައް ހަރުކޮށް ނިންމައި، ކަރަންޓް ދިނުމުގެ މަސައްކަތްވެސް އިޚުލާޞްތެރިކަމާއެކުގައި ކުރައްވައިފައި ވެއެވެ.

އިބްރާހީމް ޢުޘްމާން ފާހަގަކުރެވިފައިވަނީ، ހަވާލުކުރެވުނު ކޮންމެ މަސައްކަތެއްވެސް ފަރުވާތެރިކަމާއެކުގައި ކުރައްވައި، ގަޑިއަށް ފަރުވާބަހައްޓަވައި، މަސައްކަތަށް ކަމޭހިއްތަވައިގެން ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ، އަދި އިޚުލާޞްތެރިކަމާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.