އަލްފާޟިލް ޢަބްދުލްޣަފޫރު އިސްމާޢީލް
ދޫރެސް ރ. މީދޫ

ޢަބްދުލްޣަފޫރު އިސްމާޢީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއިން 1 ފެބުރުވަރީ 1988 ގައެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދިވެހި މުދައްރިސެއްގެ ގޮތުގައެވެ. މަސައްކަތުގެ ދާއިރާގައި ހޭދަކުރެއްވި 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި،
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރ ކަމާއި، ގްރެޖުއޭޓް ލީޑިންގ ޓީޗަރ ކަމާއި، ސުޕަވައިޒަރ ކަމާއި، ލީޑިންގ ޓީޗަރ ކަމާއި، އިސްލާމް ޓީޗަރުކަމާއި، ސީނިއަރ ޓީޗަރ (ދިވެހި) ކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ.

ޢަބްދުލްޣަފޫރު އިސްމާޢީލް، ރ. އަތޮޅު ތަޢުލީމީ މަރުކަޒާ ގުޅިވަޑައިގެންނެވިއިރު، ސްކޫލުގައި މުވައްޒަފުން ތިއްބެވީ ވަރަށް މަދުން ކަމަށްވާތީ، އޭރު ކޮންމެ ދުވަހަކުވެސް ދެ ސެޝަނަށް ކިޔަވައިދެއްވުމާއި، ހަވީރުގެ ވަގުތުތަކުގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދެވުމާއި، ރޭގަނޑުގެ ވަގުތުތަކުގައި އިތުރު ހަރަކާތުގެ ބައެއް ގަޑިތައް ކުރިއަށް ގެންދަވަން ޖެހިވަޑައިގެންނެވިއެވެ. އެ ދުވަސްވަރު ޓީޗިންގ އެއިޑްސް ތައްޔާރުކުރައްވައި، ވާރކްޝީޓާއި، ޓެސްޓް ޕޭޕަރ ފަދަ ތަކެތި ދަރިވަރުންނަށް ފޯރުކޮށްދެއްވީ، އަތުން ލިޔުއްވައިގެންނެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެކިއެކި ގްރޭޑްތަކަށް ޢަބްދުލްޣަފޫރު އިސްމާޢީލް ކިޔަވައިދެއްވަމުން ގެންދަވާއިރު، ކޮންމެ އަހަރަކުވެސް ކިޔަވައިދެއްވާ މާއްދާތަކުން ސްކީމް އޮފް ވާރކް ހެއްދެވުމާއި، ދަރިވަރުންނަށް ކިޔަވައިދެއްވުމާއި، ކުދިން ކުރިއަރަމުން އަންނަ ގޮތް ބެއްލެވުމަށް ތަފާތު އެސެސްމަންޓްތައް ހައްދަވަމުން ގެންދަވައެވެ. މީގެއިތުރުން، ލެސަން ޕްލޭންތައް ގަވާއިދުން ހެއްދެވުމާއި، ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންތައްތައް ކުރެއްވުމާއި، ތަފާތު މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތައް، ލީޑިންގ ޓީޗަރުންގެ އެހީތެރިކަމާއެކުގައި ކުރިއަށް ގެންދަވައެވެ. އަދި، ކުލާސް ޓީޗަރެއްގެ މަސްއޫލިއްޔަތުތަކާއި، ހައުސްތަކާއި، ކުލަބުތަކުގެ އިންޗާރޖްކަން، އެކި އަހަރުތަކުގައި ކުރައްވައި، އިތުރު ހަރަކާތުގެ އެންމެހައި ކަންތައްތައް ފަރުވާތެރިކަމާއެކުގައި ކޮށްދެއްވައިފައި ވެއެވެ. މީގެއިތުރުން، ސުޕަވައިޒަރ ކަމުގެ މަގާމު އަދާކުރެއްވި 20 އަހަރު ދުވަހުގެ ތެރޭގައި، ސްކޫލުގެ މެނޭޖްމަންޓުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވިއެވެ. އޭގެތެރޭގައި، ހަވާލުކޮށްފައިވާ ގްރޭޑްތަކުގެ ކިޔަވައި ދިނުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމާއި، ދެވަނަ ސެޝަންގެ އިންޗާރޖް ކަމާއި، ސްކޫލުގެ ކޯރ ކަރިކިއުލަރގެ އިންޗާރޖް ކަމާއި، ޕްރިފެކްޓް ބޯޑާއި، ސްޓޫޑެންޓް ކައުންސިލް ބެލެހެއްޓެވުމާއި، މުދައްރިސުންނާއި، ބެލެނިވެރިންގެ ޖަމުޢިއްޔާ ހިންގެވުން އަދި ސްކައުޓް ލީޑަރެއްގެ ހައިސިއްޔަތުން ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދެވުން ފާހަގަކޮށްލެވެއެވެ.

ޢަބްދުލްޣަފޫރު އިސްމާޢީލަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ދަރިވަރުންނަށް ކިޔަވައިދެއްވުމުގެ އެންމެހައި ކަންތައްތައް ކުރިއަށް ގެންދެވީ، ޒަމާނީ ޓެކްނޯލޮޖީ ތަޢާރުފުވެގެން އައުމާއެކުގައި، ޓެކްނޯލޮޖީގެ ތަފާތު ވަސީލަތްތައް ބޭނުންކުރައްވައިގެން، ދަރިވަރުން ޝައުޤުވެރި ކުރުވައިގެންނެވެ. ދަރިވަރުންނަށް ދިމާވާ ތަފާތު މައްސަލަތަކާއި، އެސެސްމަންޓްތަކުގެ ނަތީޖާތަކާއި، ކުއްޖާގެ އުޅުމާއި އަޚުލާޤުގެ އެންމެހައި ކަންތައްތައް ބެލެނިވެރިންނަށާއި ދަރިވަރުންނަށް ހިއްސާ ކުރައްވަމުން ގެންދެވީ، ކުއްޖާއާއި ބެލެނިވެރިންގެ ހާޒިރުގައެވެ. ކުއްޖާގެ ކުރިމަގު އުޖާލާކޮށް ބާއްޖަވެރިކުރުވުމަށްޓަކައެވެ. ކުދިންގެ ލީޑަރޝިޕް ހަރުދަނާ ކުރުމަށްޓަކައެވެ. ދިވެހި ޤައުމަށް ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގެ މަގުސަދުގައެވެ.