އަލްފާޟިލާ ފަރީދާ އިބްރާހީމް
މ. ނަލަރީތިގެ

ފަރީދާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 9 އެޕްރީލް 1987 ގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުލާކެއްގެ މަގާމުންނެވެ. 3 މޭ 1990 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ، 20 ޖަނަވަރީ 1991 ގައި، ޖަމާލުއްދީން ސްކޫލުގެ 2 ނަންބަރު ކާތިބާ ކަމުގެ މަގާމުންނެވެ. ފަރީދާ އިބްރާހީމް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 36 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެންމެ ގިނަ ދުވަހު ވަޒީފާ އަދާކުރައްވައިފައި ވަނީ ޖަމާލުއްދީން ސްކޫލުގައެވެ. އެގޮތުން، އެ ސްކޫލުގައި ހޭދަކުރެއްވި 32 އަހަރު ދުވަހުގެ ތެރޭގައި، އެ ސްކޫލުގެ ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރައްވައިފައި ވެއެވެ. މިވަގުތު، ފަރީދާ އިބްރާހީމް ހުންނެވީ، މަޖީދިއްޔާ ސްކޫލުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ވަޒީފާގައެވެ. ޖަމާލުއްދީން ސްކޫލުގައި އަދި މަޖީދިއްޔާ ސްކޫލުގައި އިދާރީގޮތުން ކުރައްވަން ޖެހުނު ހުރިހާ މަސައްކަތެއް ފަރީދާ ވަނީ ކުރައްވައިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޚިދުމަތް ކުރެއްވި ތިން އަހަރު ދުވަހުގެ ތެރޭގައި، މައިގަނޑު ގޮތެއްގައި ފަރީދާ އިބްރާހީމް ކުރައްވައިފައި ވަނީ، މުވައްޒަފުންގެ މުސާރައިގެ މަސައްކަތާއި، ރިޒޯޓްތަކުގެ ކުލި ބަލައިގަތުމުގެ މަސައްކަތެވެ. ޖަމާލުއްދީން ސްކޫލުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ދަރިވަރުންނާ ގުޅޭ މަސައްކަތާއި، ލިޔެކިޔުންތައް ބެލެހެއްޓެވުމާއި، ސްކޫލަށް މުވައްޒަފުން ރެކްރޫޓް ކުރުމުގެ މަސައްކަތްތަކާއި، މުސާރަ ތައްޔާރުކުރެއްވުމާއި، މުވައްޒަފުންނާ ގުޅޭ މަސައްކަތްތައް ހިމެނެއެވެ. މަޖީދިއްޔާ ސްކޫލުގައި މިހާރު ކުރައްވަމުން ގެންދަވަނީ، ބަޖެޓާއި، ޕްރޮކިއުމަންޓާއި، މުސާރައިގެ މަސައްކަތްތަކެވެ.

ފަރީދާ އިބްރާހީމް ފާހަގަކުރެވިފައި ވަނީ، މުވައްޒަފުންނާ ގުޅިގެން، މަސައްކަތާ ގަޔާވެގެން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން، ސްކޫލުގެ ހިއުމަން ރިސޯސް ޑިވިޜަންގެ ވަޒީފާއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނު ކުރެއްވުމުގައި ފަރީދާ ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި، އެހެން ސްކޫލުތަކަށްވެސް އެކި ރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދެއްވައިފައި ވެއެވެ. އެގޮތުން، 2000ވަނަ އަހަރު އަލަށް ހުޅުވި ޢިމާދުއްދީން ސްކޫލުގައި ރަސްމީކޮށް ކިޔަވައިދޭން ފެށްޓުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި ބައިވެރިވާ އިދާރީ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ފަރީދާ ކުރެއްވިއެވެ.

2 ނަންބަރު ކާތިބާ ކަމުން ޚިދުމަތް ފެށްޓެވި ފަރީދާ، ޖަމާލުއްދީން ސްކޫލުގެ އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް 2009ވަނަ އަހަރު ބަދަލުވެވަޑައިގެންނެވުނީ، ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ލިބެމުންދިޔަ މަގާމުގެ ކުރިއެރުންތަކުންނެވެ. ސިވިލް ސަރވިސްގެ މަގާމުގެ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުން، މަތީ ތަޢުލީމުގެ ސަނަދަކާ ނުލައި ދާއިރާއިން ކުރިއަށްދެވެން ނެތުމުން، ފަރީދާ ގަސްދު ކުރެއްވީ، މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށެވެ. އެގޮތުން، 2021ވަނަ އަހަރު އޮފީސް މެނޭޖްމަންޓުގެ ދާއިރާއިން ޑިގްރީއަށް ކިޔަވައި ވިދާޅުވާން ފަށްޓަވައި، 2022ވަނަ އަހަރު އެ ރޮނގުން ޑިޕްލޯމާ ހާސިލު ކުރެއްވިއެވެ. މަޖީދިއްޔާ ސްކޫލުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް ފަރީދާ އިބްރާހީމް ބަދަލުވެވަޑައިގެންނެވީ 2023 ވަނަ އަހަރުއެވެ.