ސާރޖަންޓް މޭޖަރ ޢަބްދުﷲ އިބްރާހީމް
ހުޅުމާލެ. ފްލެޓް ނަންބަރު 04-1-87

ސާރޖަންޓް މޭޖަރ ޢަބްދުﷲ އިބްރާހީމް، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ، 27 ޑިސެންބަރު 1988 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޕްރައިވެޓް ކަމެވެ. އޭގެފަހުން، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސާރޖަންޓް ފަސްޓް ކްލާސް ކަމާއި، ފަސްޓް ސާރޖަންޓް ކަމުގެ ރޭންކުވެސް އަދާކުރައްވައިފައި ވެއެވެ. މިހާރު ހުންނެވި ސާރޖަންޓް މޭޖަރ ކަމުގެ ރޭންކަށް ބަދަލުކުރައްވައިފައި ވަނީ 21 އެޕްރީލް 2022 ގައެވެ.

ސާރޖަންޓް މޭޖަރ ޢަބްދުﷲ އިބްރާހީމް ވަނީ، މުއައްސަސާގެ ކުރިއެރުމަށް ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތަކެއް ކުރައްވައިފައެވެ. މިގޮތުން، ރާއްޖެއަށް ކުރިމަތިވި ބޮޑެތި ކާރިސާތަކުގައި، ވަރަށް އިޚުލާޞްތެރިކަމާއެކުގައި ގިނަ ޚިދުމަތްތަކެއް ވަނީ ކޮށްދެއްވައިފައެވެ. ޚާއްޞަކޮށް، ޤައުމަށް ދިމާވި އެންމެ ބޮޑު ކާރިސާ ކަމުގައިވާ 2004ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާގައި ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، 2011ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވުނު ސާރކް ސަމިޓާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި 2020ވަނަ އަހަރު މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެމް.އެން.ޑީ.އެފް.ގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާ ޚާއްޞަ އޮޕަރޭޝަންގައިވެސް ޢަބްދުﷲ އިބްރާހީމް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސާރޖަންޓް މޭޖަރ ޢަބްދުﷲ އިބްރާހީމަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ވަގުތަށް ކަމޭހިއްތަވައިގެން އަދި ހަވާލުކުރެވުނު ކޮންމެ މަސައްކަތެއްވެސް ޤާބިލުކަމާއި ތެދުވެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ކުރައްވައިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، 34ވަނަ އަސާސީ ތަމްރީނު ކޯހުގެ ފިޒިކަލް ޓްރޭނިންގ އިންސްޓްރަކްޓަރ ކަމާއި، 35ވަނަ އަދި 43ވަނަ އަސާސީ ތަމްރީނު ކޯހުގެ ޕްލެޓޫން ސާރޖަންޓް ކަމާއި، 52ވަނަ އަސާސީ ތަމްރީނު ކޯހުގެ ޑްރިލް އިންސްޓްރަކްޓަރ ކަމާއި، 54ވަނަ އަސާސީ ތަމްރީނު ކޯހުގެ ޕްލެޓޫން ލީޑަރުކަން ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، ސިފައިންގެ އެންމެމަތީ ވެރިޔާގެ ވާދައިގެ ތަށްޓަށް ބޭއްވޭ ހެވިކަމުގެ އެކިއެކި މުބާރާތްތަކުގައި ގެމަތަތަކުގެ މެހެތަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. ސާރޖަންޓް މޭޖަރ ޢަބްދުﷲ އިބްރާހީމަކީ، ތަފާތު އެކިއެކި ކޯސްތަކާއި، އެން.ސީ.އޯ. އެޑްވާންސްޑް ކޯސް ފުރިހަމަ ކުރައްވައި، ތަފާތު ވަރކްޝޮޕްތަކާއި، ސެމިނާރުތަކުގައިވެސް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ސާރޖަންޓް މޭޖަރ ޢަބްދުﷲ އިބްރާހީމް، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 9 ކުލައާއި، 6 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ އަދި އަޚުލާޤީ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ، ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، ސައްތައިގެ މެޑެލް، 17ވަނަ ސާރކް ސަމިޓް މެޑެލް، ޖުމްހޫރީ 50ގެ މެޑެލް އަދި މިނިވަން 50ގެ މެޑެލް ހިމެނެއެވެ.