އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުއްރަޙްމާން
އަލިމަސްވިލާ ހއ. އުތީމު

ޢަބްދުއްރަޙީމް ޢަބްދުއްރަޙްމާން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1979ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން އުތީމު ކޯޓުގެ ކާތިބެއްގެ ގޮތުގައެވެ. ކޯޓުގެ ކާތިބު ކަމުގައި 7 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، 1 މާރިޗު 1987 ގައި ވަޒީފާއިން ވަކިވެވަޑައިގަތީ، ރާއްޖެތެރޭގެ މުދައްރިސުން ތަމްރީނު ކުރުމުގެ ކޯހުގައި ބައިވެރިވެވަޑައިގަތުމަށެވެ. ކޯސް ފުރިހަމަކުރެއްވުމަށްފަހު، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1 ފެބުރުވަރީ 1989 ގައެވެ. 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، 31 މޭ 2017 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އުތީމު ޣާޒީ ބަންޑާރައިން ސްކޫލްގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އުތީމު ކޯޓުގެ ކާތިބު ކަމާއި، އުތީމު ޣާޒީ ބަންޑާރައިން ސްކޫލްގެ މުދައްރިސެއްގެ ވަޒީފާ އަދާކުރެއްވިއެވެ.

ޢަބްދުއްރަޙީމް ޢަބްދުއްރަޙްމާން، އުތީމު ކޯޓުގައި ވަޒީފާ އަދާކުރެއްވިއިރު، ކޯޓުގެ އެކި ކަންކަމަށް ބޭނުންވާ ލިޔެކިޔުންތައް ފަރުވާތެރިކަމާއެކުގައި އަތުން ލިޔުއްވައިގެން ބަލަހައްޓަވައިފައި ވެއެވެ. އަދި، ކޯޓުގެ އިދާރީ މަސައްކަތްތައް ހަރުދަނާކުރައްވައި، މަސައްކަތްތައް ތަރުތީބު ކުރެއްވުމުގައި މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވިއެވެ.

އުތީމު ޣާޒީ ބަންޑާރައިން ސްކޫލްގައި ވަޒީފާ އަދާކުރެއްވިއިރު، މުދައްރިސުންނާއި، ދަރިވަރުންނާއި ބެލެނިވެރިންނާ ގުޅިގެން، އެ މީހުންނާ ގާތުން މަސައްކަތް ކުރެއްވިއެވެ. ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅު ކުރައްވައި، ދިވެހިބަހަށް ޝައުޤުވެރިކަން އިތުރުކޮށްދެއްވައި، ބަހަށް ލޯބިޖެއްސުމަށް ވަރަށް އަގުހުރި އަދި މުހިންމު މަސައްކަތްތަކެއް ޢަބްދުއްރަޙީމް ޢަބްދުއްރަޙްމާން ކޮށްދެއްވިއެވެ.

ކިޔަވައިދެއްވުމުގެ އިތުރުން، ދަރިވަރުންގެ ކުރިއެރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއް ޢަބްދުއްރަޙީމް ޢަބްދުއްރަޙްމާން ކޮށްދެއްވިއެވެ. އެގޮތުން، ކުޅިވަރުގެ ރޮނގުން ދަރިވަރުން ކުރިއެރުވުމަށްޓަކައި ސްކޫލްގައި ވޮލީ ޓީމުތައް އުފައްދަވައި، ވޮލީ ކުޅުމަށްޓަކައި ބެލެނިވެރިންނާ ގުޅިގެން ކޯޓެއް އެޅުމުގެ މަސައްކަތް ކުރައްވައި، އަތޮޅުގެ ބައެއް ރަށްރަށުންނާއި، އަތޮޅުން ބޭރުންވެސް ތަޖުރިބާހުރި ޓީމުތައް ގެންނަވައިގެން، ވާދަވެރި މެޗުތައް ކުޅުމުގެ ފުރުޞަތު ހޯއްދަވައި ދެއްވިއެވެ. އަދި އެހެން ރަށްރަށުގައި ބޭއްވޭ އެކިއެކި ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ގޮވައިގެން ދަތުރުކުރައްވައި، ޒިންމާ އުފުއްލެވިއެވެ. ކުޅިވަރުގެ ރޮނގުން ދަރިވަރުންނަށާއި ސްކޫލަށް ފަޚުރުވެރި ކާމިޔާބީތައް ހޯދުމަށް ޢަބްދުއްރަޙީމް ޢަބްދުއްރަޙްމާން ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވިއެވެ.

މީގެއިތުރުން، ޣާޒީ ބަންޑާރައިން ސްކޫލްގައި ސްކައުޓުގެ ހަރަކާތްތައް ތަޢާރުފު ކުރައްވައި، ސްކައުޓުން ތަމްރީނު ކުރުމަށްޓަކައި އަމިއްލަ ޚަރަދުގައި މާލެއިން ޓްރެއިނަރުން ގެންނެވިއެވެ. ހަމަ އެހެންމެ، ދަރިވަރުންގެ އޯ ލެވެލް ނަތީޖާ ރަނގަޅު ކުރުމުގެ މަގުސަދުގައި، ބިދޭސީ ޓީޗަރެއް ގެންނަވައިގެން، ގޭގައި ބަހައްޓަވައިގެން، ހިލޭ ސާބަހަށް ކުދިންނަށް ޓިއުޝަން ދެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވައިފައި ވެއެވެ. އަދި، ސްކޫލަށް ބޭނުންވާ ތަފާތު ވަސީލަތްތައް ހޯއްދަވައިދެއްވުމުގައިވެސް، އިސް މޭސްތިރިއެއްގެ ގޮތުގައި ޢަބްދުއްރަޙީމް ޢަބްދުއްރަޙްމާން ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.