އަލްފާޟިލް މުޙައްމަދު އިސްމާޢީލް
ހ. ޑްރީމީސީން

މުޙައްމަދު އިސްމާޢީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1987ވަނަ އަހަރުގެ މޭ މަހުގެ 26ވަނަ ދުވަހު، ސިވިލް އޭވިއޭޝަން އޮތޯރިޓީގައި، ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާއިންނެވެ. ޚިދުމަތުގައި ހޭދަކުރެއްވި 36 އަހަރުގެ ތެރޭގައި، އޭވިއޭޝަން ދާއިރާގައި އާދައިގެ އޮފިސަރެއްގެ ރޭންކުން ފެށިގެން ސީނިއަރ ރޭންކުގައި އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ. އެގޮތުން، ސެކިއުރިޓީއާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ޢަމަލީގޮތުން ކުރައްވައި، މުވައްޒަފުންނާ އެކުގައި ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ސެކިއުރިޓީ ސުޕަވައިޒަރެއްގެ ގޮތުގައްޔާއި، މެނޭޖަރެއްގެ ގޮތުގައްޔާއި، ޔުނިޓް ހެޑް ގޮތުގައްޔާއި، އަދި ރާއްޖޭގެ ވަރަށް ގިނަ ޑޮމެސްޓިކް އެއަރޕޯޓްތަކުގައި، އިންޗާރޖެއްގެ ހައިސިއްޔަތުންވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ.

މުޙައްމަދު އިސްމާޢީލް، މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ރާއްޖެއާއި ރާއްޖެއިން ބޭރުން އޭވިއޭޝަން ދާއިރާއިން، ތަޢުލީމާއި ތަމްރީނު ހޯއްދަވައިފައި ވެއެވެ. އެގޮތުން، ސްރީލަންކާއާއި، އިންޑިއާއިން ތަމްރީނު ހާސިލުކުރައްވައިފައި ވެއެވެ. އަދާކުރައްވާ ވަޒީފާއާ ގުޅިގެން ކޮންމެހެން ފުރިހަމަކުރަންޖެހޭ ހުރިހާ ތަމްރީނެއް މުޙައްމަދު އިސްމާޢީލް ވަނީ ފުރިހަމަކުރައްވައިފައެވެ.

މުޙައްމަދު އިސްމާޢީލަކީ، ލަގޭޖް ބަލައި ފާސްކުރުމުގައި ވަރަށް ހުޝިޔާރު މުވައްޒަފެކެވެ. އެގޮތުން، ލަގޭޖް ސްކްރީން ކުރުމުގެ ތެރޭގައި، ރާއްޖެއަށް އެތެރެކޮށް ގެންގުޅުން މަނާ ތަކެތި ވަރަށް ގިނައިން ހޯއްދަވައިފައި ވެއެވެ. އަދި މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. ހަމައެއާއެކު، އެއަރޕޯޓުގައި ސެކިއުރިޓީއަށް ބުރުލެއް އަރާފާނެ ފަދަ ނުރައްކާތެރި ހާދިސާއެއް ދިމާނުވާނެ ފަދަ ފެންވަރަށް ސެކިއުރިޓީގެ ޒިންމާ އުފުއްލަވައިގެން، އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް ސާބިތުކަމާއެކުގައި ވަގުތުން އަޅުއްވައިފައި ވެއެވެ. މުޙައްމަދު އިސްމާޢީލަކީ، މިހާރުވެސް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮޕްސް އެޑްމިން ޔުނިޓުގެ ޔުނިޓް ހެޑެވެ.

މުޙައްމަދު އިސްމާޢީލަކީ، ވޭތުވެދިޔަ ދިގުމުއްދަތުގައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއި، ޝައުޤުވެރިކަމާއެކުގައި ސާބިތުވެ ހުންނަވައިގެން، ޚިދުމަތް ކުރެއްވުންމަތީ ދެމިހުންނެވި މުވައްޒަފެކެވެ.