ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަލީ އަޙްމަދު
ދަފްތަރު. ނަންބަރު ރސ 2231، މާލެ

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަލީ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 ނޮވެންބަރު 1985 ގައި، ކޯޓު ނަންބަރު 1ގެ ޕިޔޯނެއްގެ މަގާމުންނެވެ. އޭގެފަހުން ކޯޓު ނަންބަރު 2ގެ ޕިޔޯނެއްގެ މަގާމުވެސް އަދާކުރެއްވިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި، ޕްރައިވެޓެއްގެ ރޭންކުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 3 ޖުލައި 1988 ގައެވެ. ކޯޓު ނަންބަރު 1 ގައާއި، ކޯޓު ނަންބަރު 2 ގައާއި، އެން.އެސް.އެސް. އާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި 37 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، 3 ޖޫން 2024 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި، އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 1ގެ ރޭންކުގައްޔާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 2ގެ ރޭންކުގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަލީ އަޙްމަދު، ދިވެހި ޢަސްކަރިއްޔާއާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން، އެމް.އެން.ޑީ.އެފް. ދޫނިދޫ ޑިޓެންޝަން ޔުނިޓުގައްޔާއި، އޮޕަރޭޝަންސް (ޕޮލިސް ހެޑްކުއަރޓަރޒް) ގައްޔާއި، ޅ. މަޑިވަރު އަދި ބ. އޭދަފުށީ ޑިއުޓީގައްޔާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ އެޑްމިންގައްޔާއި، ސީ.އައި.ޑީ.ގައްޔާއި، ބ. އަތޮޅުގައްޔާއި، ޅ. އަތޮޅުގައްޔާއި، ކޭޓަރިންގ ޔުނިޓުގައްޔާއި، ބިލްޑިންގ އެންޑް މެއިންޓެނަންސް ޔުނިޓުގައްޔާއި، ލޮޖިސްޓިކްސް ސަޕްލައި ޔުނިޓުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. ރާއްޖޭގެ އަތޮޅުތަކުގައި ޑިއުޓީ އަދާކުރެއްވުމުގެ ތެރޭގައި، ސްޓޭޝަން އިންޗާރޖް ކަމާއި، އެޓޮލް ކޮމާންޑަރުކަންވެސް ކުރައްވައިފައި ވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަލީ އަޙްމަދު ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ތަޙުޤީޤު ކުރުމުގެ ދާއިރާއިން ހިތްވަރާއި ޢަޒުމާ އެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މިގޮތުން، 2012ވަނަ އަހަރު ބ. ގޮއިދޫގައި ހިންގުނު އަންޑަރ ކަވަރ އޮޕަރޭޝަން ކާމިޔާބު ކުރެއްވުމަށާއި، 2013ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ތަޙުޤީޤު ކުރުމުގައި، ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އެކަށީގެންވާ ކާމިޔާބީއެއް ހާސިލު ކުރައްވައިފައިވެސް ވެއެވެ. މީގެއިތުރުން، 2014ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން އިރުވަރު" އާއި، 2016ވަނަ އަހަރާއި، 2019ވަނަ އަހަރާއި އަދި 2022ވަނަ އަހަރު ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ހިންގުނު ހަރަކާތްތައް އިންތިޒާމު ކުރުމުގައްޔާއި، 2022ވަނަ އަހަރު ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ރަސްމީ ޖަލްސާ އިންތިޒާމު ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އިޚުލާޞްތެރިކަމާ އެކުގައި ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އަދި ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކުރެއްވި މަސައްކަތްތަކުގައިވެސް ޢަލީ އަޙްމަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަލީ އަޙްމަދު، ސިފައިންގޭގައްޔާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 5 ކުލައާއި، 10 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚުލާޤީ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، ފުލުހުންގެ މެޑެލް، އަޚުލާޤީ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، މިނިވަން 50ގެ މެޑެލް، ޖުމްހޫރީ 50ގެ މެޑެލް ހިމެނެއެވެ.