އަލްފާޟިލް އިބްރާހީމް ނަޢީމް
ތުނިވެލި ބ. ކިހާދޫ

އިބްރާހީމް ނަޢީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޝިޕިންގ ޑިޕާޓްމަންޓުގެ ޕިޔޯނު ކަމުގެ ވަޒީފާގައި 20 މާރިޗު 1979 ގައެވެ. ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ބ. ކިހާދޫ ސްކޫލްގެ ސްކޫލް އެޑްމިނިސްޓްރޭޝަންގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަންގެ ޕިޔޯނު ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭ މަދަރުސާ މަކުތަބުތަކުގެ މުދައްރިސް ކަމާއި، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރު ކަމާއި، އެސިސްޓެންޓް ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރ ކަމާއި، ކިހާދޫ ސްކޫލްގެ އެސިސްޓެންޓް ހެޑްމާސްޓަރ ކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް އެޑްމިނިސްޓްރޭޝަން ކަމާއި، ސްކޫލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާވެސް އަދާކުރެއްވިއެވެ.

އިބްރާހީމް ނަޢީމް، ކިހާދޫ ސްކޫލާ 1982ވަނަ އަހަރު ހަވާލުވެވަޑައިގެން ކިޔަވައިދެއްވަން ފެށްޓެވީ، ރަށުގެ މައުލޫދު ހަރުގޭގައި ގިނިކަންޏާއެވެ. މިގޮތަށް ދިހަވަރަކަށް އަހަރު ހޭދަކުރެއްވިއެވެ. އެ މުއްދަތުގެ ތެރޭގައި ކިޔަވައިދެއްވުމުގެ އިތުރުން، ދަރިވަރުންގެ ރެކޯޑުތައް ބެލެހެއްޓެވުމާއި، ޓެސްޓް ޕޭޕަރު ތައްޔާރުކުރެއްވުމާއި، ރިޕޯޓް ފޯމު ތައްޔާރުކުރެއްވުމާއި، އިދާރީ މަސައްކަތްތައް ކުރައްވައި ބަލަހައްޓަވައިފައި ވަނީ، އަތުން ލިޔުއްވައިގެންނެވެ.

އިބްރާހީމް ނަޢީމް ސްކޫލާ ހަވާލުވެވަޑައިގެންނެވިއިރު، ތަނުގައި ހުރީ ހަތަރު ފާރުބުރީގެ މައްޗަށް އެކުލެވޭ، ވަރަށް ބާވެފައިވާ އިމާރާތެކެވެ. އެތަން ހިޔާކޮށްފައިވަނީ، ފަނުންނެވެ. އެހެންކަމުން، ސްކޫލް އިމާރާތް ކުރުމަށް ބިމެއް ހޯއްދަވައި، ވަށާފާރު ރާނައި، ހަތަރު ކްލާސްރޫމްގެ އިމާރާތަކާއި، ތިން ކްލާސްރޫމުގެ ދެ އިމާރާތް ހެއްދެވުމުގެ މަސައްކަތް ނިންމަވައި، ހުރިހާ ވަސީލަތްތަކާއެކު، ކޮމްޕިއުޓަރ ލެބުގެ ޚިދުމަތް ފެށްޓެވުމުގައްޔާއި، އަދި ޕްރީސްކޫލް އިމާރާތެއްގެ މަސައްކަތްވެސް ނިންމައި، ކިޔަވައިދޭން ފެށުމުގައި އިބްރާހީމް ނަޢީމް އަދާކުރެއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ. ގްރޭޑް 1 ން 5 އަށް ކިޔަވައިދޭން ފެށި ސްކޫލް ތަރައްޤީވެ، ސެކަންޑަރީ ތަޢުލީމާ ހަމަޔަށް ކިޔަވައި، ރަށުގައި ތިބެގެން ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގައި ބައިވެރިވެވޭނެ ގޮތް ހަމަޖެއްސެވީވެސް، އިބްރާހީމް ނަޢީމް ސްކޫލް ހިންގަވަން ހުންނެވި ދުވަސްވަރުއެވެ.

ކިހާދޫ ސްކޫލްގައި ކިޔަވައިދެއްވުމާއި، ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، އިދާރީ ހުރިހާ މަސައްކަތްތަކާއި، ޓީޗަރުން އޮބްޒަރވް ކުރުން ފަދަ މަސައްކަތްތައްވެސް އިބްރާހީމް ނަޢީމް ކުރެއްވިއެވެ.

އިބްރާހީމް ނަޢީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން ކުރަންވީ ރަނގަޅު ގޮތް އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ. އަދި، ސްކޫލުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވައި، މުވައްޒަފުންނަށް ދިމާވާ ތަފާތު މައްސަލަތައް ހައްލުކޮށްދެއްވައި، ކައިރި ރަށްރަށުގެ ސްކޫލްތައް ހިންގުމުގައްޔާއި، ކިޔަވައިދެއްވުމުގައި ކަންކަން ކުރިއަށް ގެންދަންވީ ގޮތުގެ ލަފާ ދެއްވައިފައި ވެއެވެ.

އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށިގެން، އެ މަޝްރޫޢު ނިމެންދެން ވޮލަންޓިއަރެއްގެ ގޮތުން އިބްރާހީމް ނަޢީމް ޚިދުމަތް ކޮށްދެއްވިއެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރެވުނު މަސައްކަތްތަކުގައްޔާއި، އިޖުތިމާޢީ ގޮތުން ރަށުގައި ކުރެވުނު މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންދެއްވިއެވެ. އިބްރާހީމް ނަޢީމް ވަނީ، ރަމަޟާންމަހު އިމާމުވެ ތަރާވީޙު ނަމާދުވެސް ކުރައްވައިފައެވެ.