ޢަލީ މަނާފް އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 ޖަނަވަރީ 1987 ގައި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ގްރީސަރެއްގެ ވަޒީފާއިންނެވެ. މި ވޭތުވެދިޔަ 37 އަހަރަށްވުރެ ދިގު މުއްދަތުގައި ޢަލީ މަނާފް އާދަމް ޚިދުމަތް ކުރައްވައިފައި ވަނީ، އިންޖީނުގޭގައެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ޑްރައިވަރު ކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އިންޖީނު އޮޕަރޭޓަރު ކަމާއި، ޓެކްނީޝަން ކަމާއި، ސީނިއަރ ޓެކްނީޝަން ކަމާއި، ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރުކަން ހިމެނެއެވެ. ޢަލީ މަނާފް އާދަމް މިހާރު ހުންނެވި ސީނިއަރ ސްޓޭޝަން ސުޕަވައިޒަރުގެ މަގާމަށް ބަދަލުކުރައްވައިފައި ވަނީ 16 ސެޕްޓެންބަރު 2018 ގައެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ ސްޓެލްކޯ ތުލުސްދޫ އިންޖީނުގޭގައެވެ.
ޢަލީ މަނާފް އާދަމްގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އެއްކަމަކީ، 1997ވަނަ އަހަރު އައްޑުއަތޮޅު ހުޅުމީދުއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ ރަށުގައި ކޭބަލް އެޅުމަށާއި، ގޭގެއަށް ކަރަންޓް ނަރުތައް އެޅުމަށް ޢަމަލީގޮތުން ކުރެއްވި މަސައްކަތްތަކެވެ. މީގެއިތުރުން، 2004ވަނަ އަހަރު ރާއްޖެއާ ކުރިމަތިވި ސުނާމީ ކާރިސާގައި މާލެއަތޮޅު ހުރާގެ ކަރަންޓް ނެޓްވަރކަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯ ތުލުސްދޫ އިންޖީނުގޭގެ ފަރާތުން ޢަލީ މަނާފް އާދަމްގެ ބެއްލެވުމުގެ ދަށުން އެ މަސައްކަތް ކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ޢަލީ މަނާފް އާދަމް ފާހަގަކުރެވިފައި ވަނީ، ފަރުވާތެރިކަމާ އެކުގައި މަސައްކަތަށް އިސްކަން ދެއްވައިގެން ކުންފުނީގައި ޚިދުމަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.