އަލްފާޟިލާ ޢާއިޝަތު ރަޝީދާ
ގޮމަކަސްތޫރިގެ ސ. ހިތަދޫ

ޢާއިޝަތު ރަޝީދާ، ދައުލަތުގެ ރަސްމީ ވަޒީފާ އަދާކުރައްވަން ފެށްޓެވުމުގެ ކުރިން، ކޮމިއުނިޓީ ހެލްތު އެއިޑެއްގެ ގޮތުން، 3 ނޮވެންބަރު 1984 ން ފެށިގެން ސެންޓްރަލް ހޮސްޕިޓަލްގައި ޚިދުމަތް ކުރެއްވިއެވެ. ދާއިމީ ވަޒީފާއެއްގެ ގޮތުން، ޢާއިޝަތު ރަޝީދާ ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 21 ޖަނަވަރީ 1985 ގައެވެ. އެއީ، އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ 2 ނަންބަރު ނަރުހެއްގެ ގޮތުގައެވެ.

ވޭތުވެދިޔަ 37 އަހަރަށްވުރެ ދިގު މުއްދަތުގައި ޢާއިޝަތު ރަޝީދާ ޚިދުމަތް ކުރައްވައިފައި ވަނީ، ޞިއްޙީ ދާއިރާގައެވެ. އެގޮތުން، އައްޑުއަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ 1 ނަންބަރު ނަރުސް ކަމާއި، ޖޫނިއަރ އެސިސްޓެންޓް ނަރސްކަން، 20 ފެބުރުވަރީ 1993 އާ ހަމަޔަށް ކުރެއްވިއެވެ. 12 މޭ 1994ން ފެށިގެން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ މުވައްޒަފެއްގެ ގޮތުގައި، ހުޅުދޫ ޞިއްޙީ މަރުކަޒުގެ ޖޫނިއަރ އެސިސްޓެންޓް ނަރސް ކަމާއި، އެސިސްޓެންޓް ނަރސްކަން ކުރެއްވިއެވެ. އޭގެފަހުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ގުޅިވަޑައިގެން، ހޮސްޕިޓަލްގެ އެސިސްޓެންޓް ނަރސް ކަމާއި، އެސިސްޓެންޓް ނަރސް މިޑްވައިފް ކަމާއި، ޕްރެކްޓިކަލް ނަރސް ކަމާއި، އެންރޯލްޑް ނަރސްކަން ކުރައްވައިފައި ވެއެވެ. ޢާއިޝަތު ރަޝީދާ މިހާރު ހުންނެވީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރުހެއްގެ ވަޒީފާގައެވެ.

ޢާއިޝަތު ރަޝީދާ ވަނީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ހިންގި ތަފާތު ޞިއްޙީ ޕުރޮގުރާމުތަކުގައި އިސްނަންގަވައިގެން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، މާބަނޑު މީހުންގެ ކުލިނިކުގައި މަސައްކަތް ކުރައްވައި، އަލަށް އުފަންވާ ކުދިންނާއި، ކުޑަކުދިންގެ ހެލްތު ސްކްރީނިންގ ޕުރޮގުރާމުތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި، ވެކްސިން ދިނުމާއި، ވެކްސިން ކޭމްޕުތަކުގައި ބައިވެރިވެވަޑައިގެން، ޢަމަލީގޮތުން މަސައްކަތް ކުރައްވައި، ބަލިމީހުންނަށް އެކި ގޮތްގޮތުން ދޭންޖެހޭ ފަރުވާތައް ދެއްވުމުގައި ހީވާގިކަމާއެކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، މެޑިކަލް ޓީމުތަކާއި، ސަރވޭ ޓީމުތަކުގައި އައްޑުއަތޮޅުގެ އަވަށްތަކަށް ޒިޔާރަތް ކުރައްވައި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި، ގޭގައި ވިހާ މައިންނަށް ނަރުހެއްގެ ގޮތުން ދޭންޖެހޭ ޚިދުމަތް ދެއްވައި، އުމުރުން ދުވަސްވީ ބަލިމީހުންގެ ގާތަށް ގޭގެއަށް ޒިޔާރަތް ކުރައްވައި، އެ މީހުންގެ ހާލަތު، ގާތުން ބައްލަވައި، ޞިއްޙީ ފަރުވާ ދެއްވަމުން ގެންދަވައެވެ. ޑެންގޫއާއި ރީނދޫ ހުންފަދަ ބަލިތައް ފެތުރޭ ދުވަސްވަރު، އެ ބަލިތަކަށް ފަރުވާ ދެއްވުމުގައި ބައިވެރިވެވަޑައިގަންނަވައި، އަވަސް ފަރުވާއަށް މާލެއަށް ފޮނުވޭ ބަލިމީހުންނަށް ބޭނުންވާ ނަރސިންގގެ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ބަލިމީހުންނާ އެކުގައި ޢާއިޝަތު ރަޝީދާ ދަތުރުކުރައްވަމުންވެސް ގެންދަވައެވެ.

ޢާއިޝަތު ރަޝީދާއަކީ، ގަޑިއަށް ފަރުވާބަހައްޓަވައި އަދި، ހަވާލުކުރެވޭ ކޮންމެ މަސައްކަތެއް އެންމެ ފުރިހަމައަށް ކުރެއްވުމުގައި ދެމިހުންނެވި ޚިދުމަތްތެރި ނަރުހެކެވެ. ޢާއިޝަތު ރަޝީދާއަށް އެންމެބޮޑު އުފަލެއް ލިބިވަޑައިގަންނަވަނީ، ވޭން ތަޙައްމަލު ކުރަމުންގެންދާ ބަލިމީހާއަށް ޝިފާ ލިބިގެންދާ ވަގުތުގައެވެ.