ފަސްޓް ސާރޖަންޓް އިސްމާޢީލް ރަޝީދު
ދަފްތަރު. ނަންބަރު ރސ 6318، މާލެ

ފަސްޓް ސާރޖަންޓް އިސްމާޢީލް ރަޝީދަކީ، މެދުނުކެނޑި 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ދިވެހި ޢަސްކަރިއްޔާއަށް ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި، ހަރުދަނާ ލީޑަރޝިޕެއްގެ ވެރި ބޭފުޅެކެވެ.

1986ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 16ވަނަ ދުވަހު ޕްރައިވެޓެއްގެ ވަޒީފާއިން ސިފައިންގެއާ ގުޅިވަޑައިގެންނެވި އިސްމާޢީލް ރަޝީދަކީ، މިހާރު އެމް.އެން.ޑީ.އެފް. އެންލިސްޓެޑް ކޯރގެ ސީނިއަރ ރޭންކެއް ކަމުގައިވާ ފަސްޓް ސާރޖަންޓް ރޭންކުގެ ބޭކަލެކެވެ.

ގިރިފުށީގައި ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކުރެއްވުމަށްފަހު، އިސްމާޢީލް ރަޝީދު އެންމެ ފުރަތަމަ މަސައްކަތް ކުރައްވައިފައި ވަނީ، މޮޓޯ ޓްރާންސްޕޯޓުގައެވެ. 1995 ގައި އެ ޔުނިޓުގެ ނަން، އެން.އެސް.އެސް. އިންޖިނިއަރިންގ ސަރވިސްގެ ނަމަށް ބަދަލުކުރެއްވިއެވެ. އެ ޔުނިޓުގައި އިސްމާޢީލް ރަޝީދު 23 އަހަރު ޚިދުމަތް ކުރައްވައިފައި ވެއެވެ.

އިންޖިނިއަރިންގ ސަރވިސްގައި ތަފާތު ސެކްޝަންތަކުގައި ފަސްޓް ސާރޖަންޓް އިސްމާޢީލް ރަޝީދު މަސައްކަތް ކުރައްވައިފައި ވެއެވެ. މިގޮތުން، އިލެކްޓްރިކަލް ޑިޕާޓްމަންޓް، އޮޓޯ މޮބައިލް ޑިޕާޓްމަންޓް، އެއަރ ކޮންޑިޝަން ޑިޕާޓްމަންޓުގައި ވަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވައި، އިސް ދައުރެއް އަދާކުރައްވައިފައެވެ. މީގެއިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބ. އޭދަފުށި އަދި ވ. ފެލިދޫ ސްޓޭޝަންގެ ބޭސް ކޮމާންޑަރުކަން ކުރައްވައިފައިވާކަންވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. އޭގެފަހުން، ފަސް އަހަރެއްހާ ދުވަހު މަސައްކަތް ކުރައްވައިފައި ވަނީ، އެމް.އެން.ޑީ.އެފް. ޓްރާންސްޕޯޓް ސަރވިސްގައެވެ. އަދި 2014ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ، މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ އިންޗާރޖުގެ މަގާމެވެ.

މީގެއިތުރުން، ފަސްޓް ސާރޖަންޓް އިސްމާޢީލް ރަޝީދަކީ، ޤައުމަށް ދިމާވި ބޮޑެތި ކާރިސާތަކާއި، ސިފައިންގެ އެކިއެކި ކަންކަމުގައި ބައިވެރިވެވަޑައިގެންފައިވާ ބޭކަލެކެވެ. މިހާ ދިގު މުއްދަތެއްގައި ޒިންމާދާރުކަމާ އެކުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވުމުން ފާހަގަކުރެވެނީ، ފަސްޓް ސާރޖަންޓް އިސްމާޢީލް ރަޝީދުގެ ހިތްޕުޅުގައި، ޤައުމީ ޚިދުމަތަށް އޮތް އިސްކަމާއި ލޯތްބެވެ.

ފަސްޓް ސާރޖަންޓް އިސްމާޢީލް ރަޝީދު ވަނީ، ރެކްރޫޓް ޓްރޭނިންގގެ އިތުރުން، އެން.ސީ.އޯ. ކޭޑަރ، ވެޕަން އިންސްޓްރަކްޓަރ ކޯސް، ސްވިމިންގ އިންސްޓްރަކްޓަރ ކޯސް، ޕޮލިސް މެނޭޖްމަންޓް ކޯސް، ބޭސިކް ފީލްޑް ފަސްޓްއެއިޑް ކޯސް ފުރިހަމަކުރައްވައި، ތަފާތު ވަރކްޝޮޕްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި، އިންޑިޔާގެ ބޯޕާލްގެ އިލެކްޓްރިކަލް އެންޑް މެކެނިކަލް އިންޖިނިއަރސް އިން އާމީ ސްކޫލުން ޕޮލިސް އިލެކްޓްރިކަލް މޮޓޯ ވެހިކަލް ކޯހަކާއި، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުން އިލެކްޓްރިކަލް ކޯހެއްވެސް ފުރިހަމަކުރައްވައިފައި ވެއެވެ.

ފަސްޓް ސާރޖަންޓް އިސްމާޢީލް ރަޝީދު ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 6 ކުލައާއި، 5 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. މިގޮތުން، ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ޚާއްޞަ ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚުލާޤީ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17ވަނަ ސާރކް ސަމިޓް މެޑެލް، ޖުމްހޫރީ 50ގެ މެޑެލް އަދި މިނިވަން 50ގެ މެޑެލް ހިމެނެއެވެ.