އަލްފާޟިލް ޙަސަން ޢަލީލު
ހ. ކޭސިޔާ

ޙަސަން ޢަލީލު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1985 އެޕްރީލް 25ވަނަ ދުވަހު، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާއިންނެވެ. ޚިދުމަތުގައި މިހާތަނަށް ހޭދަކުރެއްވި 38 އަހަރު ދުވަހުގެ ތެރޭގައި، އޭވިއޭޝަން ދާއިރާގައި އާދައިގެ އޮފިސަރެއްގެ ރޭންކުން ފެށިގެން ސީނިއަރ ރޭންކުގައި އެކި ރޮނގުން ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ. އެގޮތުން، ޢަމަލީގޮތުން ސެކިއުރިޓީ މަސައްކަތް ކުރެއްވުމާއި، މުވައްޒަފުންނާ އެކުގައި ސެކިއުރިޓީ ޓީމް ލީޑަރ، ސުޕަވައިޒަރ އަދި މެނޭޖަރެއްގެ ގޮތުގައްޔާއި، ޔުނިޓް ހެޑް، ޑިވިޜަން ހެޑް އަދި ސެކްޝަން ހެޑްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ރާއްޖެއާއި ރާއްޖެއިން ބޭރުން، އޭވިއޭޝަން ދާއިރާއިން ޙަސަން ޢަލީލު، ތަޢުލީމާއި ތަމްރީނު ހޯއްދަވައިފައި ވެއެވެ. އެގޮތުން، މެލޭޝިޔާ، ޖަޕާން، ފިލިޕީންސް، ސްރީލަންކާ އަދި އިންޑިއާއިން އެކިއެކި ތަމްރީނު ފުރިހަމަ ކުރައްވައިފައި ވެއެވެ.

ޙަސަން ޢަލީލު ވަނީ، މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ގާއިމުކޮށްދެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. އަދި މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. އަދި އެއަރޕޯޓުގެ ސެކިއުރިޓީއަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ހާދިސާއެއް ދިމާނުވާނެ ފެންވަރަށް ސެކިއުރިޓީއާ ބެހޭ ޒިންމާ އުފުއްލަވައި، އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް ސާބިތުކަމާއެކު ވަގުތުން އަޅުއްވައިފައި ވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ބެލެހެއްޓެވުމުގައި ޙަސަން ޢަލީލު ވަނީ، ދިގު މުއްދަތެއް ވަންދެން އިސް ދައުރެއް އަދާކުރައްވައިފައެވެ. މީގެ އިތުރުން، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ) އިން ބާއްވާ އޮޑިޓުތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ.

ޙަސަން ޢަލީލަކީ މިހާރުވެސް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ރީޖަނަލް އެއަރޕޯޓް ސެކްޝަން ހެޑްގެ ހައިސިއްޔަތުން 4 އިންޓަރނޭޝަނަލް އެއަރޕޯޓާއި، 14 ޑޮމެސްޓިކް އެއަރޕޯޓުގެ ސެކިއުރިޓީ ކަންކަން، ދުވަހުން ދުވަހަށް ބައްލަވަމުން ގެންދަވާ ހީވާގި ބޭފުޅެކެވެ. ރީޖަނަލް އެއަރޕޯޓް ސެކްޝަންގައި ޙަސަން ޢަލީލް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ކޮންމެ ދުވަހަކު އެއަރޕޯޓުތަކާ ގުޅުއްވައިގެން ހާލަތު ބައްލަވައި، ހާލަތާ ގުޅިގެން އެއަރޕޯޓަކަށް ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި، އެ އެއަރޕޯޓަކަށް ވަޑައިގެން، ކަންކަން ބައްލަވައި، ދެއްވަންޖެހޭ އިރުޝާދު ދެއްވަމުން ގެންދެވުން ހިމެނެއެވެ.

ޙަސަން ޢަލީލަކީ، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ސާބިތުވެ ހުންނަވައިގެން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ޚިދުމަތް ކުރެއްވުންމަތީ ދެމިހުންނެވި ނަމޫނާ ބޭފުޅެކެވެ.