އިބްރާހީމް ޝަރީފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޕްލާންޓް އޮޕަރޭޓަރުގެ ވަޒީފާގައި، 8 އޮކްޓޫބަރު 1984 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އެސިސްޓެންޓް ޝިފްޓް އިންޖިނިއަރު ކަމާއި، އެސިސްޓެންޓް މެކޭނިކް ކަމާއި، މެކޭނިކް ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެކޭނިކް ކަމާއި، ސީނިއަރ މެކޭނިކް ކަމާއި، ޓެކްނީޝަން ކަމާއި، ޓެކްނީޝަން އިލެކްޓްރޯ މެކޭނިކަލް ކަމާއި، ސީނިއަރ ޓެކްނީޝަން ކަމާއި، އެސިސްޓެންޓް ޓެކްނީޝަން ކަމާއި، އެސިސްޓެންޓް އިންޖިނިއަރު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އިބްރާހީމް ޝަރީފް މިހާރު ހުންނެވީ، ސީނިއަރ އިންޖިނިއަރގެ މަގާމުގައެވެ.
އިބްރާހީމް ޝަރީފަކީ، ސީނިއަރ އިންޖިނިއަރގެ މަގާމުގައި ހުންނަވައިގެން އިންޖީނު ޑި-ކާރބަނައިޒް ކުރުމާއި، މޭޖަރ އޯވަރހޯލް ކުރުމާއި، ޕަވަރހައުސް އިންޖީނުތައް ހިންގައި ބެލެހެއްޓުމަށް ކުރެވޭ މެކޭނިކަލް ހުރިހާ މަސައްކަތްތަކުގެ ޒިންމާ އުފުއްލަވައިގެން، އެކަންކަން ހިންގަވައި ބަލަހައްޓަވަމުން ގެންދަވާ، ހީވާގިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އިބްރާހީމް ޝަރީފަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި ހިންގާ ހުރިހާ މަސައްކަތެއްގައިވެސް ބައިވެރިވެވަޑައިގެން، އެއްބާރުލުން ދެއްވާ ބޭފުޅެއްވެސް މެއެވެ. އެގޮތުން، އެއަރޕޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެއަރޕޯޓް ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ބޭއްވޭ ޙަފުލާތަކުގައި، ސްޓޭންޑްބައި ޖެނެރޭޓަރ ގެންދިޔުމާއި، ލޯޑް ދީ ބެލެހެއްޓުމުގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، ޙަފުލާ ނިމުމުން ޖެނެރޭޓަރު އަނބުރާ ގެންގޮސް، އިންސްޓޯލްކޮށް، ލޯޑް ދިނުމަށް ތައްޔާރުކޮށްފައި ބެހެއްޓުމުގެ މަސައްކަތްތައްވެސް އިބްރާހީމް ޝަރީފް ވަރަށް ފުރިހަމައަށް ކުރައްވަމުން ގެންދަވައެވެ.