އަލްފާޟިލް އާދަމް މޫސާ
އުދަރެސް ހއ. އިހަވަންދޫ

އާދަމް މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 4 ޖަނަވަރީ 1981ގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕިޔޯނު ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން، ޕްރައިމަރީ ޓީޗިންގ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖަނަވަރީ 1984 ގައެވެ. އެ މަގާމުގައި ހުންނަވައިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ، ހއ. އަތޮޅު މަދަރުސާގައެވެ. އަދި 1985ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. 1 ޖަނަވަރީ 1986ން ފެށިގެން އާދަމް މޫސާ ޚިދުމަތް ކުރައްވައިފައި ވަނީ، އިހަވަންދޫ މަދަރުސާ ގައެވެ.

އާދަމް މޫސާއަކީ، އިހަވަންދޫ ސްކޫލްގެ އެސިސްޓެންޓް ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެފަހުން، ގުރެޖުއޭޓް ލީޑިންގ ޓީޗަރުކަމާއި، އިހަވަންދޫ ސްކޫލްގެ އިސްލާމް ޓީޗަރުކަންވެސް ކުރެއްވިއެވެ. އިސްލާމް ޓީޗަރުކަން ކުރެއްވިއިރު، ލީޑިންގ ޓީޗަރެއްގެ މަސްއޫލިއްޔަތުވެސް އާދަމް މޫސާ އަދާކުރައްވަމުން ގެންދެވިއެވެ.

އާދަމް މޫސާ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާއިރު، އޭގެތެރެއިން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ، އިހަވަންދޫ ސްކޫލްގައެވެ. އިހަވަންދޫ ސްކޫލްގައި ޚިދުމަތް ކުރެއްވިއިރު، ސްކޫލްގައި ހަތަރު ހައުސް އުފެއްދުމުގެ މަސައްކަތުގައްޔާއި، ޕްރިފެކްޓް ބޯޑު އެކުލަވައިލެއްވުމުގައްޔާއި، ދަރިވަރުންގެ ޖަމުޢިއްޔާއާއި، އެހެނިހެން ކުލަބުތައް އުފެއްދުމުގައި، އިސް ދައުރެއް އާދަމް މޫސާ އަދާކުރައްވައިފައި ވެއެވެ. އަދި ސްކޫލުން އޭރު ގާއިމުކުރި ކޮމިޓީގެ މަސައްކަތްތައް ރާއްވަވައި ހިންގެވުމުގައި، ވަރަށް ހީވާގިކަމާއެކުގައި އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. ދަރިވަރުންގެ އަޚުލާޤީ ކަންކަން ސުޕަވައިޒް ކުރެއްވުމުގެ މަސައްކަތް ކުރައްވައި، އިތުރު ހަރަކާތްތައް ރާއްވަވައި، ދީނީ، އަދަބީ އަދި ކުޅިވަރު މުބާރާތްތައް އިންތިޒާމު ކުރައްވައި، އާދަމް މޫސާގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އިހަވަންދޫ ސްކޫލުން ފާހަގަކުރި އަދަބީ ޚިދުމަތުގެ ރިހި 25ވަނަ ޙަފުލާގައި، ދިވެހި އަދަބީ ހަރަކާތްތައް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، ރިހި ޚިދުމަތުގެ އިނާމު، 2023ވަނަ އަހަރު އާދަމް މޫސާއަށް ވަނީ ލިބިވަޑައިގެންފައެވެ.