އަލްފާޟިލް އިބްރާހީމް ޙުސައިން
ސީރީނުވިލާ ރ. ފައިނު

އިބްރާހީމް ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އުމުރުން އެންމެ 17 އަހަރުގައި 1 އެޕްރީލް 1979 ގައެވެ. 31 ޖުލައި 2019 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.

އިބްރާހީމް ޙުސައިން ފުރަތަމަ އަދާކުރެއްވީ، ރ. ފައިނު އޮފީހުގެ ކާތިބު ކަމެވެ. އޭގެފަހުން، އެޓަރނީ ޖެނެރަލްގެ ރ. އަތޮޅުގެ އެހީތެރިޔާ ކަމާއި، ރ. އިނގުރައިދޫ ކޯޓުގެ ޤާޟީކަން ކުރެއްވިއެވެ. އިބްރާހީމް ޙުސައިން، ރ. އަތޮޅު އެޓަރނީ ޖެނެރަލްގެ އެހީތެރިޔާގެ މަގާމުގައި ހުންނެވިއިރު، އަތޮޅުގެ ރަށްރަށުގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަޑައިގެން ވަކާލާތު ކުރައްވައިފައި ވެއެވެ. އަދި، އިނގުރައިދޫ ކޯޓުގެ ޤާޟީ ކަމުގެ މަގާމު އަދާކުރެއްވިއިރު، ކޯޓަށް ހުށަހެޅޭ މައްސަލަތައް ބައްލަވައި، ޝަރީޢަތުގައި ދެފަރާތުން ދައްކާ ވާހަކަތައް އަޑު އައްސަވައިގެން ލިޔުއްވައި މަޙްޟަރު ކުރައްވައި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް އަމިއްލަފުޅަށް ލިޔުއްވައިގެން ނިންމަވައިފައި ވެއެވެ. އިބްރާހީމް ޙުސައިނަކީ، ރ. ފައިނު ކަތީބު ކަމުގެ އިތުރުން، ފައިނު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވިއިރު، ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުވެސް އިބްރާހީމް ޙުސައިން އަދާކުރައްވައިފައި ވެއެވެ.

އިބްރާހީމް ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުން ބޮޑު ބައެއް ހޭދަކުރައްވައިފައި ވަނީ ރ. ފައިނު އޮފީހުގައްޔާއި، ފައިނު ކައުންސިލުގެ އިދާރާގައެވެ. އިބްރާހީމް ޙުސައިން، ފައިނުގެ ވެރިކަމުގައި ހުންނެވިއިރު، ލިޔަންކިޔަން ނުދަތުން މުޅި ރާއްޖެއިން ފޮހެލުމަށް ރާއްޖޭގައި ހިންގަމުން ގެންދިޔަ އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި، 1991ވަނަ އަހަރު، މުޅި ރާއްޖެއިން 1ވަނަ ރަށަކަށް ފައިނު ހޮވިގެން، އެކަމުގެ ހަނދާނީ ލިޔުން އެ ރަށަށް ލިބިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތުގައި، 2004ވަނަ އަހަރު މުޅި ރާއްޖެއިން 1ވަނަ ރަށަކަށް ފައިނު ހޮވިފައިވެއެވެ. ރަށުގައި އަލަށް ކަރަންޓުގެ ޚިދުމަތް ޤާއިމުކުރުމާއި، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައިދޭ ނިޒާމެއް ޤާއިމުކުރުމާއި، އަންހެނުންނަށް އަލަށް މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތްތަކުގައްޔާއި، ރަށުގެ މަގުތަކާއި ގޯޅިތައް ހަދައި، އެތަންތާނގައި މަގުބައްތި ޖަހައި ޒީނަތްތެރި ކުރުމުގެ މަސައްކަތުގައިވެސް އިބްރާހީމް ޙުސައިން އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ފައިނު ސްކޫލުގައި ގްރޭޑް 8 އުފެއްދުމަށްޓަކައި ރަށުން ބޭރުން ކުދިން ގެނެސްގެން، ގްރޭޑް 8 އުފައްދައި، ކިޔަވައިދެއްވައި، ރަށުގައި އަލަށް ޖީ.ސީ.އީ. އޯ ލެވެލް އިމްތިޙާނު ހެދުމުގެ އިތުރަށް، ރަށުގެ ތަރައްޤީއަށާއި ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް އިބްރާހީމް ޙުސައިން ކުރައްވައިފައި ވެއެވެ. 500 މީހުން ހަމަނުވާ އާބާދީއަކަށް ބަލާއިރު، ތަރައްޤީގެ ގިނަގުނަ މަސައްކަތްތަކެއް، އިބްރާހީމް ޙުސައިންގެ ވެރިކަމުގައި ފައިނުގައި ކުރެވިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ހަމަ އެއާއެކު، ފައިނު އޮފީސް އަދި ކައުންސިލުގެ އިދާރާ ހިންގާ އިމާރާތަށްވެސް އެ ވަގުތަކަށް ގެނެވެން އޮތް ބަދަލެއް ގެންނަވައިގެން މުވައްޒަފުންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް އިބްރާހީމް ޙުސައިން ފަހިކޮށްދެއްވިއެވެ. އަދި، ފައިނު އޮފީހަށް ޒަމާނީ ޓެކްނޯލޮޖީއާއި، އިންސާނީ ވަސީލަތް އިތުރުކުރެވިފައި ވަނީ، އިބްރާހީމް ޙުސައިންގެ އިސްނެންގެވުމުގެ މަތިން ކުރެވިގެންދިޔަ މުހިންމު މަސައްކަތްތަކުގެ ސަބަބުންކަން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، އެޓަރނީ ޖެނެރަލްގެ އެހީތެރިޔާގެ މަގާމުގައި އިބްރާހީމް ޙުސައިން ހުންނެވި ދުވަސްވަރު، އަތޮޅުގައި ބާއްވާ އާންމު އިމްތިޙާނުތަކުގެ ތެރެއިން ޝަފަވީގޮތުން ކުރެވޭ އިމްތިޙާނުތައް ކުރުމަށްޓަކައި، އެޑިޔުކޭޝަން މިނިސްޓްރީގެ އެދިވަޑައިގަތުމުގެ މަތިން، އެގްޒަމިނަރެއްގެ ގޮތުގައި ހިލޭސާބަހަށް އިބްރާހީމް ޙުސައިން މަސައްކަތް ކޮށްދެއްވައިފައި ވެއެވެ.