އަލްފާޟިލް ޙަސަން ރަޝީދު
ދަފްތަރު. ނަންބަރު ރސ 5271، މާލެ

ޙަސަން ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 2 މޭ 1985 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ އެސިސްޓެންޓް އިންޖިނިއަރެއްގެ ވަޒީފާއެވެ. އޭގެފަހުން، އެ ޑިޕާޓްމަންޓުގެ އިންޖިނިއަރ ކަމާއި، ސުޕަވައިޒަރުކަން ކުރެއްވިއެވެ. އަދި މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ސީނިއަރ ސުޕަވައިޒަރު ކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމާއި، އިންޖިނިއަރ ކަމާއި، ސީނިއަރ އިންޖިނިއަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޙަސަން ރަޝީދު މިހާރު ހުންނެވި ސީނިއަރ ސަރވިސް އިންޖިނިއަރ ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ، 16 ސެޕްޓެންބަރު 2018އިން ފެށިގެންނެވެ.

އިންޖީނުގޭގެ ޚިދުމަތާ ގުޅިވަޑައިގަތުމަށްފަހު، ޙަސަން ރަޝީދު އެންމެ ފުރަތަމަ ކުރެއްވީ، މާލޭގެ ޑިސްޓްރިބިއުޝަން ނެޓްވަރކްގެ މަސައްކަތެވެ. އޭގެއިތުރުން، މަގުމަތީގައި ލޭނު ދެމުމާއި، ލޭނަށް ކަރަންޓު ދިނުމަށް ކޭބަލްއާ ގުޅައިލުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. އޭރު މަގުމަތީގައި ކަރަންޓު ނަރުތައް ދަމާފައި ހުންނަނީ، މަތިން ކަމަށްވާތީ، އެ މަސައްކަތް ކުރައްވަމުން ގެންދެވީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެންނެވެ. ކަރަންޓުގެ މަސައްކަތް ޙަސަން ރަޝީދު ކުރައްވަމުން ގެންދެވިއިރު، ބައެއްފަހަރު އެކި އެކްސިޑެންޓްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށްވިޔަސް، އިރާދަކުރެއްވީތީ ފުރާނަޔަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ކުރިމަތިނުވާކަން ޙަސަން ރަޝީދު ފާހަގަކުރައްވައެވެ.

ޙަސަން ރަޝީދު ކުރެއްވި ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، މާލޭގައި ކަރަންޓު ނެޓްވަރކްގައި ބޭނުންކުރުމަށް އޯވަރހެޑް އަދި އަންޑަރ ގްރައުންޑް ކޭބަލް ލައިން ވިއުގަ ގާއިމުކުރެއްވުމަށް ޢަމަލީގޮތުން ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، 3,300 ވޯލްޓޭޖުގެ ޖެނެރޭޓަރ ސިސްޓަމް އަދި 11,000 ވޯލްޓޭޖުގެ ޖެނެރޭޓަރ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތްތަކުގައްޔާއި، ސްޓެޕް އަޕް އަދި ސްޓެޕް ޑައުން ޓްރާންސްފޯމަރުތަކުގެ މެއިންޓެނަންސް މަސައްކަތްތަކުގައިވެސް ޙަސަން ރަޝީދު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ދިވެހި ދައުލަތަށް އަދި ސްޓެލްކޯގައި ޙަސަން ރަޝީދު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

ޙަސަން ރަޝީދު ފާހަގަކުރެވިފައި ވަނީ، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި ކުންފުންޏަށް ޚިދުމަތްކޮށް ދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި، ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.