އަލްއުސްތާޛު ޚާލިދު ޤާސިމް
ރޯޒީ ކ. ތުލުސްދޫ

އަލްއުސްތާޛު ޚާލިދު ޤާސިމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ކ. އަތޮޅު ޤާޟީ ކަމުގެ މަގާމުގައި 11 ޖުލައި 1977 ގައެވެ. އޭގެފަހުން، ހިންމަފުށީ ކޯޓުގެ ޤާޟީ ކަމާއި، ދިއްފުށީ ކޯޓުގެ ޤާޟީ ކަމާއި، ތުލުސްދޫ ކޯޓުގެ ޤާޟީ ކަމާއި، މެޖިސްޓްރޭޓް ކަމާއި، ކ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން ކުރައްވައިފައި ވެއެވެ. އަދި މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިރެކްޓަރ އޮފް ޖުޑީޝަލް އެފެއާޒް ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. 20 އޮކްޓޫބަރު 2017 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

އަލްއުސްތާޛު ޚާލިދު ޤާސިމްގެ ޚިދުމަތް ފެށިގެން އައި ދުވަސްވަރަކީ، މާލެއަތޮޅުގެ ރަށުކޯޓުތަކުގައި މުވައްޒަފުން ނެތް ދުވަސްވަރެއް ކަމަށްވުމުން، ޝަރީޢަތުގެ މަޖިލީހުގެ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިޔުއްވުމުގެ އިތުރުން، އިދާރީ ހުރިހާ ކަމެއް ބަލަހައްޓަވައި، ކޯޓަށް ހާޒިރު ކުރަންޖެހޭ މީހުންނަށް ޗިޓު ހެއްދެވުމާއި، ޗިޓު ރައްދު ކުރުމުގެ ހުރިހާ ކަމެއްވެސް ޚާލިދު ޤާސިމް އޭރު ކުރެއްވީ އަމިއްލަފުޅަށެވެ. 17 ޖުލައި 1979 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ރަށުކޯޓު އުފެއްދެވުމާ ހަމަޔަށް ކ. އަތޮޅު ކޯޓުގެ ފައިސާއާ ބެހޭ އެންމެހައި ކަންތައްތަކާއި، ޝަރުޢީ ފޮތްތަކަށް ނަގަންޖެހޭ ރެކޯޑުތައް ނެންގެވުމާއި، ވަރި ކައިވެންޏާ ބެހޭ ކަންތައްތައް ކުރެއްވުމާއި، އިދާރީ އެންމެހައި މަސައްކަތްތައް ކުރެއްވީ، ޚާލިދު ޤާސިމެވެ.

ރަށުކޯޓުތަކަށް މުވައްޒަފުން ހަމަޖެއްސެވުމާ ގުޅިގެން އަތޮޅުގެ ހުރިހާ ރަށެއްގެ ކޯޓުތަކެއްގެ މުވައްޒަފުން، ވަޒީފާއަށް އަހުލުވެރިކުރުވުމުގެ ގޮތުން މައުލޫމާތު ދެއްވައި، އެކިއެކި ތަމްރީނުތަކަށް މުވައްޒަފުން މާލެއަށް ފޮނުއްވާ ދުވަސްވަރު، އެ ކޯޓުގެ ހުރިހާ މަސައްކަތްތަކެއް ޚާލިދު ޤާސިމް ކުރައްވައިފައި ވެއެވެ. އަދި، އަތޮޅުގެ 9 ރަށުގެ ކޯޓު ބެލެހެއްޓެވުމުގައި، އިސް މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުންވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ.

އަލްއުސްތާޛު ޚާލިދު ޤާސިމް، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިރެކްޓަރ އޮފް ޖުޑީޝަލް އެފެއާޒް ކަމުގެ މަގާމުގައި ހުންނަވައިގެންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަކިވެވަޑައިގަތުމާ ހަމަޔަށްވެސް ކުރެއްވި މައިގަނޑު މަސައްކަތަކީ، ރާއްޖޭގެ 187 ރަށުގެ ރަށުކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފޯނުން އާންމުން ހުށަހަޅާ ޝަކުވާތަކާއި، ސިޓީން ހުށަހަޅާ ޝަކުވާތަކާއި، އަދި އާންމުން ބައްދަލުކޮށް ހުށަހަޅާ ޝަކުވާތައް ބެއްލެވުމުގެ މަސައްކަތެވެ. މީގެއިތުރުން، އަތޮޅުތަކަށް ޝަރުޢީ ވަފްދުތައް ފޮނުއްވުމާއި، ގިނަ ދުވަސްވީ މައްސަލަތައް ނިންމެވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމާއި، ޤާނޫނީ ވަކީލުންގެ މައްސަލަތައް ބެއްލެވިއެވެ. އަދި ތަފާސްހިސާބު ބަލަހައްޓާ ސެކްޝަނަށް ބޭނުންވާ މައުލޫމާތުތައް ހޯއްދަވައި ދެއްވުމާއި، އެކިއެކި ކޮމިޓީތަކުގެ މަސައްކަތްތަކާއި، އަގު ކޮމިޓީގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމާއި، މުވައްޒަފުން ތަމްރީނު ކުރާ ކޯސްތަކުގައި ކިޔަވައިދެއްވުމާއި، ރަމަޟާން މަހާއި، ޝައްވާލް މަހުގެ ހަނދު ބެލުމާ ބެހޭ އެންމެހައި ކަންތައްތައް އިންތިޒާމު ކުރައްވައި، އެކަންކަން ބެލެހެއްޓުމުގެ މަސައްކަތްވެސް ޚާލިދު ޤާސިމް ކުރައްވައިފައި ވެއެވެ.

ޚާލިދު ޤާސިމަކީ، އަދާކުރެއްވި ވަޒީފާގެ އިތުރުން، މާލެއަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދެއްވުމަށް އިޖުތިމާޢީ އެކި ކަންކަމުގައި އަމިއްލަފުޅަށް އިސްނަންގަވައިގެން ބައިވެރިވެވަޑައިގެން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، ތުލުސްދޫގެ ތަރައްޤީއަށް ކޮށްދެއްވި މަސައްކަތްޕުޅުތަކަކީވެސް މުހިންމު މަސައްކަތްޕުޅުތަކެކެވެ.