އަލްފާޟިލާ ޙައްވާ ޒާހިރާ
ދަފްތަރު. ނަންބަރު ރސ 1331، މާލެ

ޙައްވާ ޒާހިރާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގައި 13 ސެޕްޓެންބަރު 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ބަޖެޓު ބަލަހައްޓާ ކާތިބާ ކަމެވެ. އޭރު މައިގަނޑު ގޮތެއްގައި ކުރެއްވީ، ބަޖެޓް ސެކްޝަނަށް އަންނަ ބިލުތަކަށް ފައިސާ ދެއްކުމަށް ޗެކު ހެއްދެވުމާއި، ތިޖޫރީ ބެލެހެއްޓެވުމާއި، ތިޖޫރީ ރިޕޯޓު ހެއްދެވުމުގެ މަސައްކަތެވެ. އަދި ބަޖެޓުގެ އެހެނިހެން ކަންކަން ކުރެއްވުމުގެ އިތުރުން، މުސާރަތައް ހައްދަވައި، މުސާރަ ދިނުމުގެ އެންމެހައި ކަންކަންވެސް ކުރެއްވިއެވެ.

ޙައްވާ ޒާހިރާ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގައި 8 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ވަޒީފާއިން ވަކިވެވަޑައިގެން، އަލުން ޚިދުމަތް ކުރައްވަން ފެށްޓެވީ، 10 އޮކްޓޫބަރު 1993 ގައެވެ. އޭރު ފުރަތަމަ އަދާކުރެއްވީ، އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ ވަޒީފާއެވެ. އެ ވަޒީފާއިން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވައި، މިހާރު ހުންނެވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ސަރވިސް މެނޭޖަރު ކަމުގެ މަގާމުގައެވެ.

ޙައްވާ ޒާހިރާ ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކުންފުނީގެ ރިސެޕްޝަންގައްޔާއި، އިދާރީ އެންމެހައި މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. އަދި، ކުންފުނިން ފޮނުވާ ސިޓީތަކާއި، މުހިންމު ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓެވުމާއި، ފައިލް ކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވައެވެ. މީގެއިތުރުން، ކުންފުނީގެ އެކި ކަންކަމުގައްޔާއި، ކުންފުނި ތަމްސީލު ކުރަންޖެހޭ އެކި ކަންކަމުގައި ޙައްވާ ޒާހިރާ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.

ޙައްވާ ޒާހިރާއަކީ، ލިބިވަޑައިގެންފައިވާ މައުލޫމާތާއި ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ކަންކަން ދަސްކޮށްދެއްވަމުން ގެންދަވާ އަދި ތަޖުރިބާ ހިއްސާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.