އަޙްމަދު ރާޝިދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 މޭ 1984 ގައެވެ. މި ވޭތުވެދިޔަ 39 އަހަރަށްވުރެ ދިގު މުއްދަތުގައި ޚިދުމަތް ކުރައްވައިފައި ވަނީ، އިންޖީނުގޭގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ގްރީސަރެއްގެ ވަޒީފާއެވެ. އޭގެފަހުން، ޑްރައިވަރު ކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އެސިސްޓެންޓް ސުޕަވައިޒަރު ކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ސުޕަވައިޒަރު ކަމާއި، ސީނިއަރ ޓެކްނީޝަން ކަމާއި، ސީނިއަރ ސުޕަވައިޒަރުކަން ކުރައްވައިފައި ވެއެވެ. އަދި އެ ކުންފުނީގެ އެސިސްޓެންޓް އިންޖިނިއަރ ކަމުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. މިހާރު އަދާކުރައްވަމުން ގެންދަވާ ސީނިއަރ ސްޓޭޝަން ސުޕަވައިޒަރުގެ މަގާމަށް އަޙްމަދު ރާޝިދު ހަމަޖައްސަވައިފައި ވަނީ 16 ސެޕްޓެންބަރު 2018 ގައެވެ.
ވޭތުވެދިޔަ 39 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، މާލެއަތޮޅު މާފުށި، ގުރައިދޫ، ކާށިދޫ އަދި މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ އިންޖީނުގޭގެ ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައި ހުންނަވައިގެން، އެ ރަށްރަށުގެ އިންޖީނުގެ އިމާރާތް ކުރުމާއި، އެ ތަންތަނަށް މުވައްޒަފުން ހޯއްދެވުމާއި، އިންޖީނުގޭގެ ޑިސްޓްރިބިއުޝަން ނެޓްވާރކް ކުރެހުމުގެ މަސައްކަތާއި، އިދާރީގޮތުން ކުރަންޖެހުނު އެކިއެކި ކަންކަން އަޙްމަދު ރާޝިދު ކުރައްވައިފައި ވެއެވެ. އަދި އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށެއްގެ އިންޖީނުގެތައް، ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ކުރަންޖެހުނު ސަރވޭގެ މަސައްކަތްތައް، 2014ވަނަ އަހަރުގެ ތެރޭގައި އަޙްމަދު ރާޝިދު ކުރައްވައިފައި ވެއެވެ. އަދި، މެދު އުތުރު ޕްރޮވިންސްގެ ރަށްރަށުގެ ޑިސްޓްރިބިއުޝަން ނެޓްވަރކްގެ ޗާޓާއި، އެ ރަށްރަށުގެ ޗާޓުވެސް އަޙްމަދު ރާޝިދު ވަނީ ކުރައްސަވައިފައެވެ.
އަޙްމަދު ރާޝިދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ކުންފުނީގެ ވަޒީފާއާ އަލަށް ގުޅޭ މުވައްޒަފުން، ކުންފުނީގެ މަސައްކަތްތަކަށް އަހުލުވެރިކުރުވައި ތަމްރީނު ކުރައްވަމުން ގެންދަވައެވެ. އަދި، މިހާރުވެސް އިޚުލާޞްތެރިކަމާ އެކުގައި ކުންފުންޏަށް ޚިދުމަތް ކުރެއްވުމުގައި އަޙްމަދު ރާޝިދު ދެމިހުންނެވިކަން ފާހަގަކޮށްލަންޖެހެއެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ސްޓެލްކޯ ތުލުސްދޫ އިންޖީނުގޭގައެވެ.
ސްޓެލްކޯގެ އިންޖީނުގެތައް ހިންގި މުވައްޒަފުންގެ ތެރެއިން، އުތުރުގެ އަތޮޅުތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް، ކ. ހިންމަފުށި އިންޖީނުގެ ހިންގެވި އަޙްމަދު ރާޝިދު، 2003ވަނަ އަހަރު ހޮވިވަޑައިގެންފައިވާތީ، އެކަމުގެ ހަނދާނީ ފިލާ 19 ޖޫން 2004 ގައި އަޙްމަދު ރާޝިދަށް ލިބިވަޑައިގެންފައި ވެއެވެ.
އަޙްމަދު ރާޝިދަކީ، ކުންފުނީގެ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ބޭއްވި ފުރަތަމަ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެވަޑައިގެން، ކުންފުންޏަށް ރީތި ނަން ހޯއްދަވައި ދެއްވައިފައި ވެއެވެ. އަދި ސްޓެލްކޯ ބޭންޑު އުފެދުމާ ގުޅިގެން، އެ ބޭންޑުގައި މިޔުޒިކުވެސް ކުޅުއްވައިފައި ވެއެވެ.