އަލްފާޟިލް މުޙައްމަދު ރަޝީދު
މ. ފެހިގެ

މުޙައްމަދު ރަޝީދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 16 ސެޕްޓެންބަރު 1984 ގައި ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ އެސިސްޓެންޓް އިންޖިނިއަރުގެ މަގާމުންނެވެ. އޭގެފަހުން، އެ ޑިޕާޓްމަންޓުގެ އިންޖިނިއަރ ގްރޭޑް 1ގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އެސިސްޓެންޓް އިންޖިނިއަރ ގްރޭޑް 3ގެ މަގާމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އިންޖިނިއަރުގެ މަގާމާއި، ސީނިއަރ އިންޖިނިއަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މުޙައްމަދު ރަޝީދު މިހާރު ހުންނެވި ސީނިއަރ ސަރވިސް އިންޖިނިއަރުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ، 16 ސެޕްޓެންބަރު 2018 އިން ފެށިގެންނެވެ.

މުޙައްމަދު ރަޝީދަކީ، މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ވަރަށްގިނަ ޕުރޮޖެކްޓުތަކުގައި އިސް ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. ކުރައްވައިފައިވާ ޚާއްޞަ ބައެއް މަސައްކަތްތަކުގެ ތެރޭގައި، 1986ވަނަ އަހަރު އައްޑޫ އިންޖީނުގެ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީއާ ސަރުކާރުން ހަވާލުކުރެއްވުމާ ގުޅިގެން، އިންޖީނުގެއާ ޙަވާލުވުމަށް ވަޑައިގެން، ދެ އަހަރެއްހާ ދުވަހު އައްޑޫ އިންޖީނުގޭގައި ޚިދުމަތް ކޮށްދެއްވިއެވެ. އަދި 3 ނޮވެންބަރު 1988ގައި ރާއްޖެއާ ކުރިމަތިވި ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު، މާލޭގެ އިންޖީނުގޭގައި އިންޗާރޖެއްގެ ގޮތުގައި އެ ވަގުތު ޑިއުޓީގައި ހުންނެވީ، މުޙައްމަދު ރަޝީދެވެ. އެ ހާދިސާ ކުރިމަތިވުމާ ގުޅިގެން، އެ ވަގުތު އަޅުއްވަންޖެހުނު ފިޔަވަޅުތައް، އިސް ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން އަޅުއްވަމުން ގެންދެވިކަން ފާހަގަކޮށްލަން ޖެހެއެވެ.

މީގެއިތުރުން، މާލޭގެ ބާ އިންޖީނުގެއިން އާ އިންޖީނުގެއަށް ބަދަލުވިއިރު ކުރެވުނު މުހިންމު މަސައްކަތްތަކުގައި، މުޙައްމަދު ރަޝީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި 2004ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއާ ކުރިމަތިވި ސުނާމީ ކާރިސާގައި، ސްޓެލްކޯއިން އެކި ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، މުޙައްމަދު ރަޝީދު ވަނީ މާލެއަތޮޅު މާފުށީ އިންޖީނުގޭގައި މަސައްކަތް ކުރައްވައިފައެވެ. މުޙައްމަދު ރަޝީދު މިހާރު ޚިދުމަތް ކުރައްވަނީ، އެ ކުންފުނީގެ ވޯޓަރ އެންޑް ސުވަރޭޖް ޑިޕާޓްމަންޓުގައެވެ. އެ ޑިޕާޓްމަންޓުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، މައްސަލަ ޖެހޭ ޕަމްޕުތައް ސަރވިސް ކުރައްވައި މަރާމާތު ކުރެއްވުމާއި، ރަށްރަށަށް ޒިޔާރަތް ކުރައްވައި، ޕަމްޕުތަކަށް ޖެހޭ މައްސަލަތައް ހައްލު ކުރެއްވުން ހިމެނެއެވެ.

މުޙައްމަދު ރަޝީދު ފާހަގަކުރެވިފައި ވަނީ، ކުންފުނީގައި ފަރުވާތެރިކަމާއެކުގައި ޚިދުމަތް ކުރައްވައި، ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅެއްގެ ގޮތުގައެވެ. މުޙައްމަދު ރަޝީދަކީ، ކުންފުނިން ބާއްވާ ޚާއްޞަ ޙަފުލާތަކާއި، މުހިންމު މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. ދައުލަތަށް އަދި ސްޓެލްކޯގައި މުޙައްމަދު ރަޝީދު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 39 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.