އަލްފާޟިލާ ސާރާ އަޙްމަދު
ކިނާރީގެ ސ. ހިތަދޫ

ސާރާ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 10 މާރިޗު 1984ގައި، ސެންޓްރަލް ހޮސްޕިޓަލްގެ 2 ނަންބަރު ނަރުހެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، 24 ނޮވެންބަރު 1984 ގައި އައްޑޫ ރީޖަނަލް ހޮސްޕިޓަލް ރަސްމީގޮތުން ހުޅުވުމާއެކު، އެ ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ނަރުހެއްގެ މަސްއޫލިއްޔަތުގެ އިތުރުން، އިދާރީ މަސައްކަތާއި، ޑޮކްޓަރުން ބަލިމީހުން ބައްލަވާ ވަގުތުތަކުގައި އެހީތެރިވެދެއްވުމުގެ އިތުރަށް، ކޮމިއުނިޓީ ހެލްތު ވަރކަރުންނާ އެކުގައި ކޮމިއުނިޓީ ހެލްތުގެ މަސައްކަތްވެސް ސާރާ އަޙްމަދު ކުރައްވަމުން ގެންދެވިއެވެ.

ސާރާ އަޙްމަދު، 1996ވަނަ އަހަރު ފޫޅުމައި ކަމުގެ ތަމްރީނު ފުރިހަމަ ކުރެއްވުމަށްފަހު، 7 މޭ 1996 ގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އެސިސްޓެންޓް ނަރސް މިޑްވައިފަކަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން، ރީޖަނަލް ހޮސްޕިޓަލްގެ ޕްރެކްޓިކަލް ނަރސް ކަމުގެ މަގާމާއި، އެންރޯލްޑް ނަރސް ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. ސާރާ އަޙްމަދު މިހާރު ހުންނެވީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރސްއެއްގެ މަގާމުގައެވެ.

ސާރާ އަޙްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 40 އަހަރު ވެފައިވާއިރު، 39 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވީ، އައްޑުއަތޮޅުގައެވެ. ނަރުހެއްގެ ގޮތުން ޚިދުމަތް ކުރެއްވުމުގައެވެ. އަދި ނަރސް މިޑްވައިފެއްގެ ޚިދުމަތް ކުރައްވަމުން ގެންދަވާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، މާބަނޑު އަންހެނުން، މާބަނޑުވީއްސުރެ ރައްކާތެރިވާންޖެހޭ ކަންތައްތަކާ ގުޅޭގޮތުންނާއި، މާބަނޑު ދުވަސްވަރު ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅެންޖެހޭ ގޮތާ ގުޅޭގޮތުން ކައުންސެލިންގ ދެއްވައި، ގާތުން ކިރު ދިނުމާ ގުޅޭ އިރުޝާދުވެސް ދެއްވަމުން ގެންދަވައެވެ.

ސާރާ އަޙްމަދު ފާހަގަކުރެވިފައި ވަނީ، ގަޑިއަށް ފަރުވާތެރި، ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރައްވާ ނަރުހެއްގެ ގޮތުގައެވެ. މީގެއިތުރުން، ހޮސްޕިޓަލުގެ ލޭބަރ ރޫމް ތަރައްޤީކޮށް ފުރިހަމަކުރުމުގައި ސާރާ އަޙްމަދުގެ ޚިޔާލާއި ތަޖުރިބާ ހިއްސާ ކުރައްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. ބަލިމީހުންނަށް ޚިދުމަތް ކުރެއްވުމަކީ، އުފަލެއް ކަމުގައި ދެކެވަޑައިގެން، ޚިދުމަތް ކުރައްވަމުން ގެންދަވާ ސާރާ އަޙްމަދާ އެކުގައި މިހާރު ޚިދުމަތުގައި ހުރި އެއް ނަރުހަކީ، އައްޑޫ ރީޖަނަލް ހޮސްޕިޓަލްގައި ސާރާ އަޙްމަދު ވިއްސައިފައިވާ ކުއްޖެއްކަން އެއީ، ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެކެވެ.

ސާރާ އަޙްމަދަށް އެންމެ ބޮޑު އުފަލެއް ލިބިވަޑައިގަންނަވާ ވަގުތަކީ، މާބަނޑުމީހާ ވިއްސުމަށްފަހު، ދަރިފުޅުގެ މަންމަ ގާތަށް ގެންނަ ވަގުތު، މަންމަގެ މޫނުމަތިން އުފާވެރި އިހުސާސް ފެނިގެންދާ ވަގުތެވެ.