ޙަސަން ފައުޒީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ގްރީސަރެއްގެ ވަޒީފާގައި 1 މޭ 1984 ގައެވެ. ޙަސަން ފައުޒީ މިހާރު ހުންނެވީ، ތުލުސްދޫ އިންޖީނުގޭގެ ސީނިއަރ ސްޓޭޝަންސް ސުޕަވައިޒަރުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 39 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ޑްރައިވަރު ކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އެސިސްޓެންޓް ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރު ކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ސީނިއަރ ޓެކްނީޝަން ކަމާއި، ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް އިންޖިނިއަރުކަން ކުރައްވައިފައިވެއެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ޙަސަން ފައުޒީ ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކުންފުނީގެ ދަށުން ހިންގާ ރަށްރަށުގެ އިންޖީނުގެތަކާ ހަވާލުވެވަޑައިގެން ހުންނަވައި، އެ އިންޖީނުގެތަކަށް ބޭނުންވާ މުވައްޒަފުން ނެންގެވުމާއި، މުވައްޒަފުންގެ ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވުން ހިމެނެއެވެ. އަދި، ގޭގެއަށާއި ތަންތަނަށް ކަރަންޓު ދިނުމަށްޓަކައި މަގުކޮނެ، ކޭބަލް އެޅުމާއި، އިލެކްޓްރިކަލް އެހެން މަސައްކަތްތައް ކުރެއްވުމާއި، އަދި، މުވައްޒަފުންގެ ޑިއުޓީ ބެލެހެއްޓެވުމާއި، މުވައްޒަފުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދެވުންވެސް ހިމެނެއެވެ.
މީގެއިތުރުން، އިންޖީނުގެއަށް ބޭނުންވާ ޑީސަލާއި، އަޑީތެޔޮ އަދި އެހެނިހެން ތަކެތި ހޯއްދަވައި، އެ ތަކެތި ގުދަންކޮށް ބެލެހެއްޓެވުމާއި، ޑިސްޓްރިބިއުޝަން ފޮށިތައް މަރާމާތްކޮށް ބެލެހެއްޓެވުމާއި، އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ފަރުވާތެރިކަމާއެކުގައި ޙަސަން ފައުޒީ ކުރައްވަމުން ގެންދަވައެވެ.
ޙަސަން ފައުޒީ ފާހަގަކުރެވިފައި ވަނީ، މަސައްކަތްތަކަށް އިސްކަން ދެއްވައިގެން، ކުންފުނީގައި ވަރަށް ފަރުވާތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި، ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައި، ގަޑިއަށް ފަރުވާތެރި، އެހެން މުވައްޒަފުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރައްވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.