އަލްފާޟިލާ ފާޠިމަތު ޖަމީލް
މއ. ނާރެސް

ފާޠިމަތު ޖަމީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 21 ފެބުރުވަރީ 1983 ގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ (ޓްރޭނީ) އެއްގެ ވަޒީފާއިންނެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީއާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރު ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އެއަރ ޓްރެފިކް ކޮންޓްރޯލަރ ކަމާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ސުޕަރވައިޒަރު ކަމާއި، ސީނިއަރ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރު ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ސީނިއަރ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރު ކަމާއި، ޑެޕިއުޓީ ޗީފް، އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރުކަން ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް އެއަރ ޓްރެފިކް ސަރވިސަސްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.

މޯލްޑިވްސް ނޭޝަނަލް އެއަރ ޓްރެފިކް ސަރވިސަސްގެ ކުރިއެރުމަށް ފާޠިމަތު ޖަމީލް ކޮށްދެއްވައިފައިވާ ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެގްޒޭމިނަރެއްގެ ހައިސިއްޔަތުން އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ މަސައްކަތުގެ ފެންވަރު ބައްލަވައި، ޗެކް-ކޮންޓްރޯލަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން ހިމެނެއެވެ. އަދި އެއިރޮނޯޓިކަލް ސަރޗް އެންޑް ރެސްކިއުގެ ޚިދުމަތަށް ބޭނުންވި ހާލަތުގައި، އެ މަސައްކަތުގައިވެސް ފާޠިމަތު ޖަމީލް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ތަރައްޤީ ކުރުމުގައި، އެއަރ ސްޕޭސް އަދި ސިސްޓަމްގައި ބޭނުންކުރެވޭ އާލާތްތައް ތަރައްޤީ ކުރުމަށްޓަކައި ކަމާގުޅޭ ތަމްރީނުތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އަދި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތައް ފާޠިމަތު ޖަމީލް ކުރައްވައިފައި ވެއެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލަރ އޮފިސަރ (ޓްރޭނީ) އެއްގެ މަގާމުން ފެށިގެން، އެއަރ ޓްރެފިކް ސަރވިސްގެ އެކި ހަރުފަތްތައް ކަޑައްތު ކުރައްވައި، އެއަރ ޓްރެފިކް އޮޕަރޭޝަން ސަރވިސަސްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރެއްގެ މަގާމާ ހަމަޔަށް ވަޑައިގެންނެވުމަކީ، ފާޠިމަތު ޖަމީލް ހާސިލުކުރެއްވި އެންމެބޮޑު ކާމިޔާބީއެވެ. މި ވަގުތު ފާޠިމަތު ޖަމީލް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރައްވަނީ ރާއްޖޭގެ ހުރިހާ އެއަރޕޯޓުތަކުގެ އެއަރ ޓްރެފިކް މުވައްޒަފުންގެ "ކޮމްޕިޓެންސީ އަދި ރީސެންސީ"އާ ބެހޭ ކަންތައްތައް، ސިވިލް އޭވިއޭޝަން ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދޭތޯ ބެއްލެވުމާއި، އެކަމާ ގުޅޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ބައްލަވައި، ޗެކް ކުރައްވައި، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ މަސައްކަތެވެ.

ފާޠިމަތު ޖަމީލް ފާހަގަކުރެވެނީ، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، މުވައްޒަފުންނާ ގާތުން މަސައްކަތް ކުރައްވާ އަދި ވެރިން އަންގަވާ އެންގެވުންތަކާ އެއްގޮތަށް ޢަމަލުކުރައްވައި، ތަނުގެ މަސްލަހަތު ހިފެހެއްޓެވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.