އަލްފާޟިލާ މަރްޔަމް ޖަމީލް
ރިޔާޒް ސ. ހިތަދޫ

މަރްޔަމް ޖަމީލް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 ނޮވެންބަރު 1982ގައި ސެންޓްރަލް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައެވެ. ނަރުސްކަން ދަސްކުރެއްވުމުގެ ޝައުޤުވެރިކަން ހިތްޕުޅުގައި އޮތުމާއެކު، ރަށުގައި ކިޔަވައި ވިދާޅުވަމުން ގެންދެވިއިރު ލިބިވަޑައިގެންނެވި ފުރުޞަތުގައި ނަރުހުން ތަމްރީނު ކުރުމަށް ރަށުން ނެގި ކުދިންގެ ތެރޭގައި ހިމެނިވަޑައިގެން، ކޯސް ފުރިހަމަކުރެއްވުމަށްފަހު، 6 މާރިޗު 1984 ގައި އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ 1 ނަންބަރު ނަރުހެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. އޭގެފަހުން، އެ ހޮސްޕިޓަލްގެ އެސިސްޓެންޓް ނަރސް ކަމާއި، އެސިސްޓެންޓް ނަރސް މިޑްވައިފް ކަމާއި، ޕްރެކްޓިކަލް ނަރސްކަން ކުރެއްވިއެވެ.

އެންރޯލްޑް ނަރުހެއްގެ ގޮތުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ، 1 ފެބުރުވަރީ 2009 ން ފެށިގެންނެވެ. ސެންޓްރަލް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި، މަރްޔަމް ޖަމީލް ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައިވެސް ތިން މަހެއްހާ ދުވަހު ޚިދުމަތް ކުރައްވައި، އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން، ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. 1995ވަނަ އަހަރު މަރްޔަމް ޖަމީލް، މިޑްވައިފްރީ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ލޭބަރ ރޫމްގައި މީހުން ވިއްސުމުގައި، ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވިއެވެ. އަދި އެޑްމިޓް ކޮށްފައި ތިބޭ މާބަނޑު މީހުންނަށް ދެއްވަންޖެހޭ ނަރސިންގ ކެއަރގެ ޚިދުމަތްވެސް ދެއްވިއެވެ.

މަރްޔަމް ޖަމީލް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 40 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، ހޮސްޕިޓަލްގެ ފަރާތުން ހިންގި ތަފާތު ވާރކްޝޮޕްތަކުގައްޔާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަންތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. މަރްޔަމް ޖަމީލް ވަނީ އިންޑިއާގެ މަދްރާއީގެ އަރުވިންދު އައި ހޮސްޕިޓަލުން ތިންމަސް ދުވަހުގެ ކޯހެއް، 1987ވަނަ އަހަރު ފުރިހަމަކުރައްވައިފައެވެ.

ހޮސްޕިޓަލުން ހިންގާ ތަފާތު ޕުރޮގުރާމުތަކުގެ ތެރޭގައި ހިމެނޭ ހެލްތު ސްކްރީނިންގ ޕުރޮގުރާމާއި، ގްރޯތު މޮނިޓަރިންގ ޕުރޮގުރާމު ރާއްވަވައި ހިންގެވުމުގައި މަރްޔަމް ޖަމީލް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. މީގެއިތުރުން، އައްޑުއަތޮޅާއި ފުވައްމުލަކާއި، ގއ. ވިލިނގިލީގައި 1991ވަނަ އަހަރު ހިންގި ޞިއްޙަތާ ބެހޭ އެކިއެކި ޕުރޮގުރާމުތަކާއި، ލޮލުގެ ކޭމްޕުތައް ހިންގުމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ވެކްސިން ޕުރޮގުރާމުތައް ރާއްވަވައި ހިންގަވައި، އަތޮޅުތަކުގައި ބާއްވާ ހެލްތު ސަރވޭތަކުގައިވެސް މަރްޔަމް ޖަމީލް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. ޑެންގީއާއި، ޔެލޯ ފީވަރ ފަދަ ބަލިތައް ފެތުރޭ ދުވަސްވަރު، އެ ބަލިތަކުން ރައްކާތެރިވުމަށް އާންމުންނަށް މައުލޫމާތު ދެއްވައި، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން އިރުޝާދު ދެއްވަމުންވެސް ގެންދަވައެވެ.

މަރްޔަމް ޖަމީލް، އައްޑޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުވެވަޑައިގެންނެވި ދުވަސްވަރަކީ، ވަސީލަތްތައް ވަރަށްމަދު ދުވަސްވަރެއް ކަމަށްވުމުން، ރޭގަނޑުގެ ވަގުތުތަކުގައި ބައްތީގެ އަލީގައި ޚިދުމަތް ދެއްވަން ޖެހިވަޑައިގަތުން އެއީ، މަރްޔަމް ޖަމީލް ޚާއްޞަ ގޮތެއްގައި ހަނދުމަފުޅު ކުރައްވާ ކަމެކެވެ. މިހާރުވެސް މަރްޔަމް ޖަމީލަކީ، ރަސްމީ ވަޒީފާގެ އިތުރުން، ބަލިމީހުންގެ ގާތަށް ގޭގެއަށް ޒިޔާރަތް ކުރައްވައި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުމުގެ ޚިދުމަތް ދެއްވައި، ބަލިމީހުންގެ ޕްރެޝަރާއި، ހަކުރު ހުންނަ މިންވަރު ބައްލަވައި ދެއްވައި، ޞިއްޙަތާ ބެހޭ މައުލޫމާތު ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.