އަލްފާޟިލް ޢަލީކަލޭފާނު
ހުވަނދުމާގެ، ހދ. ނޮޅިވަރަން

ޢަލީކަލޭފާނު، މަޝްހޫރު ނަމުންނަމަ ނޮޅިވަރަމު އަލިހާޖީއަކީ، މުޅި ބޮޑު ތިލަދުންމަތީގައި ނަންހިނގާ މަޝްހޫރު ބޭފުޅެކެވެ. ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ތިލަދުންމަތީ ދެކުނުބުރިއަށް އަންނަން ފެށި އިންޤިލާބީ ތަރައްޤީގެ ހުރިހާ މަސައްކަތެއްގެ ތަންފީޒީ މަރުޙަލާގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، ޢަލީކަލޭފާނެވެ. މިގޮތުން، ޢިލްމުގެ ނޫރުން އަތޮޅުތަކުގެ ރައްޔިތުންގެ ހިތްތައް ދިއްލައިލުމަށް އޭރު ފެށްޓެވި މަޝްރޫޢުގައި އަތޮޅުގެ އެކި ރަށްރަށުގައި މަދަރުސާތައް ބިނާކުރުމަށާއި، ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް އަތޮޅުތަކުގައި ޞިއްޙީ މަރުކަޒުތައް ޤާއިމުކުރެއްވުމަށް ފެށްޓެވި މަސައްކަތް ފާހަގަކޮށްލަން ޖެހެއެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ސަރުކާރުން ހިންގެވި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށުގައި، ސަރުކާރުން ބިނާކުރެއްވި ރަށު އޮފީސްތަކާއި، މިސްކިތްތަކާއި، ރަށްވެހިގެތަކާއި، މިނޫންވެސް ތަރައްޤީގެ މަސައްކަތްތަކުގައި ޢަލީކަލޭފާނު ހުންނެވީ އެންމެ ކުރީ ސަފުގައެވެ.

ނޮޅިވަރަމު ކުޑަކަތީބުގެ ވަޒީފާއިން 27 އެޕްރީލް 1964 ގައި ސަރުކާރުގައި ޚިދުމަތް ކުރައްވަން ފެށްޓެވި ޢަލީކަލޭފާނަކީ، ވަރަށް ހިންގުންތެރި ވެރިއެކެވެ. ކޮންމެ ކަމެއްގައިވެސް ސަރުކާރުން ދެއްވާ މަޝްވަރާއާއި އިރުޝާދާ އެއްގޮތަށް ކަންތައްތައް ހިންގަވައި، ނިންމަވައި، ނަތީޖާ ނެރެދެއްވުމުގެ ލާމަސީލު ނަމޫނާއެކެވެ. ޤައުމުގައި ތިއްބެވި މިފަދަ ޚިދުމަތްތެރީންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެއްވި "ކަމުވޮށިކަމުގެ ދަރަޖަ" ޢަލީކަލޭފާނަށް ދެއްވީ 1984ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.

ނޮޅިވަރަމު ކުޑަކަތީބު ކަމުގެ މަގާމާއި، ކަތީބު ކަމުގެ މަގާމު ޢަލީކަލޭފާނު އަދާކުރެއްވުމަށްފަހު، ހދ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމަށް ބަދަލުވެވަޑައިގަތީ 4 ފެބުރުވަރީ 1981 ގައެވެ. އޭގެ ފަހުން 3 ޑިސެންބަރު 1981 ގައި ހދ. އަތޮޅުވެރިޔާގެ މަގާމަށް ޢަލީކަލޭފާނު އިސްކުރެއްވިއެވެ. އަދި، ހދ. އަތޮޅުވެރިޔާގެ މަގާމު މެދުނުކެނޑި 8 އަހަރަށްވުރެ ގިނަދުވަހު އަދާކުރެއްވިއެވެ. އެހެންކަމުން، ނޮޅިވަރަމު ޢަލީކަލޭފާނު ދިވެހި ތާރީޚުން ޖާގަ ހޯއްދަވައިފައި ވަނީ، އެއް އަތޮޅެއްގެ އަތޮޅުވެރިކަމުގެ މަގާމު، މެދުނުކެނޑި އެންމެ ގިނަދުވަހު އަދާކުރެއްވި އަތޮޅުވެރިޔާގެ ގޮތުގައެވެ.

ޢަލީކަލޭފާނުގެ ޤައުމީ ޚިދުމަތުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ، ހދ. ހަނިމާދޫގައި އެއަރޕޯޓެއް ބިނާކުރުމަށް 1980ގެ އަހަރުތަކުގެ ކުރީކޮޅުގައި އެސް.ޓީ.އޯ.ގެ ފަރާތުން ފެށްޓެވި ބޮޑު މަޝްރޫޢުގެ މޭސްތިރިއެއްގެ ގޮތުންނެވެ. އެ މަސައްކަތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެއަރޕޯޓް ހުޅުވެންދެން ޢަލީކަލޭފާނު ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ހދ. އަތޮޅުވެރިޔާގެ މަގާމު އަދާކުރެއްވުމަށްފަހު، ޢަލީކަލޭފާނު ދެން ޚިދުމަތް ކުރެއްވީ، އަތޮޅުއޮފީހުގެ އެހީތެރިޔާގެ މަގާމުގައި ހުންނަވައިގެންނެވެ. އޭގެފަހުން، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމުވެސް އަދާކުރެއްވިއެވެ.

އަމިއްލަ ރަށާއި އަތޮޅަށް ހީވާގިކަމާއި އިޚުލާޞްތެރިކަމާއި، އަމާނާތްތެރިކަމާ އެކުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ސަރުކާރުގެ ޚިދުމަތުން ޢަލީކަލޭފާނު ވަކިވެވަޑައިގަތީ 1 މޭ 2008 ގައެވެ. އޭރު ޢަލީކަލޭފާނަށް ވަނީ، ދެވަނަ ޕެންޝަންވެސް ލިބިވަޑައިގެންފައެވެ.