އަލްފާޟިލް އަޙްމަދުމަނިކު
މ. ސުތުލިމާގެ

އަޙްމަދުމަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 30 މާރިޗު 1983 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ އެސިސްޓެންޓް ލައިންސްމަނެއްގެ ވަޒީފާއެވެ. އޭގެފަހުން، ލައިންސްމަން ކަމާއި، ސީނިއަރ ލައިންސްމަން ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމާއި، އިންޖިނިއަރ ކަމާއި، ސުޕަވައިޒަރުކަން ކުރެއްވިއެވެ. އަދި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ސީނިއަރ ސުޕަވައިޒަރު ކަމުގެ މަގާމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމުގެ މަގާމާއި، އިންޖިނިއަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަޙްމަދުމަނިކު މިހާރު ހުންނެވި ސަރވިސް އިންޖިނިއަރ ކަމުގެ މަގާމުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ، 16 ސެޕްޓެންބަރު 2018 އިން ފެށިގެންނެވެ. އަޙްމަދުމަނިކު، ދިވެހި ދައުލަތަށް އަދި ސްޓެލްކޯގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 40 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

އިންޖީނުގޭގެ ޚިދުމަތާ ގުޅިވަޑައިގަތުމަށްފަހު، އަޙްމަދުމަނިކު ފުރަތަމަ ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މަގުމަތީގައި ލޭނު ދެމުމާއި، އަދި ލޭނަށް ކަރަންޓް ދިނުމަށް ކޭބަލްއާ ގުޅައިލުމުގެ މަސައްކަތް ހިމެނެއެވެ. އެ މަސައްކަތަކީ، ވަރަށް ފަރުވާތެރިކަމާއެކުގައި ކުރަންޖެހޭ މަސައްކަތަކަށް ވުމުން، އޭރުވެސް ކަރަންޓާ ބެހޭ މަސައްކަތްތައް ކުރައްވަމުން ގެންދެވީ، ސަމާލުކަން ދޭންޖެހޭ ކަންތައްތަކަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެންނެވެ. އަދި މިގޮތަށް މަސައްކަތް ކުރަމުންދާއިރުވެސް، އިރާދަކުރެއްވީތީ އަޙްމަދުމަނިކުގެ އިހުމާލުން އެއްވެސް އެކްސިޑެންޓެއް ހިނގައިފައި ނުވާކަމީ، އަޙްމަދުމަނިކަށް ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަންނަވާ ކަމެކެވެ.

ލޭނުގެ މަސައްކަތުގެ އިތުރުން، މަގުމަތީގެ ޑިސްޓްރިބިއުޝަން ނެޓްވަރކް މަސައްކަތްތަކުގައިވެސް އަޙްމަދުމަނިކު އިސް ދައުރެއް އަދާކުރެއްވިއެވެ. މިހާރު ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ސައިޓްތަކުގައި ކުރާ މަސައްކަތްތައް ނިމުމުން، އެ ސައިޓުތަކަށް ވަޑައިގެން، ކުރެވިފައި ހުރި މަސައްކަތްތައް ޗެކް ކުރެއްވުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކަރަންޓް ދޫކުރައްވަނީ، މި ދެންނެވި ގޮތުން ބަލަންޖެހޭ ހުރިހާ ކަންކަން ބެއްލެވުމަށްފަހުގައެވެ.

އަޙްމަދުމަނިކަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދަވައެވެ. އަދި ކުންފުނީގެ ވަޒީފާއާ އަލަށް ގުޅޭ މުވައްޒަފުންނަށް، ކަންކަން ކުރަންވީގޮތް އޮޅުންފިލުއްވައި ދެއްވަމުންވެސް ގެންދަވައެވެ. އަޙްމަދުމަނިކު ފާހަގަކުރެވިފައި ވަނީ، ވަޒީފާ އަދާކުރެއްވުމުގައި މަސައްކަތަށް އިސްކަން ދެއްވައިގެން ފަރުވާތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.