އަލްފާޟިލް ޙަސަން ޢާމިރު
ގ. ރަންދެލިގެ

ޙަސަން ޢާމިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ މެކޭނިކެއްގެ ވަޒީފާގައި 12 ފެބުރުވަރީ 1983 ގައެވެ. ޙަސަން ޢާމިރު ދައުލަތަށް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާތާ 41 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޙަސަން ޢާމިރު މިހާރު ހުންނެވީ، އެ ކުންފުނީގެ ސަރވިސް އިންޖިނިއަރުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ޙަސަން ޢާމިރު ވަނީ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އިންޖިނިއަރސް އެސިސްޓެންޓް ކަމާއި، އިންޖިނިއަރ ކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ސުޕަރވައިޒަރު ކަމާއި، ސީނިއަރ ސުޕަރވައިޒަރު ކަމާއި، ސްޓެލްކޯގެ މެކޭނިކް ކަމާއި، ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް އިންޖިނިއަރު ކަމާއި، އިންޖިނިއަރުކަންވެސް ކުރައްވައިފައެވެ.

ޙަސަން ޢާމިރު، ސްޓެލްކޯގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި ފަހުން، ސްޓެލްކޯ މާލެ ޕަވަރހައުސްގެ އެއްވެސް އިންޖީނެއް، ޢާމިރުގެ ޢަމަލީ ބައިވެރިވެވަޑައިގަތުން ނެތި ޑީ-ކަރބަނައިޒް ކޮށްފައެއް ނުވެއެވެ. އިންޖީނުތަކާއި، އެއާ ގުޅިފައިވާ މެޝިނަރީޒް ބަލަހައްޓަވައި މަރާމާތު ކުރެއްވުމުގައި ފެށުނީއްސުރެ ޙަސަން ޢާމިރު ވަނީ، އިސް ދައުރެއް އަދާކުރައްވައިފައެވެ. ސްޓެލްކޯގެ ބެލުމުގެ ދަށުގައިވާ އެންމެ ދުވަސްވީ އިންޖީނުތައް، 30 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ފުރިހަމަކަންމަތީގައި އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ ޙަސަން ޢާމިރުމެން ފަދަ ބޭފުޅުން ފަރުވާތެރިކަމާ އެކުގައި ކުރައްވަމުން ގެންދަވާ މަސައްކަތުންކަން ފާހަގަކޮށްލަން ޖެހެއެވެ. މި މަސައްކަތްތަކަކީ، އިންޖީނު އުފައްދާ، ދުނިޔޭގެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ "ވާރޓްސިލް" އިންވެސް ފާހަގަކޮށް، ތަޢުރީފު ކޮށްފައިވާ މަސައްކަތްތަކެއްވެސް މެއެވެ.

ސްޓެލްކޯ މާލެ ޕަވަރހައުސްގައި ޙަސަން ޢާމިރު އަދާކުރައްވަމުން ގެންދަވާ މަސައްކަތްތަކުން ސްޓެލްކޯއަށް އަދި ދައުލަތަށް ބޮޑެތި ޚަރަދުތަކެއް ސަލާމަތްވަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން، 1988ވަނަ އަހަރު 1MW މަރލީސް ބްލެކްސްޓޯން އިންޖީނުގެ ކްރޭންކްޝާފްޓް އަންޑަރ ސައިޒް ކުރުމުގައި، ޙަސަން ޢާމިރު އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. އެ ދުވަސްވަރަކީ، މިފަދަ ކަންކަމަށް ބޭނުންވާ ސްޕެޝަލް މެޝިނަރީޒް ލިބުންދަތި ދުވަސްވަރަކަށް ވުމުން، ޢާމިރު ވަނީ އެކަމަށް ބޭނުންވާ މެޝިނަރީޒް ފަރުމާ ކުރައްވައި، ކްރޭންކް ޝާފްޓް ވަރަށް ފުރިހަމައަށް މަރާމާތު ކުރައްވައިފައެވެ. މިއީ، ރާއްޖޭގައި މިފަދަ މަރާމާތެއް ކުރި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، ޙަސަން ޢާމިރުގެ ވެލްޑިންގ އަދި މެޝިނިންގ ހުނަރުތައް ފަރުމާކޮށްފައިވާ އާލާތްތަކަކީ، އޭގެ ސަބަބުން ސްޓެލްކޯއިން ކުރާ މަސައްކަތްތައް ލުއިވެ، އަގުހުރި މެޝިންގެ ޕާޓްސްތައް ހަލާކުވުމުން ސަލާމަތްކޮށްދީފައިވާ އާލާތްތަކެކެވެ. މި މަސައްކަތްތަކަކީ، އިންޖީނުތަކާ ގުޅޭ ތަމްރީނު ދެއްވުމަށާއި، އިންޖީނުތަކުގެ ފެންވަރު ބެއްލެވުމަށް ވަޑައިގެންނެވި ރާއްޖެއިން ބޭރުގެ ފަންނީ ބޭފުޅުންގެ ތަޢުރީފު ލިބި، އެ ބޭފުޅުންވެސް ބަލައިގަނެފައިވާ މަސައްކަތްތަކެކެވެ.

ޙަސަން ޢާމިރު ވަނީ މާލޭގެ އިތުރުން، ރާއްޖޭގެ އެތައް ރަށެއްގައި ޕަވަރ ޕްލާންޓްތައް ޤާއިމުކުރުމުގައްޔާއި، އޮޕަރޭޓްކޮށް ބެލެހެއްޓުމުގެ އިސް ޒިންމާވެސް އަދާކުރައްވައިފައެވެ. މިގޮތުން، ކ. ތުލުސްދުއާއި، ހދ. ކުޅުދުއްފުށްޓާއި، އަދި ގދ. ތިނަދޫގައި ކުރެއްވި މަސައްކަތް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، ރާއްޖެ ދުށް އެންމެ ހިތާމަވެރި ކާރިސާ ކަމުގައިވާ ސުނާމީ ކާރިސާގައި، ރައްޔިތުންނަށް ކަރަންޓުގެ އަސާސީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ވ. އަތޮޅާއި، މ. އަތޮޅާއި، އއ. ރަސްދޫގައި ޕަވަރ ރީ-ސްޓޯރޭޝަން ޕުރޮޖެކްޓުތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

ޙަސަން ޢާމިރު ސްޓެލްކޯއަށް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި، ހާސިލު ކުރައްވައިފައިވާ ތަޖުރިބާތަކާއި، ހުނަރުތައް ހިއްސާކޮށް، ޒުވާން، ފަންނީ ގިނަ އަދަދެއްގެ މުވައްޒަފުން އުފައްދަވައި ތަމްރީނު ކުރެއްވުމަކީ، މިއަދު ޙަސަން ޢާމިރުގެ އެންމެ ބޮޑު އަމާޒެވެ.